އިންޑިއާއިން އަފްގާނިސްތާނަށް1.6 ޓަނުގެ ބޭސް ހަދިޔާ ކޮށްފި އެވެ.
ބޭހުގެ އެ ޝިޕްމެންޓު ވަނީ މިދިޔަ ހޮނިހިރު ދުވަހު އަފްގާނިސްތާނަށް ގެންގޮސްފަ އެވެ. އިންޑިއާގައި ހުންނަވާ އަފްގާނިސްތާނުގެ ސަފީރު ފަރީދް މަމުންޒާއީ ވިދާޅުވީ މި އެހީގައި މިވަގުތު ބޭހަށް ޖެހިފައިވާ އަފްގާނިސްތާ ކޮންމެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އިންޑިއާގެ އެހީ އަކީ ކާބުލްގައި އިންޑިއާ ސަރުކާރުން އަޅައިދީފައިވާ އިންދިރާ ގާންދީ ޗިލްޑްރަންސް ހޮސްޕިޓަލަށް ހާއްސަކޮށްގެން ފޮނުވި ސިއްހީ އާލާތްތަކާއި ބޭހެވެ. ސަފީރު ފަރީދް ވިދާޅުވީ މިވަގުތު އަފްގާންގެ ކޮންމެ ކުއްޖަކުވެސް ތިބީ ސިއްހީ ހިދުމަތަށް ބޭނުންވެފައި ކަމަށާއި މިއީ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
މި އެހީ ފޮނުވާފައިވާއިރު ޕާކިސްތާނާއި އިންޑިއާ ގުޅިގެން 50،000 ޓަނުގެ ގޮދަން އެއްގަމު މަގުން އަފްގާނިސްތާނަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިންޑިއާގެ އެކްސްޓާނަން އެފެއާޒް މިނިސްޓްރީން ބުނީ ބޭސް ހިފައިން ދިޔަ އިންޑިއާ ފްލައިޓު އަނބުރާ އައީ އަފްގާނިސްތާނުގައި ތިބި އިންޑިއާއަށް ދާން ބޭނުންވާ ބަޔަކު ގޮވައިގެން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ 10 ރައްޔިތުންނާއި އަފްގާނިސްތާނުގެ ހިންދޫ އަދި ސިކު ދީނުގެ 94 މީހުންނަށެވެ. އަފްގާނުގެ ބައި މަދު ހިންދޫ އަދި ސިކު ދީނުގެ މީހުންނަކީ ހިމާޔަތްދީގެން އިންޑިއާއަށް ގެންދާ މީހުންނެވެ.
އަފްގާނުން މީހުން ގެންދިއުމަށް އިންޑިއާ ސަރުކާރުން ހިންގާ "އޮޕަރޭޝަން ދޭވީ ޝަކްތީ" ގެ ދަށުން މިހާތަނަށް 669 މީހުން އަނބުރާ ގެންގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް