ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯގައި ފުލުހުންގެ މުއައްސަސާއަށް އިންޒާރު އެދެނީ ފުލުހުން ނޫންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ އެ ވީޑިއޯގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެކަަމަކު މިހާތަނަށް ބެލި ބެލުމުން އެ ވީޑިއޯއިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.
"ފުލުހުން ކަމަށް ބުނެ ޔޫޓިއުބް ގައި އަޕްލޯޑު ކޮށްފައިވާ ވީޑިއޯގެ މައްސަލަ މިދަނީ ބަލަމުން. މިހާތަނަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަނީ ފުލުހުންކަން ޔަގީން ކުރެވިފައެއް ނުވޭ،" ޝިފާން ވިދާޅުވި އެވެ.
ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯގައި ފުލުހުން ކަމަށް ބުނެ ވާހަކަ ދައްކާ ތިން މީހުން ތިބީ އެސްއޯ ފުލުހުން ލާ ޔުނީފޯމާއި ވައްތަރު ޔުނީފޯމެއް ލައިގެންނެވެ. އެކަމަކު ތިބީ މޫނު ނިވާކޮށްގެންނެވެ.
އެ ވީޑިއޯގައި އެމީހުން ބުނެފައިވަނީ ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި މި މަހުގެ ނިޔަލަށް އެކަން ހުއްޓާ ނުލާނަމަ އަންނަ މަހު އެކެއް ގައި ހުރިހާ ފުލުހުން ނުކުންނާނެ ކަމަށް އެ ވީޑިއޯގައި ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް