ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިން އަދުހަމްއަށް 23 އަހަރުގެ ޖަލު ހުކުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިން އަދުހަމްއަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީ...

14 Dec 2021 | 08:34

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިން އަދުހަމްއަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ގާޟީ ވަނީ އިތުރު 22 އަހަރާއި 4 މަހާއި 23 ދުވަހު ޖަލުގައި ބަންދުކޮށް އަދުހަމް ބެލެހެއްޓުމަށް އަންގަވާފަ އެވެ. އެއީ ހަމަލާއަށް ފަހު އޭނާ ހައްޔަރު ކުރި ގޮތަށް، މިއަދު ހުކުމް އިއްވުމާ ހަމައަށް އޭނާ ޖަލުގައި ހޭދަކުރި 221 ދުވަސް، 23 އަހަރުގެ ހުކުމް އުނިކުރުމަށް ފަހު ބާކީވާ މުއްދަތު ކަމަށް ވެސް ގާޟީ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ހަމަލާދިނީ ލިބިފައިވާ ދީނީ ނުބައި މައުލޫމާތުގެ ސަބަބުން ކަމަށް ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި އެކުށަށް އިޢުތިރާފުވެފައިވާ އަދުހަމް އަހްމަދު ރަޝީދު ބުނެފި އެވެ.

އަދުހަމަށް ޙުކުމްކުރުމަށް މިއަދު ކުރިއަށް ގެންދާ އަޑު އެހުމުގައި އަދުހަމް ބުނީ އޭނާއަށް ކުރެވުނީ ކުށެއްކަމަށް ގަބޫލުކޮށް، ދެން އެފަދަ ކަމެއް ނުކުރާނެކަމަށެވެ. އަދި ރައީސް ނަޝީދާއި ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ޓާސްކު އަދުހަމާއި ހަވާލުކުރީ މިކަން ރޭވުމުގައި މި ސެލްގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ އިޝްހާގުކަމަށް ވެސް އަދުހަމް ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅޭގޮތުން އަދުހަމް ސުވާލުކުރުމުން ސުވާލު ގިނަކުރުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް ބުނެ އެ ސުވާލުތަކަށް އިޝްހާގު ޖަވާބުދީފައިނުވާކަމަށް ވެސް އަދުހަމް ބުނެފައި ވެއެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ބޮން ގޮއްވާލާ އެކަމުގައި އެންމެ ބޮޑަށް އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ. އޭނާ ބޮން ގޮއްވާލާފައިވަނީ އެރޭ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ނެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް