އެސްޓީއޯއިން އިސް ނަގައިގެން ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިން ވާރކްޝޮޕެއް ފަށައިފި

އެސްޓީއޯއިން އިސްނަގައިގެން  ބާއްވާ ޕްރީނޭޓަލް ސްކްރީނިންއާއި ނިއުބޯން ސްކްރީނިންގ ވޯކްޝޮޕް  އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދު ފަށައިފިއެވެ. ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަޑުގައި...

15 Jan 2020 | 17:40

އެސްޓީއޯއިން އިސްނަގައިގެން  ބާއްވާ ޕްރީނޭޓަލް ސްކްރީނިންއާއި ނިއުބޯން ސްކްރީނިންގ ވޯކްޝޮޕް  އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދު ފަށައިފިއެވެ.

ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަޑުގައި ދަރިފުޅު އޮންނައިރު އެ ކުއްޖާ ބައެއް ބަލިތަކަށް ސްކްރީން ކުރެވި ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވިގެންދާ  ޚިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންގެ ޚިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތަކަށް ސްކްރީން ކުރުމުގެ ގޮތުން ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވިގެންދާ ޚިދުމަތެކެވެ.

ޕްރީނޭޓަލް ސްކްރީނިންއާއި ނިއުބޯން ސްކްރީނިންގ ހެދުމަށް ބޭނުންވާ ވަސީލަތްތައް އަޖީއެމް ހޮސްޕިޓަލަށް ފޯރުކޮށްދީފައިވަނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޚިދުމަތް ފެށުމުގަޔާއި މިކަމާގުޅޭ ވާރކްޝޮޕްތައް ކުރިއަށް ގެންދިއުމުގައި އެސްޓީއޯއިން އިސް ދައުރެއް އަދާކުރާ މައިގަނޑު ސަބަބަކީ މިކަމުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރާނެ ފައިދާ ބޮޑުވުމެވެ. އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނަ ބޭސް އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދޭ ފަރާތްކަމަށްވެފައި، ކުންފުނީގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ ސިއްހީ ހިދުމަތްތައް ކުރިއަރުވާ އަދި ފައިދާކުރާނެ އެކިއެކި ކަންކަން ތަޢާރަފްކުރުމުގެ މަސައްކަތަކީ ކުންފުނިން ވަރަށް އަހައްމިއްޔަތު ކަމެއްދީގެން ކުރާ ކަމެކެވެ. މިގޮތުން އަލަށް އުފަންވާ ކުދިންނާ މާބަނޑު މީހުން ސްކްރީނިންގ ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނާއި ބެހޭގޮތުން އައިޖީއެމްއެޗްގެ މިކަންތައްތަކުގައި އުޅުއްވާ ޑޮކްޓަރުންނާއި މަޝްވަރާކުރެވި، މިހިދުމަތްދެވޭނެ އިންތިޒާމް މިއަދު މިވަނީ ހަމަޖެހިފައެވެ. މިކަމަކީ ކުރިންނަމަ، ރާއްޖެ އިން ބޭރަށް ގޮސް ނުވަތަ ސާމްޕަލް ފޮނުވައިގެން ހެދެން ހުންނަ ޓެސްޓްތަކެކެވެ. މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތައް ކުރިއެރުމުގެ އިތުރުން މިކަމަށް އެދި ބޭނުންވެފައި ތިބި ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަމުގައި އެސްޓީއޯއިން ފާހަގަކުރެއެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ވަރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު ދެއްކެވި ވާހަކަފުޅުގައި އެސްޓީއޯގެ ފަރާތުން މި ސްކްރީނިން ހެދުމަށް ބޭނުންވާ ތަކެތި އައިޖީއެމްއެޗްގައި ބަހައްޓައި، މި ޚިދުމަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މިކަމުގައި ހުރި މުހިންމުކަށް ދެނެގަނެ، ދިވެހި ރާއްޖޭގެ އާންމު ސިއްޚަތަށް މިކަމުން ކުރާނެ ފައިދާ ބޮޑުކަމުންކަމަށް ވިދާޅުވިއެވެ. "މި ޚިދުމަތް މިއަދު ހަމައެކަނި އައިޖީއެމްއެޗްގައި ދެވުނު ކަމުގައިވިޔަސް އަޅުގަނޑުމެންގެ އަމާޒަކީ ކުރިމަގުގައި ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ޓެސްޓު ހަދަން ބޭނުންވާ ސާމްޕަލް މާލެ ގެނެސް، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކީވެސް ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިން ހަދާފައިވާ ކުއްޖަކަށް ހެދުން" ކަމުގައި އަމްރު ވިދާޅުވިއެވެ.

ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ސަބަބުން ޅަފަތުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުކޮށްދޭއިރު މިކަމަކީ އުނިސެފާއި ޑަބްލިއުއެޗްއޯއިން ބާރުއަޅާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް