އިންތިހާބަށް ފޯމް ހުށަހަޅަން ދިޔަ މީހަކު އީސީގެ މުވައްޒަފުންނަށް ބިރުދައްކައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ފޯމް ހުށަހަޅަން ދިޔަ މީހަކު އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ބިރު ދައްކައިފި އެވެ. އިލެ...

15 Feb 2020 | 08:13

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ފޯމް ހުށަހަޅަން ދިޔަ މީހަކު އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ބިރު ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުވައްޒަފުންނަށް ބިރުދައްކާފައިވަނީ އިއްޔެ އާއި މިއަދުު ފޯމް ހުށަހަޅަން ދިޔަ މީހަކު ކަމަށެވެ. އެމީހާ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފޯމު ހުށަހަޅަން ދިޔަ މީހެއް ނޫންކަމަށާއި އެއީ އާންމު ފަރާތެއް ކަމަށް އީސީން ބުންޏެވެ.

އެމީހާ ވަނީ ފޯމް ބަލައިގަތުގައި ހަރަކާތްތެރިވާ އީސީގެ މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރު ދީފަ އެވެ. އީސީން ބުނީ މިފަދަ އަމަލުތަކަކީ އެ ކޮމިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިސީން ބުނީ މިކަންކަމުގައި ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅަން އެ ކޮމިޝަނުން ފަސް ނުޖެހޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ކައުންސިލް އިންތިހާބުގެ ފޯމް ހުށަހެޅުމުގެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހެވެ. އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން އެ ޕާޓީތަކުގެ ޓިކެޓުގައި ވަދަ ކުރާ ފަރާތްތަކުގެ ފޯމް ހުށަހަޅާފައި ނުވާއިރު މިހާތަނަށް އިންތިހާބުތަކުގައި ވާދަކުރަން ފޯމް ހުށަހަޅަމުން ދަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް