ރާއްޖޭގެ 15 ސްކޫލެއްގެ ޕްރިންސިޕަލުން ހިންގުމުގެ ތަޖުރިބާ ހޯދުމަށް މެލޭޝިއާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.
މި ދަތުރަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީއާއި ގުޅިގެން ރާވާފައިވާ ދަތުރެކެވެ. މި ދަތުރުގައި ބައިވެރިވާ ޕްރިންސިޕަލުން އެ ޔުނިވާސިޓީ އާއި އެގައުމުގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ މައުލޫމާތު ހޯދާނެއެވެ.
އަދި މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީން ކުރިއަށް ގެންދާ 21ވަނަ ގަރުނުގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާނެ އެވެ.
މިއަހަރުގެ ދަތުރުގައި ބައިވެރިވަނީ ޅ. އއ، މ އަދި ފ އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ.
މިއީ އެ ޔުނިވާސިޓީ އާއި ގުޅިގެން ސްކޫލްތަކުގެ ހިންގުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ތަޖުރިބާ ހޯދުމަށް ކުރާ ހަވަނަ ދަތުރެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މިދިޔަ އަހަރު އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުން ހިމެނޭ ގޮތަށް ނުވަ ފަރާތެއް މެލޭޝިއާއިން ތަމްރީނު ހޯދާފައިވެ އެވެ. ދެ ވަނަ ބުރުގައި 30 ފަރާތެއް ތަޖުރިބާ ހޯދާފައި ވާއިރު ތިން ވަނަ ބުރުގައި 30 ފަރާތަކުން އަދި ހަތަރު ވަނަ ބުރުގައި 23 ފަރާތަކާއި ފަސް ވަނަ ބުރުގައި ވެސް 23 ފަރާތަކުން ތަޖުރިބާ ހޯދާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް