ރައީސް ނަޝީދަށް ހަމަލާދިނީ ލިބިފައިވާ ދީނީ ނުބައި މައުލޫމާތުގެ ސަބަބުން – މަޢާފަށް އެދެން: އަދުހަމް

ރައީސް ނަޝީދަށް ހަމަލާދިނީ ލިބިފައިވާ ދީނީ ނުބައި މައުލޫމާތުގެ ސަބަބުން ކަމަށް ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި އެކުށަށް އިޢުތިރާފުވެފައިވާ އަދުހަމް އަހްމަދު ރަޝީދު ބުނެފި އެވެ. އަދުހަމަށް ޙ...

14 Dec 2021 | 07:58

ރައީސް ނަޝީދަށް ހަމަލާދިނީ ލިބިފައިވާ ދީނީ ނުބައި މައުލޫމާތުގެ ސަބަބުން ކަމަށް ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި އެކުށަށް އިޢުތިރާފުވެފައިވާ އަދުހަމް އަހްމަދު ރަޝީދު ބުނެފި އެވެ.

އަދުހަމަށް ޙުކުމްކުރުމަށް މިއަދު ކުރިއަށް ގެންދާ އަޑު އެހުމުގައި އަދުހަމް ބުނީ އޭނާއަށް ކުރެވުނީ ކުށެއްކަމަށް ގަބޫލުކޮށް، ދެން އެފަދަ ކަމެއް ނުކުރާނެކަމަށެވެ. އަދި ރައީސް ނަޝީދާއި ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ޓާސްކު އަދުހަމާއި ހަވާލުކުރީ މިކަން ރޭވުމުގައި މި ސެލްގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ އިޝްހާގުކަމަށް ވެސް އަދުހަމް ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅޭގޮތުން އަދުހަމް ސުވާލުކުރުމުން ސުވާލު ގިނަކުރުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް ބުނެ އެ ސުވާލުތަކަށް އިޝްހާގު ޖަވާބުދީފައިނުވާކަމަށް ވެސް އަދުހަމް ބުނެފައި ވެއެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ބޮން ގޮއްވާލާ އެކަމުގައި އެންމެ ބޮޑަށް އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ. އޭނާ ބޮން ގޮއްވާލާފައިވަނީ އެރޭ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ނެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އޭނާ އިޢުތިރާފްވެފައިވާ އިރު، ދައުލަތުން އަދުހަމްގެ މައްޗަށް ދައުވާ އުފުލީ އޭނާ ކުށަށް އިޢުތިރާފްވުމުގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް