އުފަންވުމުން... 16 ވަނަ ބައި

އިރާކޮޅުއްސުރެ ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. އެހެނަސް އިޝާ ނަމާދުން ފޭބިގޮތަށް ކާން ގެއަށް ދިއުމުގެ ބަދަލުގައި ނާއިލް މިސްރާބު ޖެހީ ހާމިދުގެ ގެއާ ދިމާއަށެވެ. މި މަންޒަރު ދެކެން ދުރުގައި ހުރި އައިމަ...

15 Feb 2018 | 04:06

އިރާކޮޅުއްސުރެ ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. އެހެނަސް އިޝާ ނަމާދުން ފޭބިގޮތަށް ކާން ގެއަށް ދިއުމުގެ ބަދަލުގައި ނާއިލް މިސްރާބު ޖެހީ ހާމިދުގެ ގެއާ ދިމާއަށެވެ. މި މަންޒަރު ދެކެން ދުރުގައި ހުރި އައިމަންގެ މޫނުމަތިން ފެނުނީ އާދަޔާ ޚިލާފު ކުލަވަރެކެވެ. ފަހަކަށް އަހިސް މިފަދަ ވަގުތުތަކުގައި އޭނާގެ މޫނުމަތިން ފެންނަ ރުޅިވެރިކަމުގެ ބަދަލުގައި މާޔޫސްކަން ފެނިގެން ދިޔައެވެ. އިސްދަށަށް ޖަހާލައިގެން ހުރެ އޭނާ ހިނގައިގަތީ އަމިއްލަ ގެއާ ދިމާއަށެވެ.

" ކިހިނެއްވީ ؟؟ " ގެއަށް ވަން ގޮތަށް އަނގައިން ވެސް ނުބުނެ ނާއިލާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ، ތަޅުލުމަށްފަހު އައިމަން ނާއިލާ އެނދުމަތީގައި ބޭންދުމުން، ނާއިލާ ސުވާލުކުރިއެވެ.

" ނާއިލާ.. މިއުޅެނީ ވަރަށް މުހިންމު ވާހަކައެއް ދައްކަން.. ހަގީގަތުގަ ނޭނގެ މި ވާހަކަ ފަށާނެ ގޮތެއް ވެސް.. އެކަމަކު އަހަންނަށް މާކުރިން ވެސް އެނގޭ ނާއިލާ ކައިރީގަ ކޮންމެވެސް ދުވަހަކުން މި ވާހަކަ ދައްކަން ޖެހޭނެކަން.. " އައިމަން ވާހަކަ ފެށިގޮތުން ނާއިލާ ކަންބޮޑުވިއެވެ. އެހެނަސް ހަމަޖެހިލަން މަސައްކަތް ކުރަމުން އޭނާ ވާހަކަދެއްކިއެވެ. އައިމަންގެ ކޮންމެ ކަމެއްގަ އައިމަންއާއެކު ދާއިމަށް ދެމިހުންނާނެ ކަމަށާއި، ކޮންމެ ފަދަ ވާހަކައެއް ނަމަވެސް ހިއްސާ ކުރުމަށް އެދުނެވެ.

" ކީއްވެގެންތަ މަށަށް އެރޭގައި ކަންތައްތައްތަކެއް ސިއްރުކުރީ؟ މަށަށް އެނގޭ ނާއިލަށް އެ ކާފަރު އަންހެނާ މަރާލި ރޭގައި އޭނާގެ ގާތުގައި އޮތް ދިވެހި ފިރިހެނަކީ ކާކުކަން އެނގޭނެކަން؟ ކީއްވެ މަށަށް އޮޅުވާލީ.. ދެންވެސް ރީތިކޮށް ތެދުތެދަށް ހަގީގަތް ހާމަކޮށްދީބަލައެވެ. " ހާމިދު ނާއިލާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހި ހުރެއެވެ. އެ ދެ މީހުންމެ ތިބީ ހާމިދުގެ ގޭގައި، އޭނާގެ ކޮޓަރީގައެވެ. ހާމިދުގެ ކުރިމަތީގައި އިން ގޮނޑީގައި ނާއިލް އިސްދަށަށް ޖަހާލައިގެން ކުށްވެރިއެއް ފަދައިން އިނުމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ. އޭނާ މިރޭ ހުރިހާ ހަގީގަތެއް ހާމަކޮށްދޭން އުޅޭކަހަލައެވެ. އެނޫންގޮތަކުން މިހާރު ރަށުގައި މި ހިންގަމުންދާ ކަންތައްތައްތަކުގެ ހަގީގަތް ހޯދައިގަނެ، ހައްލު ނުކުރެވޭނެކަން އޭނާ ރަނގަޅަށް ދަނެއެވެ.

" ނާއިލާ.. އަހަންނަށް މާފު ކުރޭ.. އަހަންނަކީ އެއްވެސް ހާލެއްގައި އެހާ ރަނގަޅު މީހެއް ނޫން.. އަދި މިހާރު އަހަންނަކީ ވަރަށް ތަފާތު މީހެއް.. ނޭނގެ ނާއިލާ ގަބޫލު ކުރާނެ ކަމެއްވެސް.. އެހެނަސް އަހަންނަކީ މިހާރު ފުރިހަމަ އިންސާނެއް ނޫން.. މިބުނީ އަހަންނަކީ ޖިންނިއެކޭ ނޫން.. އެކަމަކު.... އެންމެ ފަސޭހަކޮށް ވިސްނޭނެގޮތަށް ބުނަންޏާ ބުނެވޭނީ މިހާރު އަހަރެމެން ބަލާ އިނގިރޭސި ޑްރާމާ ތަކުގައި އުޅޭފަދަ ވޫލްފެއް އަދި ވެމްޕަޔަރ އެއްގެ ހަށިގަނޑުގެ ސިފަތަކާއި ބާރުތައް ހިއްސާ ކުރާ އިންސާނެކޭ އަހަންނަކީ.." އައިމަންގެ ވާހަކަތައް އިވުމުން ނާއިލާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާ ބާރު ބާރަށް ހޭންފެށިއެވެ. އެހެނަސް ހުނުންގަނޑު ހިފަހައްޓާލުމަށްފަހު އެކަމަށް ޖޯކު ޖަހަންފެށިއެވެ.

" އެކަމަކު އައިމަން.. ސީރިއަސްވެފަ އަހިސް ތިއަށްވުރެ މޮޅު ސްޓޯރީއެއް ޖައްސަން ނޭނގުނީތަ.. ދެން ހަމަ އިނގިރޭސި ސީރީޒްއެއް ބެލޭ އިރަށް އޭގައި އުޅޭ އެއްޗެކޭ، ވެމްޕަޔަރ އެކޭ ވޫލްފެކޭ ކިޔައިގެން ދައްކާލާ ވާހަކަ.. ހަހަ ތިއަށްވުރެ ފަސޭހައިން ވެސް އަހަރެންގެ ސަމާލުކަން ހޯދިދާނެޔޭ.. ރީތިކޮށް އަހިސް ބުނިނަމަ ކިސް އެއްވެސް ދީފީމުހޭ.. " ނާއިލާ ހޭންފެށުމުން ވެސް އައިމަން އެއިންގޮތަށް އިނީއެވެ. އޭނާއަށް ވިސްނެއެވެ. ނާއިލާއަށް ވެސް އެވީ އޭނާ އެ ވާހަކަތައް ދެއްކުމުން ވާނެ ކަމަށް ލަފާކުރި ގޮތެވެ.

" އޯކޭ.. އޯކޭ.. ދެން ކޮންއިރަކުއޯ، ތިބުނާ ވެމްޕަޔަރ އަކަށް ނޫނީ ވޫލްފަކަށް ބަދަލުވީ.. ގައިމު ތިއީ ކުރިން އިންސާނެއް ވިއްޔާ.. ހަހަ.. އަދި އެވެސް އިންސާނެއްގެ ގޮތުގައި އެ ދޭޗަށް ވެސް ބަދަލުވެވޭ.. ހީހީ.. " ނާއިލާ ހީހީފައި އައިމަންއަށް ޖޯކު ޖަހަމުން ސުވާލުކުރިއެވެ. އެހެނަސް އެ ސުވާލަކީ އައިމަން ބޭނުންވި ސުވާލެވެ. އޭނާ ހަގީގަތް ހާމަކުރާނީ އެ ސުވާލަށް ޖަވާބު ދިނުމުގެ ތެރެއިންނެވެ. އެއީ އޭނާގެ ވިސްނުމެވެ.

އައިމަން އޭނަޔާއި އެންޖްލީ އެންމެފަހުން ބައްދަލުވި ރޭގައި އެ ދެމެދުގައި ހިނގާ ދިޔަ ކަންތައްތައް ތަފުސީލުކޮށް ކިޔައިދޭންފެށިއެވެ. އޭނާގެ ކުރީގެ އުޅުމާއި ރިޒޯޓް ދިރިއުޅުމުގެ ވާހަކަތަކާއެކުގައެވެ. ވަރަށް ވެސް ސީރިއަސް ކަމާއެކުގައެވެ. އަދި އެންމެ ފަހުން އެންޖްލީ އެ ރޭގައި ދަތްއެޅުމުން އޭނާގެ ކަރުގައި ފޭރާދަތް ޖެހުނު ދެތަން ހެނދުނު ހޭލިއިރު ވެސް ފާހަގަ ވާން ހުރިކަމުގައި ވެސް ބުނެފިއެވެ. އެ ރޭގައި އެންޖްލީ މަރުވުމަށްފަހު، އޭނާ ރަށަށް އައުމުން ހަށިގަނޑަށް ލިބެމުން ދިޔަ އުނދަގޫތައް އޮޅުން ފިލުވައިދީ އިތުރަށް ތަފުސީލުކޮށްދެމުން ދިޔައެވެ. އައިމަންގެ މި ވާހަކަތަކާއެކު، ނާއިލާގެ މަޖާކަން ގެއްލި މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. ހާސްކަމާއި ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އައިމަން އެ ދައްކާ ވާހަކަތަކަކީ ހަގީގަތްކަމަށް ގަބޫލުކުރެވެމުން ދިޔައެވެ.

" އެއީ އައިމަން.. " ނާއިލް އެ ރޭގައި ކަން ހިނގި ގޮތް ތަފުސީލުކޮށް ހާމިދުއަށް އޮޅުންފިލުވައިދިނުމަށްފަހު އެ ތާގައި އެންޖްލީ އާއެކުގައި އޮތީ އައިމަންކަން ހާމިދުއަށް ކަށަވަރުކޮށްދިނެވެ.

" މަށަށް ވެސް ތިހެން ހީވާތާ ދުވަސްތަކެއް ވެއްޖެއޭ.. މަށަށް މިހާރު ގާތްގަނޑަކަށް ހުރިހާ ކަމެއް ވެސް މި އޮޅުން ފިލީ... އަސްލު ވެގެން މިއުޅޭ ގޮތް ނާއިލަށް އެބަ އޮޅުން ފިލާތަ ؟.. " ހާމިދު ސުވާލު ކުރުމުން ނޫނެކޭ ބުނުމުގެ ގޮތުން ނާއިލް ބޯހޫރާލިއެވެ.

" އަހަރެމެން އަތުން ދޫވި ލޭބޯ ހަރުފައިގެ ހަމަލާ ހަގީގަތުގައި ވެސް އަމާޒުވީ އެ ގެސްޓް އަންހެން ކުއްޖާއަށް.. އެއަށްފަހު މަ ކުރިން ބުނިހެން ވަރަށް އަވަހަށް އެ ހަށިގަނޑު ބަދަލުވުމުގެ މަރުހަލާ ފެށޭނެ.. އެ މަރުހަލާގެ ތެރޭގައި އައިމަންއާ އެ މަންޖެއާ ދެމެދު ގުޅުމެއް ހިނގާފައި އޮތީ.. އަދި އޭގެ އިތުރުން ވުން ގާތްކަމެއް، އެ މަރުހަލާގައި ކަމަށްވުމުން، އެ މަންޖެގެ ހަމަލާއެއް ވެސް އައިމަންއަށް އަތުވެފައި އޮތުމީ.. މިހެން މިބުނީ މިބުނި ބަދަލުވުމުގެ މަރުހަލާގައި އެ އިންސާނީ ހަށިގަނޑެއް ލެއަށް ބޭނުން ވާނެތީ.. އޭގެ ފަހުން ކަލެއަށް އެ މަންޖެ މަރާލެވުން އެއީ ހެދުނު ގޯހަކީ.. އެ މަރާއެކު އެ ހުރިހާ ބާރެއް އެ މަރުހަލާގައި އައިމަންގެ ހަށިގަނޑު ހިއްސާ ކުރަމުން އެ އަންނަނީ.. މަ އެންމެ ފުރަތަމަ ކިޔައިދިނީމެންނު، މަގޭ ކާފަ އެކަމަށް ބޭނުންވި ހިނދު ވެސް، އެފަދަ މަހުލޫގެއް އުފަން ކުރުވުމަށް މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރިއަށް، މުއްދޫސޮރަށް ފަންޑިތަ ހެދިވާހަކަ.. މި ބާރު ހިއްސާ މި ކުރަނީ އިންސާނީ ގާތްގުޅުމެއްގެ ތެރެއިން، އެކަކު މަރުވުމުން އަނެކަކު.. މާނައަކީ ނައްތާލަން ޖެހޭނީ ބާރު ދެވަނަ މީހަކާ ހިއްސާކުރާނެ ފަދަ ގުޅުމެއް ނު ހިނގަނީސް އަސްލު އެއްޗޭ... ކޮންމެއަކަސް މަށަށް އެނގޭ ހަގީގަތަކީ އައިމަންއަކީ މިހާރު އެ ބާރު ފުރިހަމައަށް ލިބި ބަދަލުވެފައިވާ ތަފާތު އިންސާނެއްކަން.. އޭނާގެ ކިބައިގައި މަ ހީކުރި ވަރަށްވުރެ ވެސް ބޮޑު ތަފާތެއް އެބަވޭ.. އެކަން މަގޭ ލޮލުގެ ކުރިމަތީގައި ފުރިހަމައަށް ފެނި ހާމަވެ، ތަޖުރިބާ ވެސް ކޮށްފިން.. " ހާމިދު ވަރަށް ޔަގީން ކަމާއެކު ކަންތައް ވެގެންދިޔަގޮތް އޮޅުންފިލުވައިދެމުން ދިޔައެވެ.

" ނާއިލާ.. އަހަރެން ގަބޫލުކުރަން ނުހަމަ ގޮތުގައި އެފަދަ ގުޅުމެއް ބޭއްވުން އެއީ އަހަންނަށް ކުރެވުނު ބޮޑު ފާފައެއްކަން.. އެކަމަކު، އަހަންނަކަށް އެންމެ ފުރަތަމަ ނުވިސްނޭ އެންޖްލީގެ ފަރާތުން މިކަން މިއައިގޮތެއް... ކުރިން ވެސް އެ ގުޅުން އެންޖްލީ އާއެކުގައި އޮތް.. އެކަމަކު އެ ރޭގައި އެންޖްލީ މަރުވުމަށްފަހު، ހުރިހާ ކަމެއް ބަދަލުވެއްޖެ.. " ނާއިލް އަސަރާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

" އެކަމަކު މިހާރު އަހަންނަށް އެނގޭ މިހެން އަހަންނަށް މި ދިމާވީ ކޮން ބައެއްގެ ނުބައި ކަމުންކަން.. ކޮންމެ ބައެއްގެ ނުބައި އަމަލަކުންކަން.. އެ މީހަކާ އަހަންނަށް ބައްދަލު ވެސް ވެވިއްޖެ.." އައިމަން ފުން ނޭވާއެއް ލުމަށްފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ.

" އެކަމަކު އަހަރެން މިހާރު ކަންބޮޑެއް ނުވޭ.. ފުރަތަމަ މި ބަދަލުތައް އައިއިރު ވަރަށް ބޮޑަށް އުނދަގޫވި.. ކަންބޮޑުވެސްވި.. އޭރު އަހަރެން ފުރިހަމައަށް ބަދަލުވުމުން ހުންނަނީ ހަމަ މިހުރި ހިކި ކަމާއި ދޮންކަންމަތީގައި.. ހަމައެކަނި ބަދަލުވަނީ އަހަރެންގެ ސިފަ.. އެވެސް ގައިން ކެހެރި ފަޅާފައިވާ ހުތުރު އެއްޗަކަށް.. އޭރު އިހުސާސް ކުރެވޭ އެހެން ބާރެއް އަހަރެން ކޮންޓްރޯލް ކުރަމުން ދާކަން.. އިހުސާސް ވަނީ ނިކަމެތިކަން.. އެކަމަކު އަހަރެންގެ ފުރަތަމަ ޝިކާރައަށް ފަހު ދެން ކަންވެގެން ދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް.. މިހާރު އަހަރެންގެ ގައިގައިވާ ބާރަކީ އަހަރެންގެ އަމިއްލަ މިލްކެއް.. މަހަކުން އެންމެ ރެއަކު ފިޔަވާ އަހަރެން ބޭނުން އިރަކު އެ ބާރު ބޭނުން ކުރެވޭ.. ބަދަލު ވެވޭ.. އާނ.. ނާއިލާ.. ވޫލްފެއްގެ ސިފައަށް ބަދަލުވެވޭ.. އެ އާރާއި ބާރު ލިބޭ.. އެކަމަކު ހަނދު ފުރިހަމަވާ ރޭގައި އަހަރެންގެ ނަފުސު ކޮންޓްރޯލެއް ނުކުރެވޭ.. އެ ރޭގައި ވެމްޕަޔަރ އެއްފަދައިން ލެއަށް ދަހިވޭ.. އަދި ވެމްޕަޔަރ އެއްގެ ބާރުތައް ހިއްސާކުރާއިރު، އަތްވަށް ކެތްނުވާވަރުގެ އުނދަގުލެއް ލޮލަށްވޭ.. ކުރުކޮށް ބުނާނަމަ ވެމްޕަޔަރ އަކާއި ވޫލްފެއްގެ ފުރިހަމަ ބާރު ލިބިފައިވާއިރު، އެ ދޭތީގެ ބައެއް ނިކަމެތިކަން ވެސް ލިބިފައިވޭ.. "

" އެ ކީއްވެ؟ ކީއްވެ އައިމަން މަރާލަން ޖެހެންވީ.. " އައިމަންގެ ނައްތާނުލައި ވާންނެތްކަމަށް ހާމިދު ބުނުމުން ނާއިލް ހައިރާން ކަމާއެކު ސުވާލުކުރިއެވެ.

"އެއީ އޭނާގެ ކޮންޓްރޯލް މަށަށް އަތުނުވާނެތީ.. އަނެއްކޮޅުން އޭނާއަށް ލިބިފައިވާ ބާރު މިހާރު އޭނާ ބޭނުން ގޮތަކަށް ބޭނުން ކުރެވޭ އެއްޗަކަށް ވާއިރު އޭނާ ބޭނުންވެއްޖެނަމަ ގޯސް ވާނެތީ.. އަނެއްކޮޅުން ކޮންމެ ހަނދުވަރު ފުރިހަމަވާ ރެއަކު އޭނާގެ ބާރުގެ ކޮންޓްރޯލް އޭނައަށް ގެއްލި ލެއަށް އިންތިހާއަށް ބޭނުންވެ، އިންސާނުންނަށް ހަމަލާ ދެވޭނެ.. މިވަރުގެ ނުރައްކަލެއްގައި މިރަށް ބޭއްވުމީ ވާނެކަމެއްނޫން.. ނާއިލް ވިސްނާލަބަލަ.. މި ރަށުން މި ފަހުން އާދަޔާ ޚިފާލަށް ފުރަތަމަ މަރުވި މީހާ މަރުވީ ހަނދުވަރު ފުރިހަމަވި ރޭގައި.. އެއީ އައިމަން ގަސްދުގަ ކުރި ކަމެއްނޫން.. އެކަމަކު އެއަށްފަހު ހަމްޒަތުމެންގެ ގުރޫޕްގައި އުޅޭ ސޮރު މަރުވުމީ އޭނަ ގަސްތުގަ ކުރިކަމެއްކަން މަށަށް ޔަގީން.. އަދި އެންމެ ފަހުން މި ގެ ކައިރިން ފެނުނު މަރަކީ މަށަށް އޭނާ ދިން އިންޒާރެއް.. އެހެންވީމާ މަޑުން ތިބެވޭކަށް ނެތެއްނު..." ހާމިދު މަޑުމައިތިރިކަމާއެކު ނާއިލަށް ވިސްނައިދޭން ވާހަކަ ދައްކަމުން ދިޔައެވެ.

އައިމަން ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު، ނާއިލާގެ ގަބޫލުކުރަން އުނދަގޫވެފައިވާ ސިކުނޑިއަށް ހަގީގަތްކަން ސާބިތުކޮށްދޭން ބޭނުންވިއެވެ. ނާއިލާ ބިރުން ނޫޅުމަށާއި، އަދި މި ވާހަކަތައް ދެ ވަނަ މީހަކާ ހިއްސާ ނުކުރުމަށްބުނެ، އޭނާ މަޑުމަޑުން ނާއިލާއާ ދުރަށްޖެހިލިއެވެ. އަތާއި ފައި ބަޅުކޮށް ސިފަ ބަދަލުވުމަށް ހަރަކާތް ކޮށްލިއެވެ. ނާއިލާ ކެތްތެރިކަމާއެކު ބަލަހައްޓައިގެން އިނެވެ.

އައިމަންގެ ސިފަ ބަދަލުވަމުންދިޔައީ އައިމަން ކިޔައިދިން ފަދައިންނެވެ. ނާއިލާގެ ކުރިމަތީގައެވެ. އޭނާގެ ހަށިގަނޑުގައިވާ ނާރުތަކާއި މަސްތައް ފުފިއަރާ އަތާއި ފަޔަށް ވާންވަމުން ދިޔައެވެ. ހަށިގަނޑު ހުރި އިސްކޮޅަށްވުރެ ބޮޑަށް ރޫފަ ދެމިލައި، ގައިގައި ކަޅުކަން ގަދަ ކެހެރި ބޯވަމުން ދިޔައެވެ. މޫނާއި ހަށިގަނޑުގެ ސިފަ ވޫލްފަކާއި ވައްތަރުވަމުންދިޔަ އިރު، ލޮލުގެ ކަޅުކަޅިއާއި ހުދުބައި ވަކިނުވާވަރަށް ބަދަލުވެ، މުޅި ލޯ އެކީއެކަށްޗަކަށް ކަޅުވެގެން ދިޔައެވެ. މި މަންޒަރުތައް ދެކެން އިން ނާއިލާގެ ނޭވާ އަވަސްވެ، ހިތް ބިރުގަނެ، ދާހިއްލާ ފޯވަމުންދިޔައެވެ.

އައިމަން ފުރިހަމައަށް ބަދަލުވެ، އޭނާގެ ތަފާތެއްވާ ހަށިގަނޑު ނާއިލާއަށް ދައްކާލުމަށްފަހު، މަޑުމަޑުން ހަމަޖެހި، ކުރިން ހުރިގޮތަށް ރުޖޫޢަވެއްޖެއެވެ. އޭރު ނާއިލާއަށް ގިސްލާ ރޮވެމުންދަނީއެވެ. އޭނާ ހިތަށް ކެތްނުވާވަރަށް އަސަރު ކުރީއެވެ. އޭނާގެ ހިތްބުނެއެވެ. މިއީ ކޮންފަދަ ބަދު ނަސީބުކަމެއް ހެއްޔެވެ؟ އެންމެ ފުރަތަމަ ކުޑަކުޑަ އިރުއްސުރެ މުއްސަނދިކަމާއެކު، ދިރިއުޅުން ވޭތުކުރަމުން ދަނިކޮށް ލިބިފައިވާ ރީތިކަން ނީލަން ކިޔުނީއެވެ. އައިމަން އޭނާދެކެ އިންތިހާއަށް ލޯބިވެ ލޯބިދީ، މުޅި އުމުރަށް އެކުގައި އުޅެން ތައްޔާރަށް ހުއްޓައި، ދުނިޔަވީ ހެއްލުމާއި ގެއްލުމުގެ ތެރެއަށް ވެއްޓި ހަމްތަޒުއާއެކު ވަގުތު ހޭދަކުރެވުނީއެވެ. އެ މަޅިން ސަލާމަތްނުވެވި، އިއްފަތާއި އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވުނު ހިނދު ދެވަނަ ފަހަރަށް ވެސް، އެހީތެރިވެ ދިނީ އައިމަންއެވެ. މި ފަހަރު އައިމަންއާއެކު މުޅި އުމުރު އުފަލުގައި ހޭދަކުރުމަށް އޭނާ އުންމީދު ކުރިއެވެ. އެހެނަސް ތަފާތު އެތައް ގޮންޖެހުންތަކަކަށްފަހު، އައިމަންއާއެކު ޒަވާޖީ ހަޔާތެއް ފެށުނު އިރު ހުރިހާ ކަމެއް މި ވަނީ ބަދަލުވެފައެވެ. އައިމަންގެ ކިބައިގައި މިއަދު ތަފާތެއް އެބަވެއެވެ. ނާއިލާ އަށް ގޮތެއް ނިންމަން މަޖުބޫރެވެ. ޚިޔާލާ ފިކުރުތައް ސިކުނޑިން ހުސްކުރަމުން ނާއިލާ އަތުގެ ނުފުށުން ލޯފުހެލިއެވެ. އޭނާގެ ހިތުގެ އަޑިން ވަރުގަދަ ނިންމުމެއް ނިންމިއެވެ. އައިމަންއަކީ އޭނާގެ ފިރިމީހާއެވެ. އައިމަންގެ ކިބައިގައިވާ ތަފާތަކީ އައިމަން އަމިއްލައަށް ހޯދައިގަތް ކަމެއް ނޫނެވެ. ބައެއްގެ ނުބައިކަމުން އޭނާއަށް ލިބުނު ލަނޑެކެވެ. މިއީ ނާއިލާ ގަބޫލުކުރިގޮތެވެ. އެހެންކަމުން ކޮންމެ ހާލެއްގައި ވެސް އެ ހުރިހާ ތަފާތުތަކަކާ އެކުގައި ވެސް، އައިމަން ބަލައިގަތުމަށް ނާއިލާ ނިންމިއެވެ. އައިމަންއާއެކުގައި ހަޔާތް ވޭތުކުރުމަށާއި، އައިމަންގެ މި ތަފާތު މުޅި އުމުރަށް ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އަޒުމު ކަނޑައެޅިއެވެ. އެހެނަސް، އެހެން ބަޔަކަށްމެ އެނގޭކަމެއް ސިއްރުކުރާނީ ވަކި ފަހެ ކިހިނަކުން ހެއްޔެވެ؟ ބާރާއި އާރާއެކު ނިކަމެތި ކަންތައްތަކެއް ލިބިފައިވާ ހިނދު ސިއްރު ކުރެވޭނެ ހެއްޔެވެ؟

ކޮންމެ އަކަސް ފާއިތުވެގެން ދިޔަ ރެއަކީ އެތައް ކަމެއްގެ ހަގީގަތް ހާމަވެގެން ދިޔަރެއެކެވެ. އެތައް މަންޒަރުތަކެއްގެ އަސްލު ކުލަވަރު ފެނިގެން ދިޔަ ރެއެކެވެ. ނާއިލާއި ހާމިދު، ހާމިދުގެ ކޮޓަރީގައި ވާހަކަތަކެއް ދައްކަމުން ދިޔައިރު، އައިމަން އޭނާގެ ކޮޓަރީގައި ހަމަ އެ ވާހަކަތަކާ ގުޅުން ހުރި ވާހަކަތަކެއް އޭނާގެ ލޯބިވާ އަނބިމީހާ ނާއިލާއާ ހިއްސާކުރަމުން ދިޔައީއެވެ.

އެއްވަގުތެއްގައި ދެ ބަޔަކު ދައްކަމުން ދިޔަ ވާހަކަތަކުން ހަގީގަތްތައް އެއްބަޔަކު އަނެއް ބަޔަކަށް އެނގި ހާމަވީއެވެ. ނާއިލާއަށް ހަމްޒަތާއި އޭނާގެ ބައިވެރިން ދިން އަނިޔާގެ ބަދަލު ހިފުމަށް، ނާއިލާގެ ދޮންބެ ނާއިލް ދިޔައީ ހާމިދުގެ ކައިރިއަށެވެ. ސިހުރާއި ހާހޫރަޔަށް މޮޅު ހާމިދު އެއްދޮނުގައި ދެ ބުޅި ޖެހުމަށް މަސައްކަތް ކުރީއެވެ. އޭނާގެ ކާފަ ހަށިފާރަވެރިއެއްގެ ގޮތުގައި ގެންގުޅުމަށް، ސިހުރުގެ ބާރުގައި ދެ ނަސްލުން ގުޅިފައިވާ މަހުލޫގެއް އުފަންކުރުވަން ކުރުވި މަސައްކަތް އޭނާ ވެސް ކުރީއެވެ. އެހެނަސް ނާއިލްގެ މަގުސަދު ވެސް ހާސިލް ކުރެވޭނެ ގޮތަށް ޕްލޭން ކޮށްގެނެވެ. ނަމަވެސް ކަންވީ އުންމީދުކުރި ގޮތަކަށް ނޫނެވެ. ސިހުރާއި ހާހޫރަ ގޮވައިގެން ދަތުރު ކުރާ "ލޭބޯހަރުފަ" އަތުން ބީވެ، މިސްރާބުން ކައްސާލާ، ކަންކަން ބޮއްސުންލީއެވެ. އައިމަން އެއްވެސް ހުރަހެއްނެތި، ކައިވެނީގެ އިމުން ބޭރުގައި ގުޅުން ހިންގަމުންދިޔަ ޔޫރަޕްގެ ދޮން އަންހެނާ، އެންޖްލީއަށް އެ ލޭބޯހަރުފައިގެ ހަމަލާ އަމާޒުވީއެވެ. ކަމުގެ ހުރި ނުރައްކާކަމުން، އިތުރު ގޮތެއްނެތި، ރޭވި ނުބައި ރޭވުމުގައި، ހާމިދުގެ ބަހަށް ނާއިލް އެންޖްލީ މަރާލީއެވެ. އެ މީހުން ހިތުން ހުރިހާކަމެއް ނިމުނީއެވެ. އެހެނަސް ހެދުނު ގޯސް ރަނގަޅު ކުރަން މާ ލަސްވީއެވެ. އެންޖްލީ މަރުވިޔަސް، ހިނގަން ނުވާ ގުޅުމެއް ހިނގުމުގެ ސަބަބުން އެ ބާރު ދެމިއޮތީއެވެ. ނާއިލާ އެންމެ ލޯބިވި އައިމަން، އެ ބާރުގައި އެކަކަށް ވެސް ނޭނގޭ ހާލަތުގައި ބަދަލުވީއެވެ. ބާރު ހުރި މީހަކަށްވީއެވެ. އަދު ވެސް އޭނާއަކީ އިންސާނެކެވެ. އިންސާނެއް ފަދައިން އިންސާނުންގެ ތެރޭގައި އުޅެވެއެވެ. އުނދަގުލަކާއި ނުލައެވެ. އެހެނަސް ބޭނުންވުމުން، ފުރިހަމަ އިޚުތިޔާރުގައި ވޫލްފެއްގެ ސިފައަށް ބަދަލުވެވެއެވެ. އެ ތަފާތު ހަށިގަނޑާއެކު، ވަކިތަކާއި، ތޫނު ދަތްތަކާއި، ބިޔަ ހަށިގަނޑުގައި އާރާއި ބާރު ވެސް ހުރެއެވެ. ތޫނުފިލި ކަމާއެކު، ދުރުން ލޭގެ ވަސް ދެނެގަނެ، މާދުރުގައިވާ އަޑުތައް އަހައެވެ. އެހެނަސް އެ ބާރާއެކު ނިކަމެތިކަން ވެސް ލިބިފައިވެއެވެ. ހަނދުވަރު ފުރިހަމަވާ ކޮންމެ ރެއެއްގައި އިޚުތިޔާރުން ބޭރުގައި ވޫލްފަކަށް ބަދަލުވެއެވެ. އަދި ވެމްޕަޔަރއެއް ފަދައިން ލެޔަށް އިންތިހާއަށް ދަހިވެ، އިންސާނުން ޝިކާރަކުރަން ޖެހިދެއެވެ. އިރުގެ އަލިކަމުގައި ނިވަލަކާއި ނުލައި، ލޯ އަނދާ އަޅިއަށް ވެދާނެހެން ހީވެއެވެ. މިއީ އަދު އައިމަންގެ ކިބައިގައިވާ ތަފާތުތަކެވެ. އެހެނަސް އެ ތަފާތުތަކާއެކު، ވޫލްފަކާއި ވެމްޕަޔަރއެއްގެ އާރާއި ބާރާއި ސިފަތަކާއި، ނިކަމެތި ކަން ހިއްސާ ކުރާ އިންސާނެއްގެ ގޮތުގައި އޭނަޔަށް ދެމިހުރެވި ދާނެބާވައެވެ؟

ނާއިލާއި ހާމިދު އަދިވެސް މަޝްވަރާ ކުރަމުންދަނީއެވެ. އައިމަންގެ ބާރު ގަދަކަމާއެކު، ލިބިފައިވާ ނިކަމެތި ކަމުގެ ވާހަކަތައް ބުނެދީ، ހާމިދު އޭނާ ނައްތާލުން ނޫންގޮތެއް ނެތްކަން ނާއިލްއަށް ވިސްނައި ދިނުމަށް މަސައްކަތް ކުރަނީއެވެ.

" އޭނާ އާދަޔާ ޚިލާފަށް ބާރުގަދަ. މަށަށް ވެގެންވާނެނަމަ މަ މަސައްކަތް ކުރީހީ މަގޭ ބާރުގެ ދަށަށް ގެނެސް ކާފަ ހާސލް ކުރަން ބޭނުންވި މަޤުޞަދު ހާސިލް ކުރަން. އެކަމަކު އެ ގޮތަށް ކަންތައް ވާވަރަށްވުރެ މާ ލަސްވެއްޖެ. މިހާރު އޭނާ ނައްތާލަން މަސައްކަތްކުރުން ނޫންގޮތެއް ނެތް. އެހެންނޫނީ މި މަހުގެ ހަނދު ފުރިހަމަވާއިރު، އަނެއްކާ އަނެކަކުގެ ފުރާނަ ދާނެ.. އޭގެ ކުރިން ވެސް އެފަދަ ކަމެއް ވުމުގެ ބިރު ވެސް މިހާރު އެބައޮތް.. ސަބަބަކީ އޭނާއަށް އެ ބާރު ބޭނުން އިރަކު ހިތުހުރި ގޮތަކަށް ބޭނުންކުރެވޭއިރު، އޭނާގެ ރުޅިވެރިކަން ބަޔަކަށް ފިލުވާލުމީ ވަރަށް ގާތްކަމެއް... ނާއިލްގެ ކޮއްކޮގެ ފިރިމީހާ ކަމަށް ވިޔަސް އޭނާ ނައްތާލުންނޫން ގޮތެއް މަށަކަށް މިކަމުގައެއްނެތް.. މަށަށް ރަނގަޅީ ނާއިލް ވެސް ހެޔޮ ވިސްނުން ވިސްނައި މިކަމުގައި މަށަށް އެހީވުން.. ނާއިލް އެހީ ނުވިޔަސް މަ މިކަން ކުރާނަން.. " ހާމިދު ވާހަކަ ދައްކަމުން ގޮސް އޭނަގެ އެންމެ ފަހުގެ ނިންމުން ވެސް ނާއިލަށް އިއްވިއެވެ.

" ދެން ހަމަ ތިނޫން އެހެންގޮތެއް ނޯންނާނެތަ؟ " ވިސްނާ ވިސްނާ، ބޯ ގޮވަން ކައިރިވެފައި އިން، ނާއިލް މާޔޫސް ކަމާއެކު ހާމިދާ ސުވާލުކޮށްލިއެވެ.

" އާނ ނާއިލް. މިނޫން ގޮތެއް ނެތް.. ކުރިން ބުނިހެން މަށަށް އައިމަންގެ ބާރު ވަރަށް ރަނގަޅަށް އެނގޭ.. މީގެ ދުވަސްކޮޅެއް ކުރިން އެއް ރެއަކު މަ އައިމަންއާ ތުނޑިމަތިން ބައްދަލުކުރިން... " ހާމިދު މީގެ ދެތިން ރޭ ކުރިން ތުނޑިމަތީގައި އަނދިރިކަމުގެ ތެރޭގައި ހިނގާދިޔަ ހާދިސާ ހަނދާނަށް ގެންނަމުން ނާއިލްއާ ހިއްސާކުރަން ފެށިއެވެ. އޭރު އެ ހާދިސާ އޭނާގެ ސިކުނޑީގައި ފައްފައްވެ ސިފަވަމުންދިޔައެވެ.

އެއީ ކަޅުފޮއި މޫސުމުގެ އަނދިރިކަން ދުނިޔެއަށް ވެރިވެފައިވާ ރެއެކެވެ. ފަޒާގައި ކުދިކުދި ތަރިތަކުގެ ފިޔަޖެހުން ކިތަންމެ ގަދަ ނަމަވެސް ކަޅުފޮއި އަނދިރިކަމުގެ މައްޗަށް އަލިކަން ނެރެވޭނެ ގޮތެއް ނެތްމެއެވެ. ހަމަހިމޭން މެންދަމެއްގެ ފޮނިއަރާމު ނިދިން މުޅިރަށް ނިދާ ހަމަހިމޭންވެފައިވީ ވަގުތެވެ. ރަށުގެ ދިގު ދޮންވެލި ތުނޑިއާ ދިމާއަށް ހާމިދު ހިނގާފައި އެބަ ދެއެވެ. އަނދިރިކަމުގެ ސަބަބުން ދުރުގައި ހުންނަ މީހަކަށް އެއީ ކާކުކަން ވަކި ނުވާނެއެވެ. އެހެނަސް އަނދެފައިވާ މުންޑުން އެއީ އުމުރުން ދުވަސްވީ މީހެއްކަން ހާމަކޮށްދެއެވެ.

ތުނޑީ ކޮޅަށް ދެވުމުން ހާމިދު ހުއްޓި މަތި ބަލައިލިއެވެ. އެ ގޮތުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އޭނާގެ ވަށައިގެން ދޮންވެލިގަނޑުގައި ފައިން ވައްބުރެއް ކުރަހާލިއެވެ. އަދި އަތުގައިވާ ފިޔޮހިން ބިންމަތީގައި ކުރެހުންތަކެއް އެޅުމަށްފަހު ފިޔޮހި ބިމުގައި ރަނގަޅަށް ހަރުކޮށްލިއެވެ. އެއަށްފަހު މޫދަށް ކުރިމަތިލައިހުރެ ތުންތަޅުވަން ފައްޓައިފިއެވެ.

މާކަ ގިނަ އިރުތަކެއް ނުވެއެވެ. އޭނާގެ ފުރަގަހުން ދެވަނަ ދިރުމެއްގެ ހިލަމެއް ވެލިއެވެ. އެއާއެކު އޭނާ ކިޔެވުން ހުއްޓާލުމަށްފަހު، ފަހަތަށް އެނބުރި ބަލައިލިއެވެ. އޭނާ ކުރަހާފައިވާ ވައްބުރުގެ ރޮނގުގައި ޖެހި ނުޖެހޭ ހިސާބު ބޭރުގައި ހުރީ، ދެ ފައިމައްޗަށް ކޮޅަށް ހުއްޓަސް އިންސާނެއް ނޫނެވެ. މޫނުމަތީގެ ގުނަވަންތައް އިންސާނެއްގެ ސިފަ ގެނެސްދިނަސް، މުޅި މޫނާއި އަތުގައި ކަޅުކަން ގަދަ ކެހެރި ބޯކޮށް ފަޅާފައެވެ. އަތާއި ފައިގައި ރޫފަޖެހިލައި ގައިގެ މަސްތައްމެ ވަރުގަދަވެ، ބޮޑު ބިޔަ، ޖަންގަލީ ޖަނަވާރެއްގެ ސިފަ ގެނުވާއިރު، ދިގު އިނގިލި ތަކަކާއެކު ތޫނު ވަކިތަކެއް ލިބިފައިވެއެވެ. ތަންމިނަށް ހުޅުވައިގެން އޮތް އަނގައިގެ ބިޔަ ތޫނު ދަތްތަކުން ނުރައްކާތެރިކަން ހާމަކޮށްދެއެވެ. އެ ވަރުގަދަ ދަތްޕިލައިން އެހެން ދަތްތަކަށްވުރެ ދިގުވެ ދުރަށް ނުކުމެފައިވާ ދެ ފޭރާދަތް ވަކިން ބޮޑަށް ފާހަގަ ވެއެވެ.

މިހުރިހާ މަންޒަރެއް ފެނުމުން އެ ބުރުގެ ތެރޭގައި ހުރި ހާމިދު ބިރުގަތުމުގެ ބަދަލުގައި ހިނިގަނޑެއް ޖަހާލިއެވެ. ކާމިޔާބީއެއްގެ އުފާވެރިކަމުން ފުރިގެންވާފަދަ މާނަހުރި ގޮތެއްގައެވެ. އެހެނަސް ދެން ފެނުނު މަންޒަރުން އޭނާގެ ހުނުން މުޅިން ހުއްޓި ފަހަތަށް ފިޔަވަޅު އަޅަން ފެށިއްޖެއެވެ. އެ ބިޔަ ޖަނާވަރުގެ ހަށިގަނޑުގެ ވެރިޔާ ހިނިތުންވެ ހުރެ ރޮނގުގެ އެތެރެއަށް ފިޔަވަޅުއަޅައި ހާމިދުއާ ދިމާލަށް ހިނގައިގެންފިއެވެ. އެހެނަސް ތަފާތު ސިފައެއްގައެވެ. އާނއެކެވެ. ވޫލްފެއްގެ ސިފައިން އޭނާގެ އަސްލު ސޫރަ، އާދެ އައިމަންގެ ސިފަޔަށް ބަދަލު، އިންސާނެއްގެ ގޮތުގައެވެ.

ހާމިދު އޭނާއާ އައިމަންއާ ބައްދަލުވި ހާދިސާ ނާއިލަށް ކިޔައިދިނުމަށްފަހު ފުންނޭވާއެއްލައި ހަމަޖެހިލިއެވެ.

" ނާއިލް ބުނަން.. އެރޭ މަ ވައްބުރު ކުރެހީ، އިންސާނުން ފިޔަވާ އެހެން މަހުލޫގަކަށް ނުވަދެވޭނެހެން.. އެކަމަކު އެކަން އެނގޭތީ، އައިމަން ބުރު ތެރެއަށް ވަދެގެން އައިސް މަށަށް އިންޒާރު ދިނީ އިންސާނަކަށް ބަދަލުވެގެން ހުރެ. ވިސްނާލަބަލަ.. އޭނާ އެ ތަފާތު ހަށިގަނޑާއެކުގައި ވާއިރު، ސިހުރުން އޭނާއާ ކުރިމަތިލެވިދާނެ.. އެކަމަކު ހަމަ އެ ހިނދު އޭނާ އިންސާނަކަށް ބަދަލުވެއްޖެނަމަ، ކަންތައް ބޮއްސުންލާނެ.. އެހެންވެ މި ބުނީ އޭނާއަށް ލިބިފައިވާ ބާރު ނުރައްކާވެފައި، އިންސާނުން ތެރޭ އޭނާ ބެހެއްޓޭކަށް ވެސް ނެތޭ.. އަނެއްކޮޅުން އޭނާ ނައްތާލުމަށް ރާވަން ޖެހޭނީ އާދައިގެ ރޭވުމެއްވެސް ނޫން.. " ހާމިދުގެ ވާހަކަތަކަށް ނާއިލް ބޯޖަހާލިއެވެ. އެއަށްފަހު ކުޑަ ވަގުތުކޮޅަކު ވާހަކަ ދައްކަން އިނދެލާފައި، ނާއިލް އޭނާގެ ގެއަށް ދިއުމަށް ނުކުތެވެ.

ނާއިލަށް ގެއަށް ވަދެވުނު އިރު މައި ގޭގައި ވަނީ ނިދާބޮކި ދިއްލާފައެވެ. ނާއިލަށް ގަބޫލުކުރެވުނީ އޭނާ ގެއަށް ނައިސް ލަސްވުމުން، ގޭތެރެ ނިވާލުމަށްފަހު އަމްނާ ނިދީ ކަމަށެވެ. ފަނޑު އަލިކަމުގެ ތެރެއިން ހިނގާފައި ގޮސް ނާއިލް އައިސް އަލަމާރި ކައިރީގައި ހުއްޓި ދޮރުފަތް ހުޅުވާލިއެވެ. އެއަށްފަހު އައިސް ފެންފުޅިއެއް ނަގައި އަލަމާރީ ދޮރުފަތް ލައްޕާލަމުން އެނބުރިލިއެވެ. އެ ވަގުތު އޭނާގެ ނަޒަރު، މައިގޭތެރޭގައިވާ ތަނަވަސް ބޮޑު ސޯފާސެޓަށް ހުއްޓުމާއެކު، އޭނާއަށް ލިބުނު ސިހުމާއެކު ވަރަށް ބޮޑަށް ހައިރާން ވެސް ވިއެވެ.

— ނުނިމޭ —

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް