ތަފާތު އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުރުކުރުމުގައި ވިސާ ނަގަންޖެހޭ ނަމަ ދުރާލާ އެކަން ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން މިއަދު ނެރުނު ބަޔާނެއްގައި އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ ޗުއްޓީއަށާއި، ވިޔަފާރިއަށް އަދި ތަޢުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަންޖެހޭ މީހުން ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މަޢުލޫމާތު ސާފުކޮށް، ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.
މިދުވަސްވަރަކީ ކޮވިޑް-19 ގެ ސަބަބުން އާންމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއް ކަން ފާހަގަ ކުރައްވާ، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން، ވިސާއަށް އެދި ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަތޯ އާއި، ހުށަހަޅަނީ ދަތުރުކުރުމަށް ބޭނުންވާ ކެޓަގަރީގެ ވިސާއަށްތޯ ކަށަވަރު ކުރުމަކީވެސް މުހިންމު ކަމެއް ކަމުގައިި ބުނެފައިި ވެއެވެ.
އަދި އެކަންތައް ކުރުމަށް އެވަރެޖްކޮށް 2 ނުވަތަ 3 ހަފްތާ ވަރު ބޭނުންވާތީ، އެހާ މުއްދަތު އޮއްވާ ހުށަހެޅުން މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ފާހަގަ ކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް