ސުޕްރީމް ކޯޓުގެ ފަނޑީޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހައްޔަރު ކުރި އިރު އޭނާ ގެންދިޔައީ އޮޕަރޭޝަނަކަށް ތައްޔާރު ވަމުން ކަމަށް އާއިލާއިން ބުނެފި އެވެ.
ނާސިރާގެ ދެ ދަރިކަލުން މުހައްމަދު ސަރްފަރާޒާއި އަހުމަދު މިސްފިރު ސޮއި ކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުވެސް ނާސިރާ ބޮޑިު ދެއޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން ދާކަމަށް ފުލުހުންނަށް އެންގި ކަމަށެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އޮޕަރޭޝަނަށް ތައްޔާރުވަމުންދާ ކަމުގެ ހުރިހާ ލިޔެ ކިޔުންތަކެއް ފުލުހުންނާއި ހަވާލު ކުރި ކަމަށެވެ. އެކަމަކު މަންމަގެ ބަލިހާލަތަށް ބަލައި ބަންދަށް ލުޔެއް ދީފައި ނުވާ ކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ނާސިރާ ބަނދުގައި ބަހައްޓާފައި ހުންނަ ތަނަކީ އެ ބަލި މީހަކަށް އެކަށޭނެ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަނަކަށް ނުވުމުގެ ސަބަބުން މަންމަގެ ބަލި ހާލަތު ދުވަހުން ދުވަހަށް ދަށްވަމުންދާ ކަން ވަނީ ފާހަގަކުރެވިފައި ކަމަށް ބުނެފައިވެ އެވެ.
ގޭތެރޭގައި ދިމާވަމުންދާ މައްސަލަ ތަކާއި ގުޅޭގޮތުން ބުނެފައިވަނީ ނާސިރާ އަކީ ކުޑަ ދެ ކުދިންނާއި މުސްކުޅި މަންމަ އަކާއި ބައްޕައެއް ބަލަމުންދިޔަ މީހެއް ކަމަށެވެ. މަންމަ ނެތުމުން ކުޑަ ދެ ކޮއްކޮ އާއި މާމަ އާއި ކާފަ އަށް ވަނީ ފޫނުބެދޭވަރުގެ ހިތާމައާ ކުރިމަތިވެފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ނަފުސާނީ ގޮތުން މިކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ކުރުމުގެ ސަބަބުން ކިޔެވުމަށާއި ދިރިއުޅުމަށް މިކަމުގެ ގެއްލުންތައް ދަނީ އިންތިހާއަށް ކުރިމަތިވަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ނާސިރާ ހައްޔަރުކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް