މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެފިރިހެނުން ހައްޔަރު ކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.
މި ދެ މީހުންގެ ތެރެއިން 25 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 12 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 14:15 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ. ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އޭނާ ނިދާ ކޮޓަރީގެ އަލަމާރިމަތީގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އުމުރުން 39 އަހަރުގެ މީހާ ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަނގުރާ ކައްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 12 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 23:00 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެގޭތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަމެއް ފެނިފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. މިގޮތުން 25 އަހަރުގެ މީހާއަށް ތ.ވޭމަންޑޫ ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު 39 އަހަރުގެ މީހާއަށް ލ.ފޮނަދޫޫ ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި ދެމައްސަލަ ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް