އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅޭ ތަހުގީގީ ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ އާންމުކޮށްފައިވާއިރު އޭސީސީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސުވާލެއް ކުރައްވައިފިއެވެ. އައްސަވާފައިވަނީ ތިން އަހަރު ވަންދެން އެ ރިޕޯޓް ފޮރުވާފައި ބޭއްވީ ކީއްވެތޯ؟ އެވެ.
ރައީސް މި ސުވާލު ކުރައްވާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ލޯންޗު ކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސުވާލަކީ ތިން އަހަރު ގާތްގަނޑަކަށް. ބަލައި ނިންމާފައި ފޮރުވާފައި ބޭއްވީ ކީއްވެގެންތޯ؟. މިއަދު ތޯ އެ އިއުލާން ކުރަންވީ؟ އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ ހުރިހާ ފަރާތްތަކަށް ވެސް، މި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެން ކުރާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޕޯޓް އާންމު ކުރި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް އެހާ ދުވަހު އާންމު ނުކޮށް ބޭއްވީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އޭސީސީގެ ރިޕޯޓްގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތަކުގެ ކުށެއް ނެތްކަމަށް ކަނޑައަޅައިދިނުމަށްވެސް އޭސީސީއަށް ރައީސް ގޮވާލެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ރިޕޯޓާއި ގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި އެގޮތުން އިއްޔެވެސް އޭގެ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށެވެ.
ރައީސް އެ އިސާރާތް ކުރެއްވީ، އެ ރިޕޯޓާއި ގުޅިގެން މިނިސްޓަރު މަހްލޫފާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޒިންމާއިން ދުރުކުރި ކުރުމަށް ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް