ދިވެހި މަސްބޯޓެއް އިންޑިއާގެ ސަރަހައްދަކުން އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން މިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާއިރު މައުލޫމާތު ލިބިފައިވާގޮތުގައި މި މަސް ބޯޓު އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކު ހިމެނޭ ސަރަހައްދު ކަމަށްވާ ލަކްޝްވަދީޕްގެ ސުހެލި އަތޮޅު ސަރަހައްދުންނެވެ.
އެ ބޯޓު އެ އަތޮޅުގެ ކަރަވައްޓި އައިލެންޑަށް ގެންގޮސްފައިވާކަމަށް ޓްވިޓާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިކަމުގެހަބަރު ވަނީ ލިބިފައި ކަމަށާއި އެކަން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
"ފޮރިން މިނިސްޓްރީން ދަނީ އެކަން ބަލަމުން، އެމްއެންޑީއެފް ކޯސްޓްގާޑުންވެސް ރާއްޖޭގެ އެސްއީޒެޑް އިން ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސް ބޯޓުތައް ފެނުމުން ހުއްޓުވާ، ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުންދޭ" އާޒިމް ވިދާޅުވެފައިވެއެވެ.
އާޒިމް ވިދާޅުވެފައިވަނީ އިންޑިއާއިން ދިވެހި މަސްބޯޓު ހިފަހައްޓާފައިވަނީ އެ ގައުމުގެ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެފައިވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް