ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ފުނާޑު ފަޅަގަޑިގެއަށް އުފަން، ޖަމްނާ، އަޙުމަދު މަޢުރޫފަކީ ފުވައްމުލަކުގެ އިޖުތިމާޢީ ޚިދުމަތުގައި އެންމެންވެސް ދަންނަ، އެކުވެރި، ފަރިތަ މޫނެކެވެ. ނޫސްވެރިކަމުގެ ދާއިރާއިން ފެނިދެނިވެ އެންމެނަށްވެސް ދަސްވެފައިވާ ޒުވާން ޚިދުމަތްތެރިއެކެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކޮށްގެން ނޫސްވެރިކަން އޭގެ ސީދާ ގޮތުގައި ކުރަން ދަންނަ މީހެކެވެ. ދާއިރާގައި މަސައްކަތް ކުރި ދުވަސްވަރު ކަމަށް ޤާބިލު، މައިދާނަށް ހުޝިޔާރު، ދާއިރާގައި ކުޅަދާނަ، މަސައްކަތުގައި މުރާލި ނޫސްވެރިއެއްގެ ގޮތުގައި އެންމެނަށްވެސް ފާހަގަ ކުރެވުނު ފަރާތެކެވެ.
މަޢުރޫފުގެ ވަޠަނީ ޚިދުމަތް
ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރި ދުވަސްވަރު އުފަން ރަށް، ފުވައްމުލަކުގެ ލާބަޔާއި މަންފާޔަށްޓަކައި، ރަށާ ގުޅުން ހުރި ގިނަ ކަންތައްތަކެއް މަޢުރޫފު ރަށަށްޓަކައި ކުރިއެވެ. ވަޠަނީ ފިކުރުގައި އޭނާ ކޮށްދީފައިވާ ކަންތައްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމަށް ކޮންމެހެން އަލިއަޅުވައިލާން ޖެހެއެވެ.
އެ ގޮތުން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި އެ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް އޭނާ ކުރިއެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ ރަށުގެ ހޭޅިފަށް ގިރުމުގެ ސަބަބުން ރަށުގެ ނާޒުކު ތިމާވެއްޓަށް ކުރިމަތި ވަމުން އަންނަ ފޫނުބެއްދޭނޭ ގެއްލުމާ ބެހޭގޮތުންނާއި ފުވައްމުލަކުގައި ހުރި ކުނިގޮނޑު މެނޭޖު ނުކުރެވި، އެކަށީގެންވާ ފެންވަރެއްގައި ކުނި ނައްތައިލުމުގެ ނިޒާމެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކާ ބެހޭ ގޮތުން ވީޑިއޯ ރިޕޯރޓްތައް ހަދައި އާންމުންނާއި ކަމާބެހޭ ބެހޭ ފަރާތްތަކާ ހަމަޔަށް ދައްކައިދީ އިއްވައިދީފައި ވެއެވެ.
ގުދުރަތީ ރީތިކަމަށް މަޝްހޫރު އެހެންނަމަވެސް ނާޒުކު ވެއްޓެއް ލިބިފައިފާ ފުވައްމުލަކުގެ ރީތި ގޮނޑުދޮށުން ވެލި ނެގުން ހުއްޓުވުމަށްޓަކައި އެކި ފަރާތްތަކުން ކުރަމުން ދިޔަ މުހިންމު މަސައްކަތްތަކުގައި މީޑިޔާގެ ބައިވެރިވުން ވެސް އޮތްކަން ދައްކައިދީ އެ މަސައްކަތްތައް ޕްރޮމޯޓް ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ. އެ ފަރާތްތަކުގެ އަޑުތައް ކަންކަމާ ގުޅޭ ފަރާތްތަކަށް އިއްވައިދީފައި ވެއެވެ. ރަށުގެ އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށާއި އެކިއެކި ކަންބޮޑުވުންތަކަށް އަޑު އުފުލުމަށާއި ފުވައްމުލަކުގެ ވެށި ހިމާޔަތް ކުޅައުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން އައި ޖަމިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް މީޑިޔާގެ ޒަރީޢާއިން ޕްރޮމޯޓްކޮށްދީ އިސްތިހާރުކޮށްދީ އެ ކަންކަމުގައި ބައިވެރިވެ އަޑު އުފުލައި ވަކާލާތުކޮށްދީފައި ވެއެވެ.
އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އަވަސް ކުރުވުން
އަރައި ފޭބުމުގައި އެންމެ ބޮޑު ތުރާލާއި އުނދަގޫ ތަހައްމަލު ކުރަމުންދިޔަ ފުވައްމުލަކުގެ ރައްޔިތުންނަށް ލުއިފަސޭހަ ހޯދައި ދިނުމަށްޓަކައި އެއަރޕޯރޓެއް އެޅުމަށް ހަމަޖެހި އެހެންނަމަވެސް ޢަމަލީ މަސައްކަތް ނުފެށި ދިޔައީ ލަސްވަމުންނެވެ. އެކަން އަވަސް ކުރުވުމަށްޓަކައި އަޑު އުފުލި އެކިއެކި ފަރާތްތަކާ ބައިވެރިވުމުގެ ގޮތުން މީޑިޔާގެ ޒަރީޢާއިން ބާރު އަޅައި އަޑު އުފުލައި އެ ކަމުގައި އަގު ހުރި މަސައްކަތްތަކެއް ކޮށްދީފައި ވެއެވެ.
ފުވައްމުލައް، ދުނިޔޭގައިވާ އެންމެ އުފާވެރިތަން
"ދުނިޔޭގައިވާ އެންމެ އުފާވެރި ތަން" ކަމުގައި އިސްތިހާރު ކުރަމުން އަންނަ އަދި އެ ގޮތުގައި މަޝްހޫރުވަމުން އަންނަ ނަލަ ރިވެތި ފުވައްމުލަކަށް ލިބިފައިވާ ގުދުރަތީ ރީތިކަން އެކި ސިފަސިފައިގައި އިސްތިހާރުކޮށް އެކި ފަރާތްތަކުގެ ޝަޢުޤުވެރިކަން ހޯދުމަށްޓަކައި ރިޕޯރޓްތައް ހަދައިގެންނާއި ލިޔެ ޝާއިޢު ކޮށްގެން ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކަށް ދެއްކުމުގައި ލައްކަ ގިނަ، މުހިންމު މަސައްކަތްތަކެއް މަޢުރޫފު ކޮށްފައިވެއެވެ.
މަޢުރޫފު އަބަދުވެސް ފާހަގަ ކުރެވެނީ ރަށް ދެކެ ލޯބިވާ، ރަށަށް ޚިދުމަތް ކުރަން ބޭނުންވާ، ރަށުގެ ހުރި ޚާއްސަ ކަންތައްތަކާ މެދު ފަޚުރުވެރިވާ، ރަށް އިޝްތިހާރު ކުރާ ވަޠަނީ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރިއިރުވެސް މީޑިއާގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ރަށުގެ ޚަބަރާއި މައުލޫމާތު ވަނީ ގެނެސްދީފައެވެ. އަދި އެކަށް އިތުރަށް ފުޅާކުރުމުގެ ގޮތުން ފުވައްމުލަކުގެ ޚަބަރާއި ރިޕޯޓްތައް ގެނެސްދޭ ވެބްސައިޓެއްވެސް މަޢުރޫފުވަނީ ހިންގާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ފުވައްމުލަކުގެ ތަފާތުކަމާއި ރީތިކަން މަޝްހޫރު ކޮށްދިނެވެ. މިއީ ގިނަ ބައެއްގެ ސަމާލުކަމާއި ޝާޢުޤުވެރިކަން ފުވައްމުލަކަށް ލިބުނު މަސައްކަތްތަކެކެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ މުހިންމުކަން ބޮޑު ކަންތަކަކަށް ޢަމަލީ މަސައްކަތް ނުފެށި ލަސްވަމުން ދިޔަ ދިޔުމަށް ހައްލު ލިބުމުގައި މަޢުރޫފު ކޮށްދީފައިވާ މަސައްކަތްތަކަކީ ވަޒަނުގެ ދަރިޔަކު ވަޒަނަށްޓަކައި ކޮށްދޭނޭ އެންމެ މުހިންމު މަސައްކަތެވެ. ޝުކުރު ޙައްޤު މަސައްކަތްތަކެކެވެ. މަޢުރޫފު ބުނާ ގޮތުން އޭނާގެ އަބަދުވެސް ޢަޒުމަކީ ރަށް އޭނާޔަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލައި ރަށަށް އޭނާގެ ފުށުން ކޮށްދެވޭން އޮތީ ކޮން ކަމެއްތޯ ބަލައި އެ ކަމެއް ކޮށްދެވޭން އޮތް ގޮތެއް ބަލައި ކޮށްދިނުމަށްޓަކައި ކުރެވޭން ހުރި ހުރިހައި ކަމެއް ކުރުމެވެ. ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވައިގެން ހުރި މަޢުރޫފު މިހާރު އަންނަނީ އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ތަޢުލީމު ޙާސިލު ކުރަމުންނެވެ. މަޢުރޫފަކީ އުންމީދެކެވެ.
ފުވައްމުލަކުގެ ކުރިއެރުމަށާއި ފަހި ކަމަށާއި ފާގަތިކަމަށް ހުރި އުންމީދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް