ރާއްޖޭގެ ރަށްތަކުގައި އަދި މާލޭގައި ހުންނަ މިސްކިތްތަކުގައި ކުރިއަށްގެންދާ ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި ދެހާހަަށްވުރެ ގިނަ ކުދިން ބައިވެރި ވެއްޖެއެވެ.
308 ދަރިވަރުންނާއި އެކީ މިމަހުގެ 10 ވަނަ ދުވަހު މި ޕްރޮގްރާމް ފަށާފައިވާއިރު، މި ޕްރޮގްރާމް ހިންގުމަަށް ހަމަޖެހިފައިވަނީ 11 އަތޮޅެއްގެ 17 މިސްކިތެއްގައެވެ. ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިފިނުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކު ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމް ފެށީ 308 ކުދިންނާއި އެކީ ކަމުގައި ވިޔަސް މިހާރު 2000 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގުރުއާނާއި ބެހޭ މަރުކަޒުގެ ސުޕަވައިޒަރ އަޒްލީފް ލަތީފް ވިދާޅުވިގޮތުގައި، ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމަށް ހުރިހާ އުމުރެއްގެ މީހުންގެ ސަޕޯޓްވެސް ލިބެމުންދާ ކަމަށެވެ. ދުވަހަކަށް ވުރެ ދުވަހެއް މި ޕްރޮގްރާމު ހިންގާ މިސްކިތްތައް އިތުރުކުރަމުންދާ ކަމަށްބުނެ އަޒްލީފް އިތުރަށް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ރާއްޖޭ ހުރިހާ ރަށްތަކެއްގެ މިސްކިތްތަކުގައިވެސް މި ޕްރޮގްރާމު ހިންގުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ސަޢީދު ވިދާޅުވިގޮތުގައި، މި ޕްރޮގުރާމުތަކުގެ ސަބަބުން ސެޓްފިކެޓް ލެވެލް ތަކަށް ހިންގާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުވެ އަދި މިސްކިތަށް ޒުވާނުން އަންނަ މިންވަރުވެސް އިތުރު ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް