ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސެއިޑާޑް އިން 2 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރާ 4 ލަނޑު ޖަހައިގެން ބާސެލޯނާ މޮޅުވިއިރު، އެ ޓީމުގެ ތަރި ލިއޮނަލް މެސީ، މުލާގެ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލައިފިއެވެ.
ބަޔާން މިޔުނިކަށް 1964 ން 1979 އަށް ކުޅެދިން 427 މެޗުން ޖެހި 365 ލަނޑާއެކު، ޔޫރަޕްގެ ބޮޑު 5 ލީގުގެ ތެރެއިން ލީގެއްގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް މީގެ ކުރިން އޮތީ ޖަރުމަނުގެ ލެޖެންޑް ގާޑް މުލާގެ އަތުގައެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި 25 ޔާޑް ބޭރުން މެސީ ސޮސެއިޑާޑްގެ ގޯލަށް ވައްދާލި ހިތްގައިމު ހިލޭ ޖެހުމާއެކު އޭނާ ވަނީ މި ރެކޯޑް މުގުރާލާފައެވެ.
މިދިޔަ ހަފުތާގައި ލެވަންޓޭއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި މެސީ ޖެހި ލަނޑާއެކު މުލާގެ ރެކޯޑާ އޮތީ ހަމަހަމަވެފައެވެ. އެއީ މެސީ ބާސާއަށް ކުޅެދިން 400 ވަނަ މެޗެވެ. އެހެންކަމުން މެސީ ބާސާގައި 366 ލަނޑު ހަމަކޮށް ރެކޯޑް މި ހެދީ 401 މެޗުންނެވެ.
ރޭގެ މެޗުގެ 11 ވަނަ މިނިޓުގައި ވިލިއަމް ޖޯޝް އަދި 34 ވަނަ މިނިޓުގައި ޖުއާންމީ ކާމިޔާބުކޮށްދިން ލަނޑުތަކާއެކު ސޮސައިޑާޑުން ލީޑު ނެގުމުން، މި ސީޒަނުގައި ބާސާއަށް ލީގުގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވި ނަމަވެސް ބާސާއިން ވަނީ ނަތީޖާ އަނބުރާލާފައެވެ.
ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ 39 ވަނަ މިނިޓުގައި ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިއޯއެވެ. އޭނާ އަންނަނީ ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ބާސެލޯނާގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ބާސާއަށް ނަތީޖާ ހަމަހަމަ ކުރެވުނީ 50 ވަނަ މިނިޓުގައި ލުއިޒް ސުއަރޭޒް ޖަހައިދިން ލަނޑުންނެވެ.
މެޗުގެ 71 ވަނަ މިނިޓުގައި ސުއަރޭޒް އިތުރު ލަނޑެއް ކާމިޔާބު ކުރިއިރު، މެސީ ރެކޯޑް ހެދި ލަނޑު ޖެހީ މެޗުގެ 85 ވަނަ މިނިޓުގައެވެ.
މި މޮޅާއެކު ބާސެލޯނާ ތާވަލުގެ އެއް ވަނައިގައި އޮތީ 9 ޕޮއިންޓްގެ ބޮޑު ލީޑަކާއެކުގައެވެ. ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ތިން ވަނައިގައި އޮތީ ވެލެންސިއާ އެވެ. 4 ވަނައިގައި ބާސެލޯނާއާ ވާދަވެރި ރެއަލް މެޑްރިޑު އޮތްއިރު، 1 މެޗު މަދުން ކުޅެ، އެ ޓީމު އޮތީ ބާސެލޯނާއަށްވުރެ 19 ޕޮއިންޓް ފަހަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް