ފަސް ދުވަސް ތެރޭފައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރާނަން: ފުވާދު

ކުރިޔަށް އޮތް ފަސް ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރަން ނިންމައިފި އެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ ރޭގެ ވަގުތެއްގައި އެ ދާއިރާގެ މެމްބަރު ހުސަ...

14 Dec 2021 | 14:13

ކުރިޔަށް އޮތް ފަސް ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރަން ނިންމައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ ރޭގެ ވަގުތެއްގައި އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވާހަރަ ވުމުންނެވެ. ހުސައިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ކުރިޔަށް އޮތް ފަސް ދުވަސް ތެރޭގައި އެ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރާނެ ކަމަށެވެ. ފުވާދު ވިދާޅުވީ މެމްބަރު ހުސެއިން އަވަހާރަވި ކަމުގެ ލިޔުންތައް ކަމާ ބެހޭ އިދާރާތަކުންނާއި ރައްޔިތުންގެ މަޖިލީހުން ހޯދުމުގެ މަސައްކަތް މިހާރު އީސީން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތުކަމަށްވާ 60 ދުވަހުގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުގައި ދައުރުގެ މެދުތެރެއިން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްތެރޭގައި ބައި އިލެކްޝަން ބާއްވައި އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.

މެންބަރު ހުސައިން ވަހީދު އަވަހާރަވެފައި ވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އުމުރުފުޅުން 53 އަހަރުގައި ހުސެއިން އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް