ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކި ފިކުރު ތަކުގެ މީހުން އިންތިހާބު ވާން ޖެހޭ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހދ. ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދަންނަ ނިޒާމެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށެވެ.
މިވާހަކަފުޅަށް ނުސީދާކޮށް ރައްދުދެއްވާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ނައިބު ރައީސާ ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމާއި މެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށެވެ.
https://twitter.com/yumna_maumoon/status/1217105594856828930
ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސިޓީ، އަތޮޅު އަދި ރަށު ކައިންސިލްތަކަށް އިންތިހާބު ކުރަންވާނީ އިހްލާސްތެރި ކަމާއި ތެދުވެރި ކަމާއި އެކު ގައުމަށާއި ހުރިހާ ފިކުރެއްގެ ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ކަންކަން ކުރެވޭ ކަމަށް ގާބިލް މީހުން މި އިންތިހާބުގައި ހޮވުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
https://twitter.com/riyazabdulla/status/1217118274711801856
އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެންމެ ފޯރިއާއި އެކު ކެމްޕެއިން ކުރަމުން ދަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. ކެމްޕެއިން ފޯރި ގަދަ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް ނަޝީދު ގެންދަވަނީ އުތުރުގެ ބައެއް ރަށްތަކަށް ވަޑައިގެން އެކުގައި ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިން ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް