ދިވެހިރާއްޖެއާއި ތައިލޭންޑް ދެމެދު ފްލައިޓްތައް އަލުން ފެށުމާ ގުޅިގެން ބޭއްވި ޚާއްސަ ވާޗުއަލް އިވެންޓެއްގަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެ އެވެ.
މި މަހު 09 ވަނަ ދުވަހު ބޭއްވުނު މި އިވެންޓްގައި ވިޒިޓް މޯލްޑިވްސް އިން ދިވެހިރާއްޖޭގަ އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތު މި ހަފްލާގައި ބައިވެރިވި ފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތުލިބުނެވެ.
މީގެ އިތުރުން ފްލައިޓް ކަނެކްޓިވިޓީއާއި ޓިކެޓް ޕްރޮމޯޝަނާއި ބެހެގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. ވިޒިޓް މޯލްޑިވްސް ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބް މުހައްމަދު މި އިވެންޓްގައި ދިވެހިރާއްޖެ އާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ދެކުނު އިރުމަތީ އޭޝިއާގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ތަމްސީލްކުރާ ޕީއާރް ކުންފުނި، ޕެސިފިކް ވަރލްޑް ޓްރެވެލްގެ ފަރާތުން ވަނީ ދިވެހިރާއްޖެއާ ބެހޭ ޕްރެޒެންޓޭޝަނެއް ތައިލެންޑު ބަހުން ދީފަ އެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބް ވިދާޅުވީ އަނެއްކާވެސް އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ތައި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ތޮއްޔިބް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި މި ސަރަހައްދުން އިތުރު ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ފެށުމާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެކަމަށް އުއްމީދުކުރެވެ އެވެ.
2019 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާއިން 87،636 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެ އިން ވަނީ މަރުހަބާ ކިޔާފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތަކާއެކު ވެސް ވިޒިޓް މޯލްޑިވްސް އިން އަންނަނީ ރާއްޖެއަށް ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގައި އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުން ނެވެ. އަދި ބޯޑަރުތައް އަލުން ހުޅުވުމާއެކު ރާއްޖެއަކީ މިސަރަހައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލަށް ހެދުމަށްޓަކައި ތަފާތު މާކެޓިން ހަރަކާތްތަކެއް ދަނީ ހިންގަމުން ނެވެ.
ވިޒިޓް މޯލްޑިވްސް އިން މި މާކެޓްގަ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ވެބިނާތަކާއި ރޯޑު ޝޯވތަކާއި ޖޮއިންޓް މާކެޓިންގ ކެމްޕެއިންތައް އަދި އެކި ފެއާރތަކުގައި އަންނަނީ ބައިވެރިވަމުން ނެވެ.
ވިޒިޓް މޯލްޑިވްސް ގެ މާކެޓިންގ ސްޓްރެޓަޖީގައި އެންމެ ބޮޑެތި މާކެޓްތަކާއި ކުރިއަށް އަރަމުންދާ މާކެޓްތަކަށް އަމާޒުކޮށް އެ މާކެޓްތަކުން ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް މަސައްކަތްކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް