ނުދައްކާ ވާހަކަ: ދަރިން ނުލިބެނީ ފިރިމީހާއަށް – އަބަދުވެސް ކުށްވެރިވަނީ އަނބިމީހާ

ޓައިމްސް އޮފް އިންޑިއާގެ އިއްޔެގެ އަދަދުގައި ލިޔެފައިވާ ސުރުހީއަކުން މި މައްސަލައިގެ ބޮޑުކަން އެނގިގެން ދެއެވެ. ސުރުހީގައި ބުނެފައިވާގޮތުގައި ދަރިން ނުލިބުމުގެ މައްސަލަތަކުގެ 50 އިންސައްތަ މައްސަލަތަކ...

15 Jan 2019 | 00:56

ޓައިމްސް އޮފް އިންޑިއާގެ އިއްޔެގެ އަދަދުގައި ލިޔެފައިވާ ސުރުހީއަކުން މި މައްސަލައިގެ ބޮޑުކަން އެނގިގެން ދެއެވެ. ސުރުހީގައި ބުނެފައިވާގޮތުގައި ދަރިން ނުލިބުމުގެ މައްސަލަތަކުގެ 50 އިންސައްތަ މައްސަލަތަކުގައި ދަރިން ނުލިބެނީ ފިރިމީހާގެ ދަރިފަނީގެ ބާރު ދަށްވުމުންނެއެވެ. ފިރިހެނުންގެ "އިންފާޓިލިޓީ" ރޭޓް 40 އިންސައްތަ ދަށަށް ގޮސްފައިވާކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ޓައިމްސް އޮފް އިންޑިއާގެ އެ ލިޔުން ފަށާފައިވަނީ އުމުރުން 36 އަހަރުގެ ޝިރްޕާ ސިންގްގެ ވާހަކައިންނެވެ. އެތައް އަހަރެއް ވަންދެއް ދަރިއަކު ހޯދަން އުޅެ ދަރިއަކު ނުލިބި، އަޔުރްވޭދާ ސެންޓަރުތަކުންވެސް ހައްލެއް ނުލިބި އާއިލާއާއި ހިސާބުގަނޑުގައި އޭނާއަށް ފާޑުކިޔުންތައް އަމާޒުވަމުން ދިޔަކަމުގެ ވާހަކަ ބުނެފައިވާއިރު، ނަމަވެސް ފަހުން ކުރި ޓެސްޓްތަކުން އެނގުނު ގޮތުގައި ދަރިން ނުލިބުމުގެ އަސްލަކީ ފިރިމީހާކަން އެނގިގެން ދިޔައެވެ. ފިރިމީހާގެ ދަރިފަނީގެ ކޮލިޓީ މާ ބޮޑަށް ދަށްވެފައިވާތީއެވެ.

މި މައްސަލައަށް ބާރުލިބެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދާދިފަހުން އާންމުކޮށްފައިވާ ރިޕޯޓަކުންނެވެ. އެއީ "އިންފާޓިލިޓީ ސްޓެޓަސް އިން އިންޑިއާ" މި ނަމުގައި އާންމުކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ދަރިން ނުލިބުމުގެ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މައްސަލަ މިހާރު ރައްދުވަނީ ފިރިހެނުންނަށެވެ.

އިންޑިއާގެ އޯލް އިންޑިއާ އިސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްމްސް)ގެ ޑަކުޓަރުން ހާމަކޮށްފައިވާގޮތުގައި އިންޑިއާގައި ދަރިން ނުލިބިގެން އަހަރެއްގެ ތެރޭގައި 12 މިލިޔަނާއި 18 މިލިޔަނާއި ދެމެދުގެ އަދަދަކަށް މީހުން ޑަކުޓަރަށް ދައްކައެވެ. އަދި ހަމަ އެ ޑަކުޓަރުން ބުނެފައިވާގޮތުގައި މީގެ 30 އަހަރު ކުރިން، އިންޑިއާގެ ފިރިހެނުންގެ "ސްޕާމް ކައުންޓް" އުޅެނީ 60 މިލިޔަން/އެމްއެލް ގައެވެ. ނަމަވެސް މިހާރު އެ ރޭޓް އުޅެނީ 20 މިލިޔަން/އެމްއެލް ރޭޓުގައި ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ މަޝްހޫރު، އިންފާޓިލިޓީ ޑަކުޓަރެއް ކަމުގައިވާ ޑރ. ޖްޔޯތީ ބާލީ ބުނެފައިވާގޮތުގައި ދަރި ފަނީގެ  މައްސަލަ ޖެހޭ ފިރިހެނުންގެ އުމުރު ފުރާ އާންމުގޮތެއްގައި އުޅެނީ 29 އަހަރާއި 35 އަހަރާއި ދެމެދުގައެވެ.

އެ ޑަކުޓަރު ބުނެފައިވާގޮތުގައި ފިރިހެނުންނަށް މިކަން މިގޮތަށް ދިމާވާން މެދުވެރިވާ ސަބަބުތައް ބައިވަރެވެ. އޭގެ ތެރޭގައި ގަވައިދުން ކަސްރަތު ނުކުރުން، މާ ބޮޑަށް ފަލަވުން، ސިކުނޑިއަށް ބާރު ބޮޑު ވަޒީފާތައް އަދާކުރުން، ކެއުން ބުއިމުގައި ސަމާލު ނުވުން، ރާ ބުއިމާއި ސިނގިރޭޓު ބުއިން ހިމެނެއެވެ. ސްޕާމް ކައުންޓް ދަށްވުމުގެ ދުންފަތުގެ ހިއްސާ ބޮޑުކަމަށް އެ ޑަކުޓަރު ބުނެފައިވެއެވެ.

އެ ލިޔުމުގައި އިތުރަށް ބުނެފައިވާގޮތުގައި މިއީ އިންޑިއާގައި އިންތިހާއަށް ބޮޑު މައްސަލައެކެވެ. ނަމަވެސް ފިރިމީހާއަށް ދަރިން ނުލިބޭ ވާހަކަ އަކީ ނުދައްކާ، ނުވަތަ އާއިލާ ތެރޭގައި ދެއްކުން މަނާ ވާހަކައަކަށް ވެފައި އޮންނަކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް