ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ދަށުން ހިނގަމުންދާ ކައުންޓަރ ޓެރަރިޒަމް ސްޓިއަރިންގ ކޮމިޓީ އާއި ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީއަށް އަލަށް ކަނޑައެޅުއްވި މެމްބަރުންނާއެކު 2019 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
އިއްޔެ ކޯސްޓްގާރޑް ބިލްޑިންގގައި ބޭއްވި މި ޚާއްސަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.
މިބައްދަލުވުމުގައި ޓެރަރިޒަމާއި ނުރައްކާތެރި ހައްދު ފަހަނައެޅުމުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރާއި އަދި ޙާލަތާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފައެވެ. އަދި އިސްތިރާޖީ މަރުހަލާގައި ކުރަން ހުރި މަސައްކަތްތަކާއި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން މިކޮމިޓީތަކުގެ މެމްބަރުންގެ މެދުގައި ފުޅަދާއިރާއެއްގައި މަޝްވަރާ ކުރެވި ކުރިމަގުގައި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އިސްތިރާޖީ ލަފާ މެންބަރުން ރިޔާސަތައް ދެއްވެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް