ޗެމްޕިއަންސް ލީގުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބު ކުރި 100 ވަނަ ލަނޑާއެކު ޗެލްސީ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމު ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ޑިފެންސް ލައިން ވަރަށް އޯގަނައިޒްކޮށް ފެނުނުއިރު، ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނެވެ.
މެޗު ފަށައިގެން ފުރަތަމަ ތިން މިނިޓްގެ ތެރޭގައި ބާސާއިން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި ލިއޮނަލް މެސީ ވަނީ ލަނޑު ޖަހާފައެވެ. މިއީ މެސީގެ ފުޓްބޯޅަ ހަޔާތުގައި މެޗެއްގައި އެންމެ އަވަސްކޮށް އޭނާ ކާމިޔާބު ކުރި ލަނޑެވެ.
ބާސާއިން މެޗުގެ ކުރީކޮޅު ލީޑު ނެގުމުން ޗެލްސީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. އެހެން ނަމަވެސް އެ ޓީމުގެ އުންމީދު ފަނޑުކޮށްލީ އޯސްމާން ޑެމްބެލޭ ޖެހި ލަނޑާއެކުގައެވެ. މެޗުގެ 20 ވަނަ މިނިޓުގައި ޑެމްބެލޭ މި ލަނޑު ޖެހީ މެސީ ދިން ހިތްގައިމު ބޯޅަ އަކުންނެވެ.
ޗެމްޕިއަންސް ލީގުގައި މެސީ ސައްތައެއް ހަމަކުރި ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނިޓުގައެވެ. މި ލަނޑު ޖަހަން މަގުފަހި ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
މި މޮޅާއެކު ބާސާ ކުއާޓާ ފައިނަލްގެ ޖާގަ ހޯދިއިރު، ޖަރުމަނުގެ ގަދަބާރު ބަޔާން މިޔުނިކް ވެސް ވަނީ ފަސޭހަކަމާއެކު ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ފުރަތަމަ ލެގު 5-0 އިން ކާމިޔާބު ކޮށްފައި އޮތް ބަޔާން މިޔުނިކުން ވަނީ ރޭގެ މެޗުގައި 3-1 އިން ބެސިކްޓަސްގެ މައްޗަށް ކުރި ހޯދާފައެވެ.
ޗެމްޕިއަންސް ލީގުގެ މި ސީޒަންގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދާފައިވާ ޓީމު ތަކަކީ ސްޕެއިންގެ ރެއާލް މެޑްރިޑް، ބާސެލޯނާ، ސެވިއްޔާ، އިންގްލެންޑްގެ މެންޗެސްޓާ ސިޓީ، ލިވަޕޫލް، އިޓަލީގެ ރޯމާ، ޔުވެންޓަސް އަދި ޖަރުމަނުގެ ބަޔާން މިޔުނިކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް