ސާކް ސަމިޓަށް ސަފާރީ ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް

އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓަށް ސަފާރީތަކެއް ކުއްޔަށް ހިފުމުގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެން ނުވާ ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ. އޭސީސީން މި ތަހު...

15 Feb 2017 | 07:48

އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓަށް ސަފާރީތަކެއް ކުއްޔަށް ހިފުމުގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެން ނުވާ ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

އޭސީސީން މި ތަހުގީގު ހިންގީ ސާކް ސަމިޓުގެ އޮޑިޓް ރިޕޯޓުގައި އެ ސަފާރީތައް ކުއްޔަށް ހިފީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ބުނެފައިވާތީ އެވެ. އެ ސަމިޓަށް ބޭރު ގައުމުތަކުން ވަޑައިގެންނެވި ބޭފުޅުން ތިއްބެވުމަށް ހަ ސަފާރިއެއް ކުއްޔަށް ހިފި އެވެ.

އެ މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއުލާން ނުކޮށް އެ ސަފާރީތައް ކުއްޔަށް ހިފަން ޖެހުނީ ފަހު ވަގުތު އިތުރު ވަފުދުތަކެއް އަންނަން ހަމަޖެހި، އެކަމަކު އެ މީހުންނަށް ރިސޯޓްތަކުން ޖާގަ ނުލިބުމުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އޭސީސީން ބުނީ އެކަން ކޮށްފައިވަނީ އޭރު އެކުލަވާލާފައި އޮތް ސާކް ސަމިޓު ޓާސްކް ފޯސްގެ ހުއްދަ އާއި އެކު އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

އިތުރަށް ބުނެފައިވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ސަފާރީތަކަށް ކުލީގެ 50 ޕަސެންޓު ދޭން ޖެހުނީ ސަފާރީތަކުން އެގޮތަށް ޑިމާންޑު ކުރުމުން ކަމަށެވެ.

ސަފާރީތަކުން އެދިފައިވަނީ ޖުމްލަކުލި އެއްކޮށް ދެއްކުމަށް ހިދުމަތް ދިނުމުގެ ކުރިން. އެކަމަކު މަޝްވަރާކޮށް 50 ޕަސެންޓަށް ކުޑަކުރީ އެޑްވާންސް ކޮށް ދައްކަންޖެހޭ ބައި،" އޭސީސީގެ ބަޔާނުގައި ވެ އެވެ.

ސާކް ސަމިޓާއި ގުޅިގެން އޭސީސީން މި ފަހަކުން ނެރެމުންދާ ރިޕޯޓުތަކުގައި ވަނީ ވަކި ވަކި ކަންކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަށް ކަން ހާމަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް