ޖީސަސްގެ ދެ ލަނޑާއެކު ސިޓީ މޮޅުވެ، ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން 3-1 ގެ ނަތީޖާއިން ވޫލްފްސް ބަލިކޮށް، ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭގެ މޮޅާއެކު ސިޓީއާ ލިވަޕޫލްއާ ދެމ...

15 Jan 2019 | 04:05

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން 3-1 ގެ ނަތީޖާއިން ވޫލްފްސް ބަލިކޮށް، ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭގެ މޮޅާއެކު ސިޓީއާ ލިވަޕޫލްއާ ދެމެދު މިހާރު އަނެއްކާ ވެސް އޮތީ 4 ޕޮއިންޓްގެ ތަފާތެކެވެ.

އެންމެ ފަހުން އިނގިރޭސި ކަޕްގައި ކުޅުނު 2 މެޗުން ފަސް ލަނޑު ޖަހާފައިވާ މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް ޖަބްރިއެލް ޖީސަސް ވަނީ ރޭގައި ވެސް އޭނާގެ ލަނޑު ޖެހުމުގެ ހުނަރު ދައްކާލާފައެވެ. ޖީސަސް ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ދެ ލަނޑުގެ ލީޑެއް ހޯދާދީފައެވެ.

ރޭގެ މެޗުގެ ކުރީކޮޅު ސިޓީގެ ޑިފެންޑަރ ލަޕޯޓޭ ކުރިއަށްލި ބޯޅައެއް ހިފައިގެން އަރާ ސާނޭ ގޯލުގެ ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލިއިރު، ޖީސަސް ވަނީ ބޯޅަ އެއްބުރުން ގޯލަށް ފޮނުވާލާފައެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުން ޖީސަސް ސިޓީއަށް ލީޑު ފުޅާކޮށްދިނުމުގެ ކުރިން ވޫލްފްސްއަށް އިތުރު މައްސަލަތަކަކާ ކުރިމަތިވީ އެ ޓީމުގެ ބޮލީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ބޮލީއަށް ރެފްރީ ރަތްކާޑު ދެއްކީ ސިޓީގެ ބާނާޑޯ ސިލްވާއަށް ކުރި ނުރައްކާތެރި ފައުލްއަކާ ގުޅިގެންނެވެ.

ފުރިހަމަ މޮޅަކާއެކު ސިޓީ މެޗު ނިންމާލިއިރު، އެ ޓީމުގެ ތިން ވަނަ ލަނޑަކީ މެދުގެ ދެ ވަނަ ހާފުގެ ފަހުކޮޅު ވޫލްފްސް ގެ ކޯޑީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީއިން އެ ޓީމުގެ އެތިހާދު ދަނޑުގައި ޖެހިޖެހިގެން 5 ވަނަ މޮޅު ހޯދިއިރު، ރޭގެ މެޗަކީ ސިޓީގެ މެދުތެރެއަށް ކުޅޭ ސްޕެއިންގެ ތަރި ޑޭވިޑް ސިލްވާއަށް ވަރަށް ޚާއްސަ މެޗެކެވެ. ރޭގެ މެޗާއެކު ޑޭވިޑް ސިލްވާ ސިޓީއަށް، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެދިން މެޗުގެ އަދަދު 267 އަށް އެރިއިރު، އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ޝަރަފު ވަނީ ހޯދާފައެވެ. މީގެ ކުރިން އެ ޝަރަފު އޮތީ 266 މެޗާއެކު ސިޓީގެ ކުރީގެ ގޯލްކީޕަރ ޖޯ ހާޓް އަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް