ހިޔާނާތުގެ ރިޕޯޓް ރައީސަށް ފެނިވަޑައިގަތީ އާއްމުކުރުމުން: ތަރުޖަމާނު

އެމްްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލިބިފައިނުވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދ...

15 Feb 2019 | 12:14

އެމްްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލިބިފައިނުވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

އޭސީސީން ނެރުނު ރިޕޯޓުގައި މި ސަރުކާރުގެ ބައެއް ވަޒީރުންގެ އެކައުންޓުތަކަށް އެފައިސާ ޖަމާވެފައިވާކަން ހާމަވުމުން އާންމުންގެ ފާޑުކިޔުން ރައީސަށް އަމާޒުވެފައިވާ ދަނޑުވަޅެއްގައި ހޫދު ވިދާޅުވީ އެ ރިޕޯޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މީގެ ކުރިން ލިބިވަޑައިގެންފައިވާ ރިޕޯޓެއް ނޫން ކަމަށެވެ.

ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ރިޕޯޓަކީ މި ސަރުކާރުގެ އިސްވެރިން މީގެ ކުރިން ދެކެވަޑައިގެންފައިވާ ރިޕޯޓެއްވެސް ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށްވެސް އެ ރިޕޯޓު ފެނިވަޑައިގަތީ އޭސީސީން އެ ރިޕޯޓު އާންމު ކުރުމުން ކަމަށެވެ.

https://twitter.com/MvSpokesperson/status/1096258396733337600

ރައީސް ވަނީ އޭސީސީގެ ރިޕޯޓްގައި ހުރި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަތައް ޝަރީއަތަށް ފޮނުވައި އެކަމުގައި ސީދާ ޝާމިލްވާ ފަރާތްތައް ހޯދައިދިނުމަށް އެ މުވައްސަސާއަށް ގޮވާލައްވައިފަ އެވެ.

ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެކައުންޓްތަކުގެ ތަފްސީލް ރިޕޯޓަކީ މީގެ ކުރިން ހިއްސާކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާއިރު، އޭސީސީން ބުނެފައިވަނީ ނިމިދޔަ ސަރުކާރާއި އެ ރިޕޯޓު ހިއްސާކޮށްފައި ކަމަށެވެ.

އެގޮތުން މީގެ ދެ އަހަރު ކުރިން އޭރުގެ ސަރުކާރުގެ ބައެއް އިދާރާތަކަށް އެ ރިޕޯޓު ހުށަހަޅާފައިވާނެ ކަމަށާއި އޭގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސްވެސް ހިމެނޭ ކަމަށް އެސީސީން ވަނީ ބުނެފައެވެ.

އެސީސީން އާންމުކުރި މި ރިޕޯޓުގައި މި ސަރުކާރުގެ ބައެއް ވަޒީރުން ހިމެނިވަޑަިގަންނަވާތީ ރައީސް ވަނީ ތަހުގީގު ނިމެންދެން އެ ވަޒީރުން ސަސްޕެންޑް ކުރައްވާފައެވެ. އަދި ރައީސްގެ މި އަވަސް ސާބިތު ނިންމެވުމަށް ސިޔާސީ ފަރާތްތަކާއި އާންމުން ތައުރީފުކުރަމުންދާއިރު މި ނިންމެވުމަކީ ރައީސްގެ އިންސާފުވެރިކަމާއި ހަމަހަމަކަން ހާމަވެގެންދާ ނިންމެވުމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެކަމާ ގުޅިގެން "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ކެމްޕޭންއެއް ވެސް ރައީސް ވަނީ އިފްތިތާހްކޮށްދެއްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް