ރާއްޖެއަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭން ދިރާގާ އުރީދޫ ނޫން ބަޔަކު އަންނަން ޖެހޭ ކަމަށް ބުނެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ވާހަކަދެއްކެވީ ސަރުކާރުގެ އަޑި ނުބައި ރޭވުމެއްގެ ދަށުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރޭ ހުޅުމާލޭގައި ބޭއްވި ޕީޕީއެމް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި މުއާސަލާތީ ދެ ކުންފުނި އޮތުމުން ވާދަވެރި ކުރަން ކަމަށް ބުނެ އާ ކުންފުންޏެއް ގެންނަ ވާހަކަ އެމްޑީޕީ މެންބަރުން ދެއްކެވީ އިންޑިއާގެ "ރިލަޔަންސް ކޮމިއުނިކޭޝަން" ރާއްޖެ ގެންނަން ވެގެން ކަމަށެވެ. ޝިޔާމް ވިދާޅުވީ އެ ކުންފުނި ރާއްޖެ ގެންނަން ހުރިހާ ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހަށް ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ނަމުގައި ބިލެއް ހުށައެޅީ އެ ކުންފުނި ރާއްޖެ ގެނައުމަށް ކަމަށެވެ. އެކަމަށް ނިންމަން ޖެހޭ ހުރިހާ ނިންމުންތަކެއް ސިއްރުން ނިންމާފައިވާ ކަމުގެ ތުހުމަތު ޝިޔާމް ސަރުކާރަށް ކުރެއްވި އެވެ.
"ރާއްޖޭގައި އޮތީ މުއާސަލާތީ ދެ ކުންފުންޏޭ، ދެ ކުންފުނި އޮތުމުން ވާދަވެރި ކަމެއް ނެތޭ ކިޔާފައި މިއަދު މި އުޅެނީ އިންޑިއާގެ 'ރިލަޔަންސް ކޮމިއުނިކޭޝަން' ކުންފުނި މިތަނަށް ގެންނަން. މި ހުރިހާ ނިންމުމެއް ހުރީ ނިންމާފައި،" ޝިޔާމް ރޭ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާގެ އަތް ދަށުވެ ނިމިފައި ކަމަށެވެ. އެގޮތުން ރާއްޖޭގަ އިންޑިއާއަށް ނޭނގޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޝިޔާމް މިހެން ވިދާޅުވި އިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ގުޅުން މާ ގާތްވެ އޭރުގަ ސަރުކާރުން ހިންގި ހުރިހާ ޕްރޮޖެކްޓެއްހެން ޗައިނާގެ ކުންފުނިތަކަށް ދިން މައްސަލައިގަ އޭރުގެ އިދިކޮޅު ޕާޓީތަކުން ވަރަށް ބޮޑަށް ފާޑުކިޔާފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް