އުފަންވުމުން... 20 ވަނަ ބައި

" ދެން މި ތާނގައި މަޑު ނުކޮށް އަވަހަށްދޭ. މިއީ އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫން. އަހަރެން ބޭނުމެއް ނޫން، އަހަރެންގެ އަތުން ތި ދެބެންނަށް އެއްވެސް ގެއްލުމެއް ވާކަށް.. " އައިމަން މަޑުމައިތިރިކަމާއ...

15 Mar 2018 | 02:00

" ދެން މި ތާނގައި މަޑު ނުކޮށް އަވަހަށްދޭ. މިއީ އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫން. އަހަރެން ބޭނުމެއް ނޫން، އަހަރެންގެ އަތުން ތި ދެބެންނަށް އެއްވެސް ގެއްލުމެއް ވާކަށް.. "

އައިމަން މަޑުމައިތިރިކަމާއި މަޑުމޮޅި ކަމާއެކު އޭނާގެ ހިތުގެ ޝުއޫރު އަސަރުން ފުރިގެންވާ ހާލު ބަޔާންކުރަމުން ދިޔައެވެ. ބުރަ މަސައްކަތަކަށްފަހު ދާހިއްލާފައި ހުރި ނާއިލްއާ ނާއިލާ އޭނާގެ ކުރިމަތީގައި ހުއްޓި ތިއްބެވެ. ވަށައިގެން ބޮޑެތި ގަސްތަކުން ފުރިގެންވާ ވަލުގެ އެތައްތަނެއް އެތެރޭގައި އެ މީހުން ތިބިއިރު، ފުރޭނިގެން އަންނަ ހަނދުވަރުގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއްނެތެވެ. އައިމަންގެ ދެ އަތާއި ދެ ފައިގައި ވަނީ ވަރުގަދަ ދަގަނޑު ޗޭނުގަނޑަކުން ހިލިހިލާ ޖަހާލައެވެ. އޭނާ ބިންމަތީގައި ބާއްވާލެވިފައިވާއިރު، އަތާއި ފައިގައި ޖަހާފައިވާ ދަގަނޑު ޗޭނުތައް ގުޅާލެވި ބަނދެލެވި ތަޅު އަޅުވާފައި ވަނީ އެތާ ކައިރީގައި ހުރި އެންމެ ބިޔަ ވަރުގަދަ ދެ ގަހުގައެވެ. ވަރުގަދަ ބިޔަ މިނިކާ ޖަނަވާރަކަށް ވުރެ ވެސް ވަރުގަދައަށް އޭނާ ބަނދެ ހައްޔަރުކޮށްފައިވާ ކަހަލައެވެ.

ކުއްލިއަކަށް އައިމަންގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އަރައިގެން ދިޔައެވެ. ބިންމަތީގައި ދަމާލެވިފައިވާ ހަށިގަނޑު ހަތަރެސް ފައިމައްޗަށް ކޮއްޅަށް ޖެހުނެވެ. އަތާއި ފައި ބަޅުކޮށް ގަދަ ބާރާއެކު ހަރަކާތްތައް ކުރަމުން ދިޔައެވެ. ހަށިގަނޑުގެ މަސްތައް ފުފިއަރައި ބަދަލުތައް އަންނަން ފެށިއެވެ. މޫނުން ރުޅިވެރިކަން ފާޅުވެ، އަނގަ ހުޅުވެމުން ދިޔައެވެ. ދަތްތައް ތޫނުވެ ކަޅުކަޅި ވަކި ނުވާވަރަށް މުޅި ލޯ ކަޅުވާން ނެގީ ކުޑަ ހިނދުކޮޅެކެވެ.

" ދާށޭ.. މި ތަނުން ދޭ.. ނާއިލާ ހެޔޮނުވާނެ މި ތަނުންދޭ... މި ތަނުން ދާށޭ.. "

އައިމަންގެ ގަދަފަދަ ހަޅޭކުގެ އަޑާއެކު ގަދަކަމުން ކަހަލަ ގޮތަކަށް ނާއިލް ނާއިލާ ގޮވައިގެން ދުރަށް ހިނގައިގަތެވެ. ގިސްލާ ރޮމުން ދިޔަ ނާއިލާ ނުދާން ގަދަ ދައްކަމުން ފަހަތަށް އެނބުރި އައިމަންއަށް ބަލަމުން ދިޔައެވެ. އޭނާގެ މޫނުން އެ ފާޅުވަނީ ލޯތްބާއި ކުލުނުގެ ފުރިހަމަ ކަމެވެ. އޭނާގެ ލޯބިވާ ފިރިމީހާއަށްޓަކާ ދެވިފައިވާ ގަދަރެވެ. މިއަދު ކޮންމެ ހާލަތެއްގައި ކޮންމެ ސިފައެއްގައި ވީނަމަވެސް، އައިމަން އެ ހާލަށް ދޫކޮށް ދާން އޭނާގެ ހިތެއް ނޭދެއެވެ. އައިމަންއަށް ލިބޭ ކޮންމެ ދެރައަކީ އޭނައަށް ވެސް ލިބޭ ދެރައެވެ. އައިމަންގެ ކޮންމެ ހިތާމައަކާއި ހިތްދަތިކަމަކީ އޭނާގެ ވެސް ހިތާމައަކާއި ހިތްދަތިކަމެވެ. އޯގާތެރިކަމާއި އަޅާލުމާއި ލޯތްބަކީ ދިރިއުޅުމުގެ ބާރުކަން ނާއިލާ ރަނގަޅަށް ދަނެއެވެ.

" ކީއްވެ ކުރިކަމެއްތީ؟ " ވަރުބަލިކަން ފިލާގޮސް މާނޭވާލެވުން ހުއްޓި ހަމަޖެހިލެވުމުން ހަމްޒަތު ބިންމަތިން ތެދުވެ ގައިން ވެލިފޮޅާލަމުން ބިންމަތީގައި އިށީންދެއްޖެއެވެ.

" މަސައްކަތުގެ ކުރިން އިމްތިޙާނެއް ހަދާލީ.. މިހާރު މަށަށް ޔަގީންވެއްޖެ ތި ކަހަލަ ބާރުހުރި އެހެން އެއްޗަކަށް ވެސް މަ މި ހެދި އެތިފަހަރުގެ އެތެރެއަށް ނުވަދެވޭނެކަން.. " އޭނާ ހުރި ބުރުގެ ތެރެއަށް އިޝާރާތް ކުރަމުން ހާމިދު ކިޔައިދިނެވެ. އާނއެކެވެ. އޭނާގެ ރައްކާތެރިކަން ހަށަވަރުކުރުމަށް ގަދަ ބާރުގައި ހަމްޒަތުގެ ނަފުސު ހޭލައްވާލައި، އޭނައަށް ހަމަލާ ދިނުމަށް މަޖުބޫރު ކުރުވިއެވެ. އެހެނަސް އެއީ އޭނާގެ ރައްކާތެރިކަމަށް އޭނާ ހެދި އެތިފަހަރުގެ ވަރުގަދަކަން ކަށަވަރުކުރުމަށެވެ. އެހެންކަމުން މިހާރު އޭނައަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ޔަގީންކަމެއް އެބައޮތެވެ.

ދަންވަރު ބާރައިން ފެށިގެން އައިމަން ލެއަށް ބޭނުންވެ ތެޅިފޮޅެމުން ދަނީއެވެ. މުޅި ހަށިގަނޑު ކޮންޓްރޯލް ނުވެ ޖަހާފައިވާ ޗޭނުތައް ބުރުއްސުވާލާފައި ވިޔަސް އިންސާނެއް ޝިކާރަކުރުމަށް އޭނާގެ އެތެރޭގައިވާ ބާރު މަސައްކަތް ކުރުވަނީއެވެ. އެހެނަސް އޭނާ ހައްޔަރު ކުރެވިފައި ވަނީ އެއަށްވުރެ ވަރުގަދައަށެވެ. އަޅާ ވޭނާއެކު ލަވަމުންދިޔަ ހަޅޭކުގެ ގަދަ އަޑުން މުޅި މާހައުލު ގުގުމަމުން ދިޔައެވެ. މިގޮތުގައި ވަގުތުތައް ހޭދަވަމުން ދިޔައިރު މާދުރުގައި ހުއްޓިގެން ތިބެ ނާއިލާއާއި ނާއިލް ކެތްތެރިވެވޭތޯ މަސައްކަތް ކުރަނީއެވެ.

ވަގުތުތައް ހޭދަވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ބާރައިގެ ފަސްވެ، ގަޑިއަކަށްފަހު ގަޑިއެއް ފާއިތުވަމުން ގޮސް މެންދަމުން އަނބުރާ ތިނެއް ޖަހަނީއެވެ.

" ހުމމ.. މިހާރު ވަގުތު ޖެހެނީމި. އެހެންވީމާ ދެން ކަލޭދޭ.. މަކިޔައިދިން ކަންތައްތައް ހަދާން ބަހައްޓާތި.. މަށަށް ނުވެއްޖިއްޔާ ދެން އޮތްބައި ފުރިހަމަ ކުރުން އެއީ ކަލޭގެ ކަމެއް.. "

ހާމިދުގެ އަމުރަށް ހަމްޒަތު އާދަޔާ ޚިލާފު ބާރު އަވަސް ހަރަކާތަކާއި ދުވެއްޔަކާއެކު، ގޯތިތެރެއިން ނުކުމެ ގެއާ ދުރަށް މިސްރާބު ޖެހިއެވެ. ހަމްޒަތު ދިއުމުން ހާމިދު ގެއަށް ވަދެ އޭނާ ބޭނުންވާ ސާމާނުތައް ހިފައިގެން ނުކުމެ، ކުރިން ކުރެހި ބުރުގެ ބޭރުން ތަންކޮޅެއް ބޮޑުކޮށް ވައްބުރެއް ކުރަހައި، އޭގެތެރޭގައި ގޮނޑިއެއް ބަހައްޓައި އޭގައި އިށީންދެ ހަމަޖެހިގެން އިނދެ މަސައްކަތަށް ތައްޔާރުވާން ފެށިއެވެ.

މުޅި ހަށިގަނޑު ބަދަލުވެފައިވާ ހާލު އައިމަން ލަވަމުން ދިޔަ ގަދަފަދަ ހަޅޭކުގެ އަޑު މަޑުމަޑުން ފަނޑުވަމުން ގޮސް އެއްކޮށް އަޑު ކެނޑިއްޖެއެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ނާއިލާގެ އާދޭސް ކުރުންތަކަށް ފުރަގަސް ދޭން ނުކެރިގެން، އެންމެ ފަހުން ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަނެއްކާ ވެސް އައިކޮޅަށް އެ ދެ މީހުން ހިނގައިގަތެވެ. އައިމަންގެ ކައިރިއަށް ދިއުމަށެވެ.

ނާއިލާއި ނާއިލާއަށް އައިމަން ފެނުމާއެކު ލިބުނީ ހައިރާން ކަމެކެވެ. އެހެނަސް އެ ހައިރާންކަން ފިލާ ގޮސް އުފާވެރިކަން ވެރިވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވަރުދެރަވެ ވަރުބަލިވެފައިވާ ހާލު ބިންމައްޗަށް ދެމިފައި ކަހަލަ ގޮތަކަށް އޮތް އައިމަން ބޯއުފުލާ ނާއިލްއާ ނާއިލާއަށް ބަލައިލީ ހިނިތުން ވުމަކާއެކުގައެވެ. އޭނާގެ ހަށިގަނޑު އަދިވެސް ކުރިންގެ އާދައިގެ ހާލަތައް ރުޖޫޢަ ނުވެއެވެ. އެހެނަސް، އޭނަގެ ގަޔަށް އެރި ބާރުގަނޑާއި ކޮންޓްރޯލުން ނައްޓާލާ ދިއުމުން އޭނާ ވަނީ ވީއްލި ސަލާމަތްވެފައިކަން އޭނާގެ ހަރަކާތާއި މޫނަށް ބަލައިލުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. އެހެނަސް، އޭނައަށް ލިބިފައިވާ ވޫލްފެއްގެ ހަށިގަނޑު ބަދަލުނުވެ އޮތީއެވެ.

އުފަލުން ހިނިތުންވެފައިވާ ހާލު ނާއިލްއާ ނާއިލާއާ ދެބެންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ކާމިޔާބުގެ ހިނިތުން ވުމަކާއެކުގައެވެ. ނާއިލްގެ ވިސްނުމަކަށްވީ އެންމެ ރެއެއްގެ އެންމެ ވަގުތުކޮޅެއްގައި އަންނަ ބަދަލެއް ކަމަށް ވާނަމަ އެކަން ހައްލު ކުރެވެން ވާނެކަމަށެވެ. އެކަމުގެ ސަބަބުން ގެއްލުމެއް ވިޔަސް ހެޔޮކަމަށް އައިމަން އެކަމަށް އެއްބަސްވީއެވެ. އެހެންކަމުން ހިލިހިލައިން ކަސްތޮޅު އަޅާފައި އައިމަން ބޭއްވުނީއެވެ. އެ ބަންދުން ސަލާމަށް ނުވެވުމުން ހަނދުގެ ފުރިހަމަކަމުގައި ރޭގަނޑުގެ މެންދަމު ބާރައިގައި އައިމަންއަށް އައި ބަދަލު އެ ވަގުތަށް ފަހު ފިލާ ދިޔައީއެވެ. ލެއަށް އިންތިހާއަށް ދަހިވެ، އިންސާނުނަށް ނުރައްކާވެފައިވާ ހާލުގައި ވެސް އެ ނުރައްކަލުން އައިމަން ސަލާމަތްވެ، އިންސާނީ ނަސްލު ވެސް ސަލާމަތްވީއެވެ.

ހައްލެއް ނެތް މައްސަލައެއް އުފަންވޭ ހެއްޔެވެ؟ ނޫނެވެ. އެހެނަސް މައްސަލައެއްގެ ހައްލު ފެންނާނީ އެ ހައްލު ހޯދަން އުޅޭ މީހުންނަށެވެ. ކުރިމަގަށް ވިސްނައިގެން ފިޔަވަޅު އަޅައިގެންނެވެ. އެހެނަސް ހައްލު ހޯދަން ނޫޅޭ މީހަކަށް ހަގީގީ ހައްލެއް ނުފެންނާނެއެވެ. އޭގެ ބަދަލުގައި އަބަދު ވެސް ފެންނާނީ ފަނާކުރަނިވި ކޮންމެވެސް އެހެން ގޮތެކެވެ. ނުބައެއްގެ ފަހަށް އަނެއް ނުބައެވެ.

ކުރެހި ވަށްބުރުގެ ވަށައިގެން، ރޯކޮށްފައިވާ އުއްބައްތިތައް އަތުރައިގެން އިނދެ، އެ ބުރުގެ ތެރޭގައި އަލިފާންގަނޑެއް ރޯކޮށް އޭގެ ކައިރީގައި އިނދެގެން ހާމިދު ތުންތަޅުވަމުންދާތާ ކިތަންމެ އިރެކެވެ. މިހެން އިނުމަށްފަހު މަރާލެވިފައިވާ އޭނާގެ ދެ ލޯ ހުޅުވާލިއެވެ. ކައިރީގައި ބާއްވާލާފައި އޮތް ކަނީރުމާ ނަގައި އަލިފާންގަނޑުގެ ތެރެއަށް އެއްލިއެވެ.

ހަމަ އެ ވަގުތެވެ. އުފަލާއެކުގައި ހިނިތުންވެ ތިބި ނާއިލް އާއި ނާއިލާއަށް ކުއްލި ސިހުމެއް ލިބި ފަހަތަށް ފިޔަވަޅު އެޅިގެން ދިޔައެވެ. ހިނިތުންވުމާއެކު ހަމަ ހިމޭންވެ އޮތް އައިމަންގެ ހަށިގަނޑަށް ކުއްލި ބާރުގަނޑެއް އަރަގެން ދިއުމުންނެވެ. ހަށިގަނޑަށް އައި ކުއްލި ލޮޅުމަކާއެކު، ފުންމައިގެން ތެދުވިއެވެ. އާދައިގެ ހާލަތަށް ބަދަލުވެފައިވާ އޭނާގެ ލޯ އަނެއްކާ ވެސް އެއްކޮށް ކަޅުވެގެން ދިޔައެވެ. ކުރިއެކޭ އެއްފަދައިން އަތާއި ފައި ބަޅުކޮށް ހަޅޭލަވަން ފެށިއެވެ. އޭރު ގައިގެ މަސްތައް ފުފިއަރަނީއެވެ.

" އައިމަން.. އައިމަން.. ކިހިނެއް ތިވަނީ؟ މަގޭ އައިމަން " ނާއިލާ މޮޔަވިކަހަލައެވެ. އައިމަންއާ ދިމާއަށް ދުއްވައިގަތެވެ. އެހެނަސް....

" ނޫން ނާއިލާ.. ހެޔޮ ނުވާނެ އަހަންނާ ކައިރި ނުވާތި.. މިރޭ އަހަރެމެންނަށް ހުރިހާ ކަމެއް ހައްލު ކުރެވުނު.. މިހާރު މިއީ މިރެއާ ގުޅުންހުރި ކަމެއް ނޫން.. މިހާރު އަހަރެންގެ ހަށިގަނޑަށް ވަރުގަދަ ސިހުރުވެރިއަކު ބާރު ފޯރުވަން އެބަ މަސައްކަތް ކުރޭ.. އަހަންނަށް މި ވޫލްފް ހަށިގަނޑާއެކުގައި އެ ސިހުރުން ރެކި ސަލާމަތެއް ނުވެވޭނެ.. އެ ސިހުރުގެ ބާރު ވަރަށް ގަދަ.. އަހަންނަށް އަހަރެންގެ ނަފުސު ކޮންޓްރޯލެއް ނުވާނެ.. އޭނާ އަހަރެން ވަކި ދިމާލަކަށް ގެންދަން އެބަ މަސައްކަތް ކުރޭ.. ނާއިލާ ހެޔޮނުވާނެ.. މި ތަނުންދޭ.. ކޮންމެ ފަދަ ގޯހެއް ވެސް ހިނގާފާނެ.. "

ބަރު އަޑުން އައި އައިމަންގެ ވާހަކަތަކުން ނާއިލާ ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. އަނެއްކޮޅުން ނާއިލްގެ ހިތުގައި ވަގުތުން އިންތިޙާއަށް ރުޅިވެރިކަމާއި ނަފުރަތުގެ ޝުޢޫރު އުފެދި އުތުރުއަރައިގެން ދިޔައެވެ.

" އެ ނުލަފާ ހާމިދު.. އަހަރެމެން މިހާވަރުން ހެދުނު ގޯހުން ސަލާމަތްވެ، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް މަގު ކޮށީމަ ވެސް، އެ ދައްޖާލުގެ ކިބައިން ސަލާމަތެއް ނުވިތާ.. ހުރެބަލަ މަގޭ ނުލަފާކަން އެ ޖާހިލު ސިހުރު ބެއްޔާއަށް ދައްކާލާނަން.. "

ނާއިލް ހިތުގައި އުފެދުނު ރުޅިވެރި ޝުޢޫރާއެކު ނާއިލާ ގޮވައިގެން އެ ވަލުން ނުކުންނަށް ހިނގައިގަތެވެ. ހަމަ އެ ވަގުތު ގަދަ އަޑުފައްގަނޑާއެކު، އައިމަންގެ އަތާއި ފައިގައި ޖަހާފައިވާ ހިލިހިލާތައް ބުރައިގެން ދިޔައެވެ. އައިމަން ސަލާމަތްވުމާއެކު، ހަމަ އެ ހިނދު ވިދުވަރެއްފަދަ ހަލުވި ކަމާއެކު އައިމަން އެ ތަނުން ގެއްލިއްޖެއެވެ. ކަން ހިނގާ ދިޔަގޮތް ވިސްނި ހުރި ނާއިލް އޭނާގެ ހިނގުން އަވަސްކޮށްލިއެވެ.

ހާމިދު އިސްއުފުލާ ބައިލީ ހިނިތުންވެ ހުރެއެވެ. އޭރު އޭނާގެ ކުރިމަތީގައި ރުޅި އައިސް ފުފިފައި އައިމަން ހުއްޓެވެ. ބުރުގެ ބޭރުގައެވެ. ވޫލްފެއްގެ ހަށިގަނޑާއި އެ ބާރާއެކުގައެވެ.

" ކަލޭ މަށަށް ކިހިނެއް ހަދާނަމޭ ހިތާތަ ތި އުޅެނީ؟ " ބަރު ބިރުވެރި އަޑަކުން އައިމަން ރުޅިވެރި ކަމާއެކު ސުވާލުކުރިއެވެ.

" ކަލޭގެ ދުވަސް ދުއްވާލަން.. އެނޫން އެހެންދެން ކޮން ބޭނުމެއް..." މަލާމާތުގެ ރާގުގައި އެއްވެސް ޖެހިލުމެއްނެތި ހާމިދު ވާހަކަ ދެއްކިއެވެ.

" ހެޔޮ ނުވާނެ.. މަ މަގޭ ދިރިއުޅުމައިގެން ދޫކޮށްލާ.. މަށަށް އުނދަގޫ ނުކުރޭ.. މިރޭ ނާއިލް މަ ހައްޔަރުކުރި.. އެގޮތުން މަށަށް އިންސާނަކަށް އަނިޔާވެރިނުވެ ސަލާމަތް ވެސް ވެވިއްޖެ.. ހުރިހާ ކަމެއް ހައްލު ވެއްޖެޔޭ.. "

އައިމަން ރުޅިމަޑުކޮށް ވިސްނައިދޭފަދަ ރާގުގައި ހާމިދުއާ ވާހަކަ ދެއްކިއެވެ.

" ހަހަ.. މަށަށް އެނގެޔޭ ތިކަން.. ހީނުކުރައްޗޭ މަމީ މާރަނގަޅު މީހެކޭ.. މަ ކޮންމެހެން މިއުޅެނީކީ ކަލޭގެ ސަބަބުން އެހެން އިންސާނުންތަކަކަށް ގެއްލުންވާތީ އެކަމުން ސަލާމަތް ކުރާކަށް ނޫނޭ.. މަށަށް ކަލޭގެ މައްޗަށް ބާރެއް ނެތް.. އެހެން ވީއިރު، މަ ބޭނުމެއް ނުވޭ ކަލޭ މިދުނިޔޭގައި ބަހައްޓާކަށް... ކަލޭ ތިއީ ނާއިލްގެ ސަބަބުން މަށަށް ހެދުނު ގޯހެއްގެ ނުބައި ސުންޕާ ނަތީޖާ.. "

ހާމިދުގެ ދުލުން އޭނާގެ ފުރިހަމަ ސޫރަ އަނެއްކާ ވެސް ފާޅުވަމުން ދަނީއެވެ. އޭނަގެ މަގުޞަދުގެ ނުބައިކަމާއި އެއްވެސް ރަޙުމެއް ކުލުނެއް ނެތްކަން އެނގިގެން ދަނީއެވެ. ވާނީ އެހެންތާއެވެ. ނުބައި ނުލަފާ ސިހުރުވެރިއެއްގެ ހިތެކޭ ހިލައެކޭ އެއްގޮތްވާނެއެވެ.

ހާމިދުގެ ވާހަކަތަކުގެ ސަބަބުން އައިމަންގެ ރުޅިވެރިކަން އިތުރުވިއެވެ. އޭނާގެ ބާރު އެނގިހުރެ ހާމިދުއާ ދިމާއަށް ޝިކާރަ ކުރާ ޖަނަވާރެއް ފަދައިން ފުންމައިގަތެވެ. އެހެނަސް ބުރުގެ އެތެރެއަށް ނުވަދެވި ވިއްސައިގެން ގޮސް ބިންމައްޗަށް ޖެހުނެވެ. ހާމިދު މަލާމާތުގެ ހިނިގަނޑަކުން ރައްދު ދިނެވެ. ނަމަވެސް ހަމަ އެހިނދު ދެން ފެނުނީ ހާމިދު ކުރިން ވެސް ވިސްނައިގެން ހުރި ފަދަ އާދަޔާ ޚިލާފު ކަމެކެވެ. އައިމަންއަށް ލިބިފައިވާ ބާރަކީ އެއީއެވެ. އެތައް ހަށިގަނޑެއް ހިއްސާކުރުމެވެ. ތަފާތެއް ވުމެވެ.

ބިންމަތިން ތެދުވެ ގައިން ވެލި ފޮޅާލަމުން ކުއްލިއަކަށް އައިމަން އޭނާގެ ބާރުތަކާއެކު ވޫލްފެއްގެ ހަށިގަނޑު ދޫކޮށް އާދައިގެ ހާލަތަށް ރުޖޫއަވެއްޖެއެވެ. އެއާއެކު ހާމިދު އެ ހަށިގަނޑަށް ހަދަމުންދިޔަ ސިހުރު ފިލާގޮސް، އެހެން މަހުލޫގުތަކުން ސަލާމަތްވުމަށް ހެދި އެތި ފަހަރުގެ ބޭނުން ހިނގައްޖެއެވެ. އާއެކެވެ. އާދައިގެ އިންސާނެއްގެ ގޮތުގައި އައިމަން ހިނގާލާފައި އައިސް ހާމިދުގެ ކައިރީގައި ހުއްޓުނެވެ.

" މުސްކުޅި ބޭގަނޑާ.. ދެން ހަދާނީ ކިހިނެއް؟ "

ރުޅިވެރިކަމާއެކު އައިމަން އަތް އުފުލާލީ ހާމިދަށް އަނިޔާވެރި ވުމަށެވެ. އޭނާގެ ދުވަސް ދުއްވާލުމަށެވެ. އެހެނަސް ހަމަ އެހިނދު އޭނާގެ ކަރުގެ ބުޑުން ނުކުމެގެން އެދިޔައީ ވޭނީ އާހުގެ އަޑެވެ. ކަރުގައި އަތް އަޅައިގެން ހުރެ އޭނާ ފަހަތަށް އެނބުރުނެވެ. އޭރު އޭނާގެ ކުރިމަތީގައި ހުރި ހަމްޒަތު، އޭނާގެ ގައިގެ ކުރިމައްޗަށް ދިއްކޮށްލައިގެން ހުރި އަތާއި ތޫނު ވަކިތަކުން ލޭ ތިކި ބިމަށް ޖަހައެވެ. އަޅަމުން ދިޔަ ގަދަވޭނާއެކު، އައިމަންގެ ކަނދުރާއިން، އަތުގެ އިނގިލިތަކުގެ ދެމެދުން ފޭދިގެން ލޭ ފައިބަމުން ދިޔައެވެ. އައިމަން އެނބުރުމާއެކު ހަމްޒަތު ބަލާކަށް ނުހުރެ، އައިމަންއަށް އިތުރު ފުރުސަތެއް ނުދީ އޭނާގެ ތޫނުވަކިތައް އައިމަންގެ ބަނޑަށް ކޮއްޕާލުމަށްފަހު އަތް ދަމައިގަތެވެ. ވޭނީ އަޑާއެކު، އައިމަން މަޑުމަޑުން ބިންމައްޗަށް ކުޑަކަކުލަށް ތިރިވިއެވެ.

ހިނިތުންވުމާއެކު މި މަންޒަރު ދެކެން އިން ހާމިދަށް ހަމްޒަތު ބަލައިލިއެވެ. އެހެނަސް ހަމަ އެ ވަގުތު އޭނާގެ މޫނަށް ވެރިވި ނުތަނަސް ކަމާއެކު، އެއްޗެކޭ ބުނަން އުޅެގަތެވެ. ނަމަވެސް ވަގުތު ފާއިތުވީ ދާދި އަވަހަށެވެ. އައިމަން އެކޭ އެއްފަދައިން ހާމިދާއި ހަމްޒަތުގެ ވޭނީ އާޙުގެ އަޑު ވެސް ފަޒާއަށް އަރައިގެން ދިޔައެވެ. ބޮޑު ވަޅިއެއް ހިފައިގެން ހުރި ނާއިލް، ފުރަތަމަ ހަމަލައަށް ފަހު ވަޅި ދަމައިގެންފައި އަނެއްކާ ވެސް ހާމިދުގެ ބުރަކަށްޓަށް ވަޅި ކޮއްޕާލިއެވެ. މިއިން ކޮންމެ ފަހަރަކު ނާއިލްގެ މޫނާއި ހަށިގަނޑު، ހާމިދުގެ ހަށިގަނޑުގެ ލޭގެ ތިކިތަކުން ތެމެމުން ދިޔައިރު، ހަމްޒަތު ވެސް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ހަޅޭލަވަމުން ދިޔައެވެ. އޭނައަށް ހަމަލައެއް އަމާޒު ނުވިޔަސް، ހާމިދު އެކޭ އެއްފަދައިން ހަމްޒަތުގެ ބުރަކަށި ވެސް އަމިއްލަ ޒާތުގައި ޒަހަމްވެ ލޭ އަންނަމުން ދިޔައެވެ. މުޅި ސަރަހައްދު ވަނީ ރުއިމާއި ވޭނީ ކެކުޅުމުގެ އަޑުން ގުގުމާލާފައެވެ.

ނާއިލަށް ހަމަ ހޭވެރިކަންވެ ހަމަބިމަށް ފޭބުނީ، އޭނާގެ އަތުގައި ދެ މީހަކު ހިފަހައްޓާ އޭނާގެ އަތުން ވަޅި އަތުލުމުންނެވެ. ފުލުހުން ވަގުތުން ނާއިލްގެ އަތުގައި ބިޑި އަޅުވައި މުޅިތަން އެ މީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ނާއިލްގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުން ގޯތިން ނުކުންނަނީއެވެ. މުޅި ސަރަހައްދު ފުލުހުން ބަންދުކޮށްލާފައިވާއިރު، އާންމުން އެއްވެ ތޮއްޖެހިއްޖެއެވެ. ކޮންމެ މީހެއްގެ ހިތުގައިމެ އުފެދިފައި ވަނީ ގޮތް ނޭނގޭ ބިރުވެރިކަމަކާއި ސުވާލުތަކެކެވެ. ޖަވާބު ލިބުމެއް ނެތިއެވެ. ފެންނަނީ، ހާމިދުމެންގެ ގޯތިތެރޭގައި ކުޅެވިފައިވާ ސިހުރުގެ ކުޅިގަނޑެވެ. އުއްބައްތިޖެހި ވައްބުރެވެ. އަނދާ ނިވިފައިވާ އަލިފާން ގޮނޑެވެ. އެ ގޮނޑުގެ ކައިރީގައި މަރުވެ ފުރާނަ ގޮސްފައިވާ ތިން އިންސާނުންގެ މަސްގަނޑެވެ. އާނއެކެވެ. އައިމަންއާ، ހަމްޒަތާއި ހާމިދުގެ ހަށިގަނޑެވެ. އަނިޔާ ލިބި ޒަހަމްވެ ލޭއޮހޮރިފައިވާ ހާލުގައެވެ. އަނެއްކޮޅުން ގޯތީގެ އެއް ފަރާތެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ގިސްލަ ގިސްލާ ކަރުނަ އަޅާހާލު ހުރި ނާއިލާ އާއި އަމްނާއެވެ. އެ ދެ މީހުންގެ ހިތާއި މޭ ޗިސްޗިސް ވެފައިވާ ކަހަލައެވެ. ހަމަ ނޭވާނުލެވެ. މާގިނައިރުތަކެއްނުވެ ނާއިލާ އަނބުރައި ގަތުމާއެކު ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި، މަރުވެފައިވާ ތިން މީހުންގެ ހަށިގަނޑު ވެސް ހޮސްޕިޓަލަށް ގެންދެވުނެވެ. ކުރަންޖެހޭ ތަހުގީގަށްޓަކައި ޓެސްޓްތައް ކުރުމަށެވެ. އިސްވެހުރެ ފަރުވާތެރިކަމާއެކު ތިން ހަށިގަނޑު ބަލާ ޓެސްޓްތައް ހަދަމުން ދިޔައީ ޑޮކްޓަރ ނިހާން އެވެ. ޓެސްޓްތަކުން ފުލުހުން ބޭނުންވިފަދަ ނަތީޖާތަކެއް ނުލިބުނެވެ. ތަފާތުތަކެއް ނުފެނުނެވެ. ތަހުގީގުގެ ކުރި ބަންދުވެދާފަދަ ގޮތަކަށް ދިމާވީއެވެ. އަނެއްކޮޅުން ހަމަ އެ ހޮސްޕިޓަލްގައި ޑޮކްޓަރ ޝަމާޢީލް ނާއިލާއަށް ފަރުވާދެމުން ދިޔައެވެ. ފަރުވާދޭ ކޮޓަރީގެ ބޭރުގައި ހަދާނެގޮތް ހުސްވެފައި އަމްނާ އިނެވެ.

ކަންތައްތައް ހީނުކުރާފަދަ ގޮތަކަށް ހިނގާ ގޮސްދާނެއެވެ. ނާއިލާއަކީ ޒުވާން ރީތި ކާމިޔާބު އަންހެން ކުއްޖަކަށް ވުމުން ފިރިހެނުން ހިތަކަށް ލިބެން ފެށުމުން މަގު އޮޅުނީއެވެ. ހެޔޮއެދުނު ލޯބިވެރިޔާ އައިމަން ދޫކޮށް، ހަމްޒަތާ ގުޅެވުނީއެވެ. ނާއިލާއަށް ނަތީޖާ ހިތިކޮށް ފެނި އަބުރާއި އިއްފަތްތެރިކަން ވެސް ގެއްލުނީއެވެ. ބަދަލު ހިފުމުގެ ރޫހުގައި ނުކުތް ނާއިލާގެ ބައްޕަ ހަމްޒަތުގެ އަތްދަށުވެ މަރުވީއެވެ. ޝަރީއަތުން، ކޯޓުތަކުން އިންސާފު ނުލިބުމުން ނާއިލަށް ގޮތް ހުސްވީކަމަށް ފެނުނީއެވެ. ބަދަލު ހިފުމަށް ނުބައިމަގަކުން ގޮސް ހާމިދުގެ އެހީ ހޯދުނީއެވެ. ހާމިދުގެ ނުބައި ރޭވުމުގައި ޖެހި ހެދުނު އެތައް ގޯހަކުން އެކަމާ ނުވެސް ބެހޭ އައިމަން އިންސާނީ ގިންތިން ބޭރުވީއެވެ. ތަފާތުތަކެއް ވާ މީހެއްގެގޮތުގައެވެ. އެހެނަސް ހާމިދުގެ ގޮތް ދޫނުކުރުމާއި އަމިއްލަ އެދުމަށް ހަމްޒަތު ވެސް އަތްދަށުލީއެވެ. އާރާއި ބާރު ދީގެން، ތަފާތު ދެވަނަ މަހުލޫގެއް އޭނާގެ ހިމާޔަތަކަށް ހެދީއެވެ. އެހެނަސް ހެދުނު ގޯސް ރަނގަޅު ނުވުމުން، ހައްލު ލިބުނޭ ހީވި ދަނޑިވަޅު އައިސްފައިމެ އައިމަންއަށް ހާމިދުގެ ނުރައްކަލާ ކުރިމަތިލާން ޖެހުނީއެވެ. ނުރައްކަލާއެކު ހިނގާދިޔަ އަނިޔާވެރި އިންސާނިއްޔަތުކަމެއް ނެތް މާރާމާރީއާއި ސިހުރުގެ ކުޅިގަނޑު ނިމުނީއެވެ. އުފަންވި އުފަންވުން ނެތި ދިއުމުންނެވެ. ހަމްޒަތާއި އައިމަންގެ ސޫރަ ވެސް ފަސްގަނޑަށްލާ ފޮރުވާލެވޭނެއެވެ. ސިހުރުގެ ފާފަ ކުރަމުން އައި ހާމިދާ ވެސް އެކުގައެވެ. ގުނެމުން ދަނީ އެންމެ ފަހު ވަގުތުތަކެވެ. އަނެއްކޮޅުން އަނެއްކާ ވެސް ނާއިލާ އެކަނިވެރިވީއެވެ. އަމްނާ ވެސްމެއެވެ. ހަމަ ޔަގީނުން ވެސް ކުށްކުރަނިކޮށް ހައްޔަރުކުރި ނާއިލްގެ މައްޗަށް ކުށް ސާބިތުގެ އުމުރު ދުވަހު ޖަލު ހުންނަން ޖެހޭނެއެވެ. ދެންވާނީ ކިހިނެއް ހެއްޔެވެ؟

" ކޮންގްރާ.. ޔޫ އަރ ޕްރެގްނެންޓް.. "

ޑޮކްޓަރ ހެވި ދިލިގެންހުރެ ދިން އުފާވެރި ޚަބަރުން ވެސް ބަލި އެނދުގައި އޮތް ނާއިލާއަށް ހިނިތުންވެއެއް ނުލެވުނެވެ. އޭނާ ކުރަންވީ އުފާ ހެއްޔެވެ؟ ނޫނީ ހިތާމަ ހެއްޔެވެ؟ މި ދަރިފުޅު، އޭނާގެ އެކަނިވެރިކަން ފިލުވަ ދޭނީ ހެއްޔެވެ؟ ފަޅު ދިރިއުޅުން ފުރިހަމަ ކޮށްދޭނީ ހެއްޔެވެ؟ ނޫނީ އަނެއްކާ އަނެއް އުނދަގުލާއި ހިތާމައާއި ބިރުވެރިކަމާ ކުރިމަތި ކުރުވާނީ ނޫންބާވައެވެ. މަގަތުގައިއިން އަމްނާގެ މޫނަށް ބަލާލުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް ނާއިލާ ހިނިތުންވެލިއެވެ.

މަސައްކަތް ނިންމުމަށްފަހު ޑޮކްޓަރ ނިހާން، މަރުވެފައިވާ ހަށިގަނޑުތައް ހުދު ފޮތި އަޅާ ފޮރުވަމުން ދިޔައެވެ. އެންމެ ފަހުން އައިމަންގެ ހަށިގަނޑުގެ ކައިރިއަށް ހުއްޓި ފޮތިގަނޑު އަޅަނިކޮށް އައިމަންގެ ކަރުދަށުން ތޫނު އެއްޗެއް ފެނުމުން ފޮތިގަނޑު ނާޅާ ބޭއްވިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު އެ އެތިކޮޅު މަޑުމަޑުން ކަރުން ލުއްސާލިއެވެ. އެއާއެކު ނުވިސްނާ ހުރި ނިހާން އަށް ލިބުނީ ސިހުމެކެވެ. ދުނި ޖަހާފައިއައި ލޭ އޭނާގެ މޫނަށް ސީދާވިއެވެ. ނޭފަތުގެ ހޮނޑު ގިރާކޮށް ހަށިގަނޑުގެ ތެރެއަށް ލެއިން ބައެއް ފޯރިއެވެ. ނިހާން އަވަސް އަވަހަށް ލޭ މަނާ ކުރުމަށްފަހު ފޮތިގަނޑު އަޅާލިއެވެ. އަދި އަތުގައިވާ އަންގި ބޭލުމަށްފަހު މޫނު ދޮވެ ސާފުކޮށްލިއެވެ.

އައިމަންއާއި ހާމިދު އަދި ހަމްޒަތުގެ ހަށިގަނޑު ވަޅު ލެވިއްޖެއެވެ. ތަހުގީގަށްޓަކައި ބަންދު ކުރުމަށް މުއްދަތު ޖަހަން ކޯޓަށް ހާޟިރުކުރި ނާއިލް، އެ ތަނުގައި ގާޟީގެ ހާޟިރުގައި ކުށަށް އިޢުތިރާފު ވެއްޖެއެވެ. މީހަކު މެރިކަމަށް އެއްބަސްވެއްޖެއެވެ. ނާއިލާގެ ހާލު ރަނގަޅު ވުމުން ގެއަށް ދޫކޮށްލެވިއްޖެއެވެ. ކަން ވީގޮތް އެނގޭ ބަޔަކު ނެތަސް، ރަށުތެރެ ހިމޭންވެ ހަމަ ޖެހިއްޖެއެވެ. އިންތިޒާރު ކުރެވެމުން އާދުވަހެއްގެ އަލިކަމުގެ އުފަލަށެވެ. ހަޔާތުގައި ލިޔެވިދާ އާ ޞަފްޙާ ތަކަކަށެވެ. އެހެނަސް ކޮންމެ ދުވަހެއް މިފަދަ ތަފާތު ތަކަކާއެކު ހިއްޞާ ކުރަން ނުޖެހުމަށް ކޮންމެ މީހަކު ވެސް އެދޭނެއެވެ. އެހެނަސް އެތައް ކަންތައްތަކަކާއެކުގައި އެތައް ތަފާތުތަކަކާއެކު ކިތަންމެ ކަމެއް ހިނގާދެއެވެ. މިއީ އެފަދަ ކަމެކެވެ. ތަފާތެއްވާ ތަފާތު ކަންތައްތަކެކެވެ. އުފަންނުވާންވީ އުފަންވުމަކުން ހިނގާދިޔަ ހާދިސާތަކެކެވެ.

— ނިމުނީ —

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް