ދިވެހި ފިލްމު "ނޯޓީ ފޯޓީ" ގެ ޝޫޓިންގް ފެށުމަށް މިއަދު ފިލްމުގެ ތަރިން މިއަދު ހަވީރު ށ. މިލަންދޫ އަށް ފުރާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މިހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ވީޓީވީ ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ލޯންޗު ކުރެވުނު "ނޯޓީ ފޯޓީ" އަކީ އެންވިޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންސް އިން ގުޅިގެން އުފައްދާ ދެވަނަ ފިލްމެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ހުރިހާ ރަހަތަކެއްވެސް ހިމެނޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން "ނޯޓީ ފޯޓީ" އަކީ މިހާތަނަށް ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ގިނަ ތަރިން ފެނިގެންދާނެ ފުރަތަމަ ފިލްމަށް ވާނެ ކަމަށްވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވަނީ ބުނެފައެވެ.
"ޏޯޓީ ފޯޓީ" ލޯންޗް ކުރި ރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ފިލްމުގެ މައިގަނޑު ރޯލުތަކުން ޖުމްލަ 18 ތަރިން ފެނިގެންދާނެ ކަމަށާއި އޭގެ ތެރޭގައި މަރިޔަމް އައްޒަ، މަރިޔަމް އަޒީފާ، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، އަޙްމަދު ސައީދު، މުހައްމަދު މަނިކު، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، މުޙައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާޤް ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.
މީގެ އިތުރުން މުޅިން އައު ތަރިންތަކެއްވެސް މިފިލްމުން ފެނިގެން ދާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި، ސޯޝަލް މީޑިއާއިން އާއްމުންގެ ތެރެއަށް މަޝްހޫރު ވެފައިވާ ލިއާމް އާދަމް (އެލްޖޭ) އާއި އަރްޝަމް، ގުލިސްތާނު، އަހުމަދު ޝަރީފު، އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ އިތުރުން މިފެށޭ މާރޗް މަހުގެ ދެވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމުު "މަލިކާ" ގެ ބަތަލާ ނުޒުހަތު ޝުޢައިބު ވެސް މިފިލްމުން ފެނިގެންދާނެ ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މީގެ އިތުރުން ފިލްމު "ވާށޭ މަށާ އެކީ" އިިން ވަރަށް ހޫނު ތަރުޙީބެއް ލިބުނު ބޭރުގެ ތަރިއެއް ކަމަށްވާ މާރިއާ ތެރީސާ ވެސް ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މާލެއާއި އަތޮޅުތެރޭގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ "ނޯޓީ ފޯޓީ" ގެ ޕްރޮޑިއުސަރަކީ ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ފިލްމުތަކެއް ކަމުގައިވާ "އިންސާފް" އަދި "24 ގަޑިއިރު"ގެ އިތުރުން "ބައިވެރިޔާ"ގެ ޕްރޮޑިއުސަރ އިސްމާއީލް ޝަފީގެވެ. އޭނާގެ އިތުރުން މި ފިލްމު ޕްރޮޑިއުސް ކުރަނީ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު އެވެ. މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި އަހްމަދު ސައީދު ހަރަކާތްތެރިވާއިރު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މުހައްމަދު މަނިކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް