ރޭގެ މުޒާހަރާ އާއި ގުޅިގެން 15 މީހަކު ފުލުހުންގެ ހައްޔަރުގައި

ރޭ އިދިކޮޅު ފަރާތްތަކުން މަޖިދީ މަގުގައި ކުރި މުޒާހަރާގެ ތެރެއިން 15 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ މީޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގެ މުޒާހަރާ އަކީ ...

15 Mar 2018 | 06:31

ރޭ އިދިކޮޅު ފަރާތްތަކުން މަޖިދީ މަގުގައި ކުރި މުޒާހަރާގެ ތެރެއިން 15 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގެ މުޒާހަރާ އަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ގޮވާލާ ކުރި މުޒާހަރާއެއް ކަމަށެވެ. އަދި ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަން ނިކުތީ އާންމުންގެ ފަރާތުންނާއި މަޖީދީ މަގުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ފަރާތުން ލިބުނު ޝަކުވާ އާއި ގުޅިގެން ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ރޭގެ މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކުރީ 10 މީހުން ކަމަށެވެ. އެކަމަކު ފުލުހުން މިއަދު ބުނީ 15 މީހުން ރޭގެ މުޒާހަރާ އާއި ގުޅިގެން ބަންދުގައި އެބަ ތިބި ކަމަށެވެ.

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހިމެނެ އެވެ.

ރޭ ހައްޔަރު މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ. އަނެއް މީހާ ހައްޔަރު ކުރީ ފުލުހެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިގެންނެވެ.

މީގެ އިތުރުން ރޭގެ މުޒާހަރާގެ ތެރެއިން 105 މިރުސް ފެން ކޮތަޅު ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އެ ހޯދި ތަނެއް އަދި އެކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ހާމައެއް ނުކުރެ އެވެ.

އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި ކޮންމެ ރެއަކު މުޒާހަރާ ކުރަމުންދަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް