ސައުދީގައި މި މަހުގެ 21 އިން ފެށިގެން އަންހެން ޓީޗަރުން ވަޒީފާއަށް ގެންދިއުމަށާއި ވަޒީފާއިން ނިމިގެން ގެއަށް ގެންދިއުމަށް 61 ވެހިކަލް ބޭނުން ކުރަން ނިންމައިފި އެވެ.
މި ނިންމުން އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާއިރު މިކަން ކުރަނީ ތަތުވީރު ނަމަކަށް ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ.
އެ ކުންފުނިން ބުނެފައިވަނީ މި ޕްރޮޖެކްޓްގެ ދަށުން، މައްކާ، މަދީނާ، ތާބޫކް، އާސިރު އަދި ޖަޒާން ސަރަހައްދުގެ އަންހެން ޓީޗަރުން އުފުލުމުގައި 61، މިނީ ވޭން ބޭނުން ކުރާނެ ކަމަށެވެ. ކޮންމެ ވޭނަކަށް 12 މީހުންނަށް އެރޭނެ ކަމަށެވެ. އަދި މި ވޭންތަކުގައި 64 ސްކޫލެއްގެ ޓީޗަރުން އުފުލާނެ ކަމުގައި ބުނެފައި ވެ އެވެ.
"ޑްރައިވަރުންގެ ގޮތުގައި ތިބޭނީ އުމުރުން 30 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުން، ޑްރައިވަރު ޑިއުޓީ ގަޑީގައި އޭނާގެ އަންހެން މަހުރަމަކު ކައިރީގައި އިންނާނެ" ތަތުވާރު ކުންފުނިން ބުނެފައި ވެ އެވެ.
އެ ކުންފުނިން ބުނެފައިވަނީ މިއީ ފެށުމެއް ކަމަށާއި އަންނަ އަހަރު މި ހިދުމަތް މުޅި ގައުމަށް ފުޅާ ކުރެވިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް