ރަންބީރާއި ދެމީހުންގެ ކައިވެނި މިފަހަރު ލަސްވުމުގެ ސަބަބަކަށް އާލިއާގެ ބައްޕަ!

ބޮލީވުޑްގެ ކުރިޔަށް ހުރި މުހިންމު ކައިވެނިތަކުގެ ތެރެއިން ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަކީ ދެންމެ ދެންމެ ބާއްވާފާނެހެން ހީވާތާ އަހަރެއްހާ ދުވަސްވެފައިވާ ކައިވެންޏެކެވެ. ގިނަ ބަޔަކު އިންތިޒ...

14 Dec 2021 | 12:05

ބޮލީވުޑްގެ ކުރިޔަށް ހުރި މުހިންމު ކައިވެނިތަކުގެ ތެރެއިން ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަކީ ދެންމެ ދެންމެ ބާއްވާފާނެހެން ހީވާތާ އަހަރެއްހާ ދުވަސްވެފައިވާ ކައިވެންޏެކެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރާ މި ކައިވެނި ފުރަތަމަ ކުރަން ހަމަޖެއްސީ 2019 ވަނަ އަހަރު ފަހުކޮޅެވެ. އެ ފަހަރު ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ކެންސަރު ބަލީގައި މާ ބޮޑަށް ބަލިވެ އުޅޭތީ 2020 ވަނަ އަހަރުގެ ކުރީ ކޮޅަށް ކައިވެނި ހަމަޖައްސައިގެން އުޅެނިކޮށް ރިޝީ ވަނީ މިދިޔަ އަހަރު ކުރީ ކޮޅު މަރުވެފަ އެވެ.

އޭގެ ފަހުން ކައިވެނި މިއަހަރު ކުރީ ކޮޅު ކުރަން އުޅުމަށް ފަހު ކޯވިޑާއި ހެދި ފަސް ކުރުމަށް ފަހު މި ޑިސެމްބަރު މަހު ކުރާގޮތަށް ހަމަޖެހުނެވެ. އެކަމަކު ކުއްލިއަކަށް އެ ކައިވެނި އަންނަ އަހަރުގެ އޭޕްރިލް އަށް ފަސްކުރި ހަބަރު ލިބުނެވެ.

މިއަދު އަނެއްކާވެސް ވަނީ ރަންބީރާއި އާލިއާގެ ކައިވެނީގެ ވާހަކަތަކެއް މީޑިއާއަށް ތިލަވެފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނި ލަސްވުމުގައި އާއިލާތެރޭގެ ކަންތައްގަނޑެއް އެބައުޅޭ ކަމަށާއި ބެލެވޭ ގޮތުގައި އެއީ އާލިއާގެ ބައްޕަގެ ސިއްހީ ހާލަތު ކަމަށް ބުނެ ފައިވެ އެވެ.

އެ ދެމީހުންގެ ކައިވެނި ކުރިން ކުރަން ހަމަޖައްސާފައި އޮތީ ވަރަށް ރީތި މުމްބާއީން ބޭރު ތަނެއްގައި އެވެ. އެގޮތުން އެ ދެ ތަރިން ވަނީ މީގެ ދެތިން މަސް ކުރިން ރީތި ތަންތަން ހޯދުމަށް އިންޑިއާގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައި އެވެ.

އެކަމަކު އާލިއާ ބައްޕަ މަހޭޝް ބަޓަށް މާ ދިގު ދަތުރުކޮށް ހެލިފެލިވެ އުޅެވެން ނެތުމުން ކައިވެނި ވަނީ މުމްބާއީގައި ކުރާ ގޮތަށް ހަމަޖައްސާފަ އެވެ. އަދި ކައިވެނި ހަފްލާ ބޮޑުކޮށް ނުބާއްވާނެ ކަމަށާއި އެ ހަފްލާގައި ބައިވެރިވާނީ ހަމައެކަނި ދެ ފަރާތު އާއިލާ އާއި ގާތް އެކުވެރިން ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.

ރަންބީރު މީގެ ކުރިން ބުނެފައިވަނީ ކޯވިޑްގެ ހާލަތު ނައިނަމަ މިހާރު އެމީހުން އުޅޭނީ ކައިވެނިކޮށްގެން ކަމަށެވެ. ރަސްމީކޮށް ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައިވާއިރު ދެ ފަރާތު އާއިލާއާވެސް ވަރަށް ގުޅުން ބަދަހިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް