ޓީއެމްއޭ މައްސަލައިގަ ސަރުކާރުގެ ވެރިން ތާށިވަނީ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމިއްލަ ސީޕްލޭން ކުންފުނި ޓީއެމްއޭއަށް ދޭން އުޅޭ މައްސަލައިގަ އަޑި ނޭނގޭ މައްސަލަތައް ފެންމަތި...

15 Feb 2020 | 08:48

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމިއްލަ ސީޕްލޭން ކުންފުނި ޓީއެމްއޭއަށް ދޭން އުޅޭ މައްސަލައިގަ އަޑި ނޭނގޭ މައްސަލަތައް ފެންމަތިވެ، މައްސަލަ އިތުރަށް ގޯސްވާން ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މާކެޓް ރޭޓަށްވުރެ މާ ކުޑައަގެއްގައި އަކަފޫޓެއް10.35 އެމެރިކާ ޑޮލަރުގެ މަގުން 19 ހާސް އަކަފޫޓު ޓީއެމްއޭއަށް ދޭން އުޅޭ މައްސަލަ ފެންމަތިވީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އާންމުންގެ ފިއްތުންތަކާއި ހެދި އެކަން އެގޮތަށް ކުރަން ނޫޅޭކަމަށް ބުނެފައިވަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ ހަމަ އެއަގުގަ5000 އަކަފޫޓު ޓީއެމްއޭއަށް ދޭން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން ޓީއެމްއޭއިން ހިތްހަމަނުޖެހި ބުނެފައިވަނީ2017 ވަނަ އަހަރު އެމްއޭސީއެލްއިން އެ ކުންފުންޏަށް ފޮނުވި ސިޓީއެއްގައި19،000 އަކަފޫޓު ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެ ޔަގީންކަމާއި އެއްގޮތަށް ނުދޭނަމަ ކުންފުންޏަށް ގެއްލުންވެ ރާއްޖެއަށް އިންވެސްޓަރުން އައުމަށް ދެކޮޅު ހަދާނެ ކަމަށެވެ.

މައްސަލަ އިތުރަށް ހިލޭގޮތްވީ މިކަމާ ސަރުކާރުން އެއްޗެއް ނުބުނަނީސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ މައްސަލައިގަ ކުއްލިއަކަށް ބަސް ވިދާޅުވާން ފެށުމުންނެވެ. ނަޝީދު ވިދާޅުވީ އާ ރަންވޭ ހުޅުވުން އަވަސް ކުރުމަށް ޓީއެމްއޭ އެދޭގޮތަށް ޓާމިނަލް ދީގެން ނަމަވެސް އަވަހަށް މައްސަލަ ހައްލު ކުރަން ޖެހޭކަމަށެވެ. އެހެން ނޫންނަމަ ދައުލަތުން ބަދަލު ދޭން ޖެހިދާނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވުމުގެ ކުރިން އޮޑިޓާ ޖެނެރަލް އިބްރާހިމް ޒިޔަތު ވަނީ ޓީއެމްއޭއަށް ސީ ޕްލޭން ޓާމިނަލް ދިނުމުގެ އެއްބަސްވުމެއްގައި އެމްއޭސީއެލްއިން އަދި ސަރުކާރުންވެސް ސޮއިކޮށްފައި ނުވާކަމަށެވެ. އަދި އެހެން ނަޝީދު ވިދާޅުވި ދުވަހު އެންޓީ ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ އެހާ ކުޑަ އަގެއްގައި އެ ކުންފުންޏަށް ޓާމިނަލް ނުދެވޭނެ ކަމަށާއި އެކަމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާކަމަށް ބުނެފަ އެވެ.

އެހެން ކަމަށް ވާއިރު ޓީއެމްއޭއަށް ބަދަލުދޭން ޖެހިދާނެ ކަމަށް ނަޝީދު މި ވިދާޅުވަނީ ކީއްވެ ހެއްޔެވެ.

https://twitter.com/MohamedNasheed/status/1227792123166019585

ދެން އަޑުއިވިގެން ދިޔައީ ޓީއެމްއޭގެ ބޮޑު ހިއްސާ އޮންނަ ކޮންސޯޓިއަމްގެ މައި ކުންފުނި ކަމަށްވާ ބެއިންގެ ވަކީލެއްގެ ގޮތުގައި، ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި ޖެރަޑް ޖެންސާ ހިމެނިވަޑައިގަންނަވާ ވާހަކަ އެވެ. ފަހަރުގަ ނަޝީދަށް އޭނާ ކޮށްދެއްވި މަސައްކަތުގެ ބަދަލު ހަދިޔާއެއްގެ ގޮތުގައި ހޯދައިދެނީ ކަމަށް ވުން އެކަށީގެންވާ ކަމަށް ބައެއް އާންމުން ސޯޝަލް މީޑީއާގައި ބުނެފަ ވެއެވެ.

ނަޝީދު އެކަންޏެއް ނޫނެވެ. ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ލަފާދޭ އެޓޯލްސް ކޮމިއުނިކޭޝަންގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ހިއްސާ އޮންނަކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑުގަދަވެ އޭގެ ހެކިތައް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ދައްކައިދިނެވެ. އެއާ އެކު ޝައުނާ ވަނީ އޭނާ އެ ހިއްސާ ދޫކޮށްލާފައިވާއިރު އެކަން މިނިސްޓްރީގެ ސައިޓުގަ އަޕްޑޭޓު ވެފައި ނުވަނީ ކީއްވެތޯ އިކޮނޮމިކް މިނިސްޓްރީގަ ސުވާލު ކުރައްވާފަ އެވެ.

https://twitter.com/anuahsa/status/1228589841312432131

އެކަމަކު އަދިވެސް މިކަމާ އިދިކޮޅަށް ވާހަކަދައްކާ މީހުން ބުނަމުންދަނީ ޝައުނާގެ ހިއްސާ އެ ކުންފުނީގަ ނެތަސް އޭނާ ފިރިމީހާ ތޯރިގު ހާމިދުގެ ހިއްސާ އެބައޮތް ކަމަށެވެ. ބައެއް ފަރާތްތަކުން ދަނީ ޓީއެމްއޭގެ ގާނޫނީ ޓީމުގައި އެޓާނީ ޖެނެރަލްގެ އިބްރާހިމް ރިފްއަތުގެ ކޮއްކޮ އާއި ކުރީގެ އަނބިކަނބަލުން ހިމެނިވަޑައިގެންނަވާ ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ.

އޭސީސީން ބުނެފައިވަނީ އެމްއޭސީއެލްގެ ކުރީގެ ބޯޑުގަ އާއި މިހާރުގެ ބޯޑުގައި އަމިއްލަ ދެ ސީޕްލޭން ކުންފުނި މަންތާ އާއި ޓީއެމްއޭގެ އާއިލީ އަދި ވިޔަފާރީގެ ގުޅުން ހުރި މީހުން އެބަތިއްބެވި ކަމަށެވެ. އެހެންކަމުން ސީޕްލޭން ޓާމިނަލް ދައުލަތަށް ގެއްލުންވާގޮތަށް ޓީއެމްއޭއަށް ދޭން އުޅެނީ ވަކި ބައެއްގެ ނުފޫޒުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އެހެންވެ އޭސީސީން ވަނީ މިކަމުގަ އިހުމާލުވާ ފަރާތްތަކަށް ޖިނާއީ ދައުވާ ކުރަން ނިންމާފަ އެވެ. އޭސީސީން ބުނީ އެމްއޭސީއެލްއިން އެއްބަސްވެފައިވާކަމަށް ބުނާގޮތަށް ޓީއެމްއޭއަށް ސީ ޕްލޭން ޓާމިނަލް ދީފިނަމަ ކޮންމެ އަހަރަކު ދައުލަތަށް55 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

މި ސަރުކާރު އައީ ކޮރަޕްޝަން ހުއްޓުވާ ރައްޔިތުންނަށް ނަޒާހާތްތެރި ވެރިކަމެއް ކޮށްދޭށެވެ. މި މައްސަލައިގަ މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްޗެއް ވިދާޅު ނުވިނަމަވެސް ޓީއެމްއޭއިން އެދޭގޮތަށް ޓާމިނަލް ދިނުމަކީ ރަނގަޅުގޮތް ކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވުމަކީ މި ސަރުކާރުން ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ވަރު ހާމަކޮށްދޭ ކަމެއް ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް