އައިޖީއެމްއެޗާއި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގައި ގަވައިދާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެ މައްސަލައިގަ ކޮމީޓީގެ އެދުމަށް ދެ އިމާރާތާއި ގުޅޭ ހުރިހާ ލިޔެ ކިޔުމެއް ސަރުކާރުގެ ކަމާ އިދާރާތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި އެވެ.
އއެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ. އިދިކޮޅު މެންބަރުން ވަނީ މިއަދުގެ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި ފިނޭންސް މިނިސްޓްރީގެ އިމާރާތަށްވުރެ އައިޖީއެމްއެޗުގެ އިމާރާތުގެ އަގު ބޮޑުވާ ސަބަބު އޮޅުންފިލުވަން އެދިފައި އެވެ.
އެގޮތުން އައިޖީއެމްއެޗުގެ އާ އިމާރާތް ހެދުމަށް 140 މިލިއަން ޑޮލަރު ހަރަދު ކުރާއިރު ފިނޭންސް ގެ އިމާރާތަށް ހަރަދު ވަނީ 123 މިލިއަން ޑޮލަރެވެ.
މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ މެމްބަރުން ވަނީ އެ ލިޔެކިޔުންތައް ދިރާސާ ކުރެއްވުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައި އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް ސަބް ކޮމެޓީއަކަށް ފޮނުވައި ކަމާ ގުޅުންހުރި ތަޖުރިބާކާރުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ހުށަހެޅުނު އިރު، އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވުމަށް ވެސް ބައެއް މެމްބަރުން ހިޔާލު ފާޅުކުރެއްވި އެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ކޮމެޓީގެ މުގައްރިރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ދެން ބާއްވާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ގޮތެއް ނިންމައި އެކަމާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ވަގުތު އަރުވަން ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް