އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ރާއްޖެ މިވަނީ އަމާޒު ހިފާފައި: ރައީސް ސޯލިހް

ރާއްޖެއިން އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް އަމާޒުހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަބޫދާބީގެ ވަލީ އަޙުދު އަދި ޔުނ...

15 Jan 2019 | 03:20

ރާއްޖެއިން އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް އަމާޒުހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަބޫދާބީގެ ވަލީ އަޙުދު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް އިންޑަސްޓްރީ ޞުޙައިލް މުޙައްމަދު ފަރަޖް އަލް މަރްޒޫޢީ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިއްޔެގެ މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫ.އޭ.އީގެ އެނަރޖީ މިނިސްޓަރ ވިދާޅުވީ އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ތަކުގައި ޔޫއޭއީގެ އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިޢާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވިއަހަރުތަކުގައި ހެޔޮވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

ޔޫ.އޭ.އީގެ އެނަރޖީ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުންމީދު އެބައޮތްކަމަށްވިދާޅުވެ، އެޤައުމުން މިކަމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް