އިންޓަރނެޓްގައި މިދުވަސްވަރު ރަނިކަންކުރަމުންދާ ޕްރިޔާ ޕްރަކާޝްގެ ކަތިނަޒަރާއި، ލޯ މަރާލި އަސަރުގަދަގޮތާއި، އެހިނިތުންވުން ފެނިގެންދާ ލަވަޔަކީވެސް ޕްރިޔާ އާ އެއްވަރަށް މީހުންގެ ތެރޭގައި މަޤްބޫލުކަން ހޯދަމުންދާ ލަވަޔަކަށް ވަނީ ވެފައެވެ.
" މަނިކްޔާ މަލަރާޔާ ޕޫވީ" މިލަވަ އަސްލު އުފެދިގެން ދިޔައީ މީގެ 40 އަހަރު ކުރިންނަމަވެސް މި ލަވަ ވީޑިއޯއާއެކު އާންމުންގެ ތެރޭގައި ފެނިގެންމިދަނީ ފުރަތަމަ ފަހަރަށެވެ.
ޕީ.އެމް.އޭ ޖައްބަރް މީގެ އަހަރުތަކެއް ކުރިން ލިޔެފައިވާ މިލަވައިގެ ތަފާތު ވަރޝަންތައް ވަނީ މީގެކުރިންވެސް ނިކުމެފައެވެ. މަލަޔާލަމްގެ މަޝްހޫރު ލަވަކިޔުންތެރިން މިލަވަ ކިޔާފައިވާއިރު މިފަހަރުގެ ލަވަ ކިޔާފައިވަނީ ބަދަލުތަކަކާއެކު ވިނީތު ސިރީނިވާސަން އެވެ.
މިލަވައިގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތު ބިން ޚުވައިލަދުގެ ސިފަފުޅުތަކާއި ޤާބިލްކަން ވަނީ ސިފަކޮށްދީފައެވެ. ނޯތު ކެރެލާގައި ސަޤާފީ މުސްލިމު ލަވައެއްގެ ގޮތުގައި މިލަވަ އެކިކަހަލަ މުނާސަބަތުތަކުގައި ބޭނުންކުރަމުންދެއެވެ. އެގޮތުން ކެރެލާގައި ކައިވެނި ހަފްލާތަކުގަޔާއި ކޮލެޖް، ސްކޫލްތަކުގައިވެސް މިލަވަ ބޭނުންކުރާކަމަށް ވެއެވެ.
މިލަވަ އަސްލު ލިޔުނު ޖައްބަރު ބުނީ ލަވައަށް ގެނެސްފައިވާ ބަދަލާމެދު ހިތްހަމަޖެހޭކަމަށާއި ލަވަޔާގުޅޭގޮތުން މިހާރު އުފެދިގެން އުޅޭ ޚިޔާލުތަފާތު ވުމަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫންކަމަށެވެ. މިލަވައަށް އެތައް މިލިޔަން ބަޔެއްގެ ލޯ އަމާޒުވެފައިވާއިރު ލަވަޔާ ދެކޮޅަށް ހައިދަރްއާބާދުގެ ޕޮލިހަށްވަނީ މައްސަލައެއް ހުށަހަޅާފައެވެ.
ޕްރިޔާ އާއި ފިލްމުގެ ޑައިރެކްޓަރ އާ ދެކޮޅަށް ހުށަހަޅާފައިވާ މިމައްސަލައިގަ ބުނަނީ ލަވަ ވީޑިއޯއިން ގެނެސްދީފައިވާގޮތުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އައިލައި ވަސައްލަމްއަށް ބޭއަދަބީކޮށް ހިތަނީ ކަމުގައެވެ. އެއީ ލަވައިގައި އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ވާހަކަ އަންނާތީކަމަށްވެސް 57 މީހަކު ސޮއިކޮށް ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެއެވެ. ޕޮލިހުންވަނީ މިމައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ.
ކޮންމެއަކަސް ލަވަޔަށް ލިބެމުންދާ މަޝްހޫރުކަމާއި އެއްވަރަށް ލަވައިގެ މިފަދަ މައްސަލަތައްވެސް މިދަނީ ފެންމަތިވަމުންނެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ މިލަވަޔަކީ ފިލްމު ނެރޭ އޯޑިއަންސަށް އާ ލަވައެއް ނޫންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް