ޕްރީސްކޫލް ތައުލީމާއި ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ލާޒިމްކޮށް ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ތައުލީމާ ބިލް މަޖިލީހުން ބަލައިގެންފިއެވެ.
ތައުލީމާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމްއެވެ.
އިބްތިދައީ ބަހުސަށްފަހު މިއަދު މަޖިލީހަށް ބިލް ބަލައިގަންނަން ފާސްވީ 69 މެމްބަރުންގެ ތާއީދާއި އެކުގައެވެ. މިބިލް ބަލައިގަތުމުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ އެއް މެމްބަރާއި ނުފެންނަ ކަމަށް ވޯޓު ދިން އެއް މެމްބަރުވެސް ހިމެނުނެވެ.
ރާއްޖޭގެ ތައުލީމީ ގިނަ ކަންކަމަށް އަލިއަޅުވާލާފައިވާ އެބިލާއި ބެހޭ ގޮތުން ގިނަ މެމްބަރުންތަކެއް ވަނީ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވާފައެވެ. ބިލަށް ބައެއް ބަދދަލުތަށް ވެސް ގެންނަން ފެންނަ ކަމަށްބުނެ ބައެއް މެމްބަރުންވަނީ ހިޔާލު ހުށަހަޅުއްވާފައެވެ. ހިޔާލު ހުސަހެޅުއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ހިމެނެއެވެ.
މިހާރު އެބިލް އޮތް ގޮތަށް ފާސްވެއްޖެ ނަމަ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން "ޓީޗާރސް ރެޖިސްޓްރޭޝަން ކައުންސިލް" ގައި ރެޖިސްޓްރީ ވާން ޖެހޭނެއެވެ.
ބިލުގެ 41 އެއް ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ވެސް އަދި ކިޔަވައިދޭ ތަނެއްގައި ވެސް ރެޖިސްޓްރީ ނުކޮށް ކިޔަވައި ނުދެވޭނެ ކަމަށާއި އެ ކައުންސިލުގައި ރެޖިސްޓްރީ ނުވާ އެއްވެސް ޓީޗަރަކަށް ސުކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށެވެ.
މިތަންތަނުގައި ޓީޗަރެއްގެ ގޮތުން ލައިސަންސް ހޯދަން ޖެހޭ
- ޑޭކެއާ ސެންޓަރުތައް
- ބޭބީ ނާސަރީ އަދި ނާސަރީ
- ޕްރީ ސްކޫލް އަދި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ ތަންތަން
- ރެޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކްލާސްތައް
- ދަަރިވަރުންނަށް ތަމްރީނާއި ކަސްރަތު ދޭން ހިންގޭ ތަންތަން
- ރާއްޖޭގެ ސުކޫލްތައް
"ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލް" ގެ ނަމުގައި ކައުންސިލެއް، މިބިލް ފާސްވާތާ މަސް ދުވަހުގެ ތެރޭގައި އުފައްދަން ވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް