އެއީ ސައްހަ އޯޑިއޯއެއް ނޫން، މަސައްކަތް ކުރަނީ އަބުރު ކަތިލަން: އަލީ ވަހީދު

ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނިސްބަތްކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަރަށް ހުތުރު ބަހުން މުހާތަބު ކުރާ އޯޑިއޯއެއް ލީކުވެގެން އުޅެނިކޮށް އެ އެއީ...

15 Feb 2020 | 18:54

ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނިސްބަތްކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަރަށް ހުތުރު ބަހުން މުހާތަބު ކުރާ އޯޑިއޯއެއް ލީކުވެގެން އުޅެނިކޮށް އެ އެއީ އެއްވެސް އަސްލެއް ނެތް އޯޑިއޯއެއް ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެ އޯޑިއޯގައި އަލީ ވަހީދުގެ އަޑާއި ވަރަށް ވައްތަރު އަޑެއް ހުރި މީހަކު ވާހަކަ ދައްކާފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަލީ ވަހީދުއާ ގާތްގުޅުމެއް އޮންނަ އައްސަދު އަލީއާ އެވެ. ދެ އޯޑިއޯއެއް ލީކު ކޮށްލި އެވެ.

އެ އޯޑިއޯއާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދައުރުކުރަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރެއް ބައްޔެއް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ހައްގަށް އަބަދުވެސް ނަސްރުލިބޭނެ ކަމަށެވެ.

"ހައްގަށް އަބަދު ވެސް ނަސްރު ލިބޭނެ އިންޝާﷲ،" ޓްވީޓުގައި ވިދާޅުވި އެވެ.

https://twitter.com/ali20waheed/status/1228718714616307712

އޭނާގެ މި ޓުވީޓަށް ޖަވާބު ދީފައިވާ ގިނަ މީހުން ވަނީ އަލީ ވަހީދުގެ އެ ވާހަކަތަކަށް މަލާމާތް ކުރާގޮތަށް ޖަވާބު ދީފަ އެވެ. އަދި އެ އޯޑިއޯ އަކީ އައްސެއް ނޫންކަން ގަބޫލު ކުރަން ދަތިކަމަށް ބުނެފައިވެ އެވެ.

ލީކުވި އޯޑިއޯގައި ބުނެފައިވަނީ ކޮވިޑް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ކެމެރާ އާއި މާސްކް އަދި ކަރަންޓީން ފެސިލިޓީ ހެދީ އޭނާ ކަމަށެވެ. އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށާއި އޭނާ ތަނަކަށް ވަޑައިގެންނެވިއަސް ފޮޓޯ ނަގަން ދެ ކެމެރާމަނުން ގެންދަވާ ކަމަށް އަލީ ވަހީދުގެ އަޑާ ވައްތަރު ގޮތެއް ހުރި އެ އޯޑިއޯގައި ބުނެ އެވެ.

އައިޝަތު އަލީއާ ގުޅޭގޮތުން އާއްމުވި އޯޑިއޯގައި، ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ ދެ އުސޫލަކާ ގުޅޭގޮތުންނެވެ. އަލީ ވަހީދުގެ އަޑާ ވައްތަރު އަޑުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ކުޑަކުއްޖަކު މިނިސްޓްރީގެ ދެ އުސޫލާ ހެދި މުބާރާތްތަކުގައި ނުކުޅެވުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތަށް މިނިސްޓްރީއަކަށް ނުނިންމޭނެ ކަމަށް ވިދާޅުވެ އެވެ.

މި ދެ މިނިސްޓަރުންނަށް ވަރަށް ހުތުރު ބަހުން މުހާތަބުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް