އުފަންވުމުން... 7 ވަނަ ބައި

ރަށުގެ ފުއްޓަރު ފަރާތު ގޮނޑުދޮށުގައި ނާއިލާއި ހާމިދު ތިބީ ގަބުވެ ހުއްޓުން އަރާފައެވެ. އެ މީހުންގެ ކުރިމަތީގައި ދާދި ދެންމެއަކު ހިނގާ ދިޔަ ހާދިސާ އަދިވެސް ގަބޫލުކުރަން އުނދަގޫވެފައި ތިބި ފަދަ ގޮތަކަށެވ...

14 Dec 2017 | 04:00

ރަށުގެ ފުއްޓަރު ފަރާތު ގޮނޑުދޮށުގައި ނާއިލާއި ހާމިދު ތިބީ ގަބުވެ ހުއްޓުން އަރާފައެވެ. އެ މީހުންގެ ކުރިމަތީގައި ދާދި ދެންމެއަކު ހިނގާ ދިޔަ ހާދިސާ އަދިވެސް ގަބޫލުކުރަން އުނދަގޫވެފައި ތިބި ފަދަ ގޮތަކަށެވެ. މޫނު މަތިން އިންތިހާ ދަރަޖައިގެ ހާސްކަމާއި ނުތަނަވަސްކަން ފެންނަމުންދާއިރު، އަދި ދާތިކި ތަކުން މޫނު ތެންމަމުން ދާއިރު، ދެމީހުނަށްވެސް އެކަކު އަނެކެއްގެ މޫނަށް ބަލާލުމަށްފަހު ކަނޑަށް ބަލާލުން ފިޔަވާ އިތުރު ހަރަކާތެއް ކުރަން ނޭނގިފައި ތިބި ކަހަލައެވެ.

ދެ މީހުންގެ ހިތުގައިމެ އުފެދި ހިނގަމުންދަނީ އެއް ޝުއޫރެކެވެ. "މިވީ ކިހިނެއް ހެއްޔެވެ؟ ދެން ވާނީ ކިހިނެއް ހެއްޔެވެ؟" މިއީ އެދެމީހުންގެ ހިތުގައިވެސް މިވަގުތު އެންމެ ބޮޑަށް ބިންވަޅުނެގި ، އެހެނަސް ޖަވާބު ލިބޭނެ ކޮޅެއް މަގެއް ފެންނަން ނެތް ސުވާލެކެވެ.

ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލައި، ނާއިލާއި ހާމިދު ސިއްސުވާލީ މުޅި ތަނަށް ގަދަފަދަ އަލިކަމެއް ފަތުރާލަދިން ވިދުވަރުގެ ގަދަ އައްޔާއެކު ޖަހާލި ބާރު ގުގުރިންނެވެ. ހަމަ އެއާއެކު މުޅި ރަށަށް ކުއްލި ތޫފާނެއް ވެރިވެގެން ކަހަލައެވެ. ގަސްތައް މުލުން ލުހިގެންދާފަދަ، ގަދަ ވަޔާއެކު ބޯކޮށް ވާރޭވެސް ވެހެން ފައްޓައިފިއެވެ. ކަންތައްތައް ހުރިހާ ގޮތަކުންވެސް ގޯސް ވެއްޖެކަމަށް ހާމިދުގެ ހަވަނަ ހިއްސު އޭނާއަށް އިޝާރާތް ކުރިކަހަލައެވެ. ނާއިލަށް އަތުން އަވަސް ކުރުމަށް އިޝާރާތް ކުރަމުން އޭނާ ދުއްވައިގަތެވެ. ހަމަ އެއާއެކު ނާއިލްވެސް ހާމިދުގެ ފަހަތުން ދުއްވައިގަތެވެ. އޭރު ރަށުގެ ފުއްޓަރު ފަރާތު ތޮށިމަތިން ފެށިގެން ފަޅުގެ ބޮޑު ބަޔަކާއެކުވަނީ ރެދަންލާ، ދިއްލާ އަޅާލާފައެވެ.

" ދެން ކިހިނެއް ހަދާނީ؟؟؟ " ހާމިދުގެ ގެއަށް ވަދެވުމާއެކު، ދުވެދުވެ ވަރުބަލިވެފައިވާ ނާއިލް މާނޭވާލަމުން ހާމިދުއާ ސުވާލުކުރިއެވެ. އޭރުވެސް އޭނާ އޮތީ ދެ އަތް ކަކުލުގައި ވިއްދައިގެން ކުރިއަށް ލެނބިގެނެވެ. ނާއިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހާމިދު އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތުމާއެކު، ނާއިލްވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.

" ނާއިލް. މިރޭ މިދިމާވީ ވަރަށް އެހެން ކަހަލަ ގޮތެއް.. މައްސަލައަކީ އަހަރެމެންގެ އަތުން ދޫވެގެން އެދިޔަ އެއްޗަކީ އާދައިގެ އެއްޗަކަށް ނުވާކަން.. އެސޮރުގެ ސަބަބުން އިންސާނީ ނަސްލަށް ނުރައްކަލެއް ވެދާނެ.. އެސޮރު ދައިގަންނަ މީހާއަކީ ކާކުތޯ ބެލުން ވަރަށް މުހިންމުވާނެ.. އެއެއް ދެނެގަނެ އެމީހެއްގެ ދުވަސް ދުއްވާލުން ނޫން ގޮތެއް ދެން މިކަމުގަ ނޯންނާނެ.. "

" މާނައަކީ މަގޭ މަސައްކަތް ކާމިޔާބު ނުވިތާނގައި އަދި މަ ގޮސް އިތުރު ކުށެށްނެތް މީހަކު މަރަންވީއޭތަ؟؟ .. ނުވާނެ ތިކަމެއް.. " ހާމިދުގެ ވާހަކަތަކާމެދު ހިތްހަމަނުޖެހިހުރެ ނާއިލް ހާމިދުގެ ވާހަކަތަކަށް އިންކާރު ކުރިއެވެ. އޭނާގެ އަޑުގައި ތުރުތުރު ލުމެއް އުފެދިފައިވެއެވެ.

އަނެއްކާވެސް ދެ މީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ. ދެ މީހުންމެ ގޮނޑީގައި އިށީންދެގެން، ކައިރީގައިވާ މޭޒުގައި އަތް ބާއްވާލައިގެން ތިބިއިރު، ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރަމުންދާކަން ދޭހަކޮށްދެއެވެ. އެކަކު އަނެކަކާ ވާހަކަ ނުދައްކައި މިގޮތަށް އެތައް ވަގުތެއް ހޭދަވެގެން ދިޔަ ނަމަވެސް، އޭރުވެސް ވިދާ ގުގުރާ، ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ.

ކުއްލިއަކަށް ކަމެއް ހަނދާނަށް އަތުވެގެން ނާއިލް އަވަސް ނަޒަރަކުން ހާމިދަށް ބަލައިލިއެވެ. ނާއިލްގެ އެބެލުމަށް "ކީއްހޭވީ" އަހާލާފަދަ ގޮތަކަށް ހާމިދު ކޮނޑު އަރުވާލިއެވެ.

" އެއްކަލަ ރޭގައި ކޮނުނު ވަޅުގަނޑަށް ފަހެއް ނުލަމެއްނު.. އެކަމަކު އޭގެ އަނެއް ދުވަހު މަ އެ މަހާނަކައިރިއަށް ދިޔައިރު އެތަނުގައި ކަމެއް ހިނގާފައިވާކަން އެގޭނެ ކަހަލަ އެއްވެސް ނިޝާނެއްވެސް ނެތް.. އެ ވާހަކަ ބުނަން މަ މިހުރީ ހަނދާންނެތިފައޭ.." ނާއިލްގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން ހާމިދުގެ މޫނުމަތިން މާބޮޑު ހައިރާންކަމެއް ނުފެނެއެވެ. އޭގެ ބަދަލުގައި ނާއިލްގެ އެވާހަކަތަކާއެކު ހާމިދު އިސްދަށަށް ޖަހާލިއެވެ. އަދި މަޑުމަޑު އަޑަކުން ނާއިލަށް ޖަވާބު ދިނެވެ.

" ނާއިލް.. ކަލެއަކީ ކިޔަވައިގެންހުރި ޒުވާން ކުއްޖެއް.. އެކަމަކު މިކަހަލަ ކަމެއްގަ ކަލޭގެ ސިކުނޑި ވަރަށްޅަ.. މަ ހީކުރިވަރަށްވުރެވެސް ޅަ... މިހާރު މިބުނަނީ މަ ބުނަން ނުވެސްޖެހޭ ވާހަކައެއް.. ނުބުނެ މުޅި އުމުރަށް ސިއްރުވެސް ކުރެވިދާނެ.. ބުނުމުން ނާއިލް އިތުރަށް ހަގީގަތް އެނގެން ބޭނުންވާނެ.. އެކަމަކު އޮޅުން ފިލާވަރަކަށް ނާއިލް މަދެކެ ރުޅި އަންނާނެ.." ހާމިދު އޭނާގެ ވާހަކަތައް މެދުކަނޑާލުމަށްފަހު އިސްއުފުލާ ނާއިލާ ދިމާއަށް ބަލައިލަމުން ފުން ނޭވާއެއް ލިއެވެ.

" ނާއިލް މަށަކީ ސިހުރުވެރިއެއް.. ނާއިލް ބޭނުންވީ އެތައް ބައެއްގެ ފުރާނަ ދުއްވާލަން.. މަ ބުނީ އެ މީހުންނަކީ އާއިލީ ގުޅުމެއް ނެތް ބަޔަކަށްވީތީ އަދި ސީދާ އެކަންކުރިބައެއް ނާއިލަށް ނޭނގޭތީ، އެނގޭ މީހާއަށް ހަމަލައެއް ދީގެން، ތަފާތު އެއްޗެއް ހަދައިގެންނޭ މިކަންވާނީ.. އެހެންނު.. ވިސްނާލަބަލަ.. މަށަކީ މިސަރަހައްދުގައިވެސް ނެތްވަރުގެ ސިހުރުވެރިއެއް. މަށަށް ފާލުބަލައިގެން އެ ބައެއް ހޯދައި ފަސޭހަ ކަމާއެކު ސިހުރުގެ ބާރުގައި އެ ބައެއްގެ ދުވަސް ދުއްވައެއް ނުލެވޭނެތަ؟؟؟ " ހާމިދުގެ ވާހަކަތަކުން، ނާއިލްގެ ވިސްނުން އެކި ދިމަދިމާއަށް އެނބުރިގަތެވެ. އޭނާގެ ސިކުނޑީގައި އެތައް ސުވާލުތަކެއް އެނބުރި ގަތުމާއެކު، މޭޒުގައި އުޅަބޮށި ޖައްސައި ބޮލުގައި އަތް ބާއްލައިގެން އިނދެ އޭނާ ވިސްނަން ފެށިއެވެ. މާ ގިނައިރުތަކެއްނުވެ ނާއިލް، ހާމިދާ ދިމާއަށް ބަލައިލީ ޝައްކުގެ ނަޒަރުންނެވެ.

" މަށަށް މިހާރު ޔަޤީން ކަލޭގެ އަމިއްލަ އެދުމެއް މިކަމުގައި އެބައޮތްކަން.. ކަލޭ އާ ތަޖުރިބާއެއް ކޮށްލަން ބޭނުންވީދޯ.." ނާއިލް ބޯހޫރާލިއެވެ. " ބުނަން.. މަށަށް ޔަގީން މަ ބުނި ކަންތައް މި ހުރިހާ ނުރައްކާތެރި ބުރަ މަސައްކަތްތަކެއް ނުކޮށްވެސް ކަލެއަށް ކޮށްދެވޭނެކަން.. ވީއިރު މަގޭ އަތުން ބޮޑު އަގު ނަގާފައި، މިކަން ނާކާމިޔާބު ވާންޖެހުނުއިރު ކަލޭގެ މަ ލައްވާ މިކުރި ކަންތަކުގެ ހަގީގަތް ކިޔައިދޭން ޖެހޭނެ.. އަދި ބުނަން މިކަމުން މަށަށް ނުރައްކަލެއް ވެއްޖިއްޔާ ކަލޭ ސިހުރަށް ކިތަންމެ މޮޅަސް، ހޭއަރުވާލާނަން އިނގޭ.." ނާއިލް ވާހަކަ ދައްކަމުން ދިޔަވަރަކަށް އޭނާގެ ވާހަކަ ދެއްކުމުގެ ރާގުބަދަލުވެ، އަމުރުވެރިކަމާއި ރުޅިވެރިކަން ދިޔައީ ފާޅުވަމުންނެވެ.

މިހާ ހިސާބަށް މިކަން ގޮސްފިނަމަ، އޭނާ އާއި އޭނާގެ އާއިލާ ފޮރުވާފައިވާ ސިއްރުތައް ފުރަތަމަ ފަހަރަށް މީހެއްގެ ކުރިމަތީގައި ހާމަކުރަން ޖެހޭނެކަން ހާމިދަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އޭނާ، ދިގުދެމިގެންދިޔަ މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި މި ފަހަރު ކޮންމެ ގޮތެއްވިޔަސް ހެޔޮ ކަމަށް މި ނުރައްކަލާ ކުރިމަތިލީއެވެ. އަދި ނާއިލް އޭނާގެ އެދުމައިގެން ހާމިދު ކައިރިއަށް އައި ހިސާބުންވެސް ހާމިދު ވަނީ މިކަންތައްތައް މިގޮތަށް ގޮސްފިނަމަ، ނާއިލަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމަށް ނިންމާފައެވެ. އެކަމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ހާމިދު އެންމެ ފުރަތަމަވެސް ނާއިލްގެ ރުޅި މައިތިރިކޮށް، އޭނާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. އޭނާގެ އަމިއްލަ އެދުމެއް އެބައޮތް ކަމަށާއި، ނާއިލަށް ކޮށްދިން މަސައްކަތުގެ ތެރެއިން އެކަން ހާސިލް ކުރުމަށް ހުރިހާ ކަމެއްވެސް ރާވައިގެން ކުރިއަށް ގެންދިޔަކަމަށް ހާމިދު އެއްބަސްވިއެވެ. އަދި އެކަމުގެ ހަގީގަތް ކިޔައިދޭނެކަމަށާއި، މިހާރު ކަންތައްތައް ވެފައި އޮތް ގޮތުން ހުރިހާ ކަމެއް ހައްލުކޮށް ހަމައަކަށް އެޅުވުނުހާ އަވަހަކަށް، އަލުން އަގަކާއި ނުލާ ނާއިލްގެ މަސައްކަތް ކާމިޔާބު ކޮށްދޭނެކަމަށް ހާމިދު ބުންޏެވެ. ހާމިދުގެ ވާހަކަތަކުން ނާއިލް މަޑުމަޑުން ހަމައަކަށް އެޅުނެވެ. އަދި ހާމިދުގެ ވާހަކަތަކަށް އެއްބަސްވާފަދަ ގޮތަކަށް ބޯޖަހާލިއެވެ. އެހެނަސް ހާމިދު އޭނާގެ ވާހަކަތައް ފެށީ އެހެން މީހަކަށް އެވާހަކަތައް ކިޔައި ނުދީ ސިއްރު ކުރުމަށް ނާއިލް އެއްބަސް ކުރުވާފައެވެ.

ހާމިދުގެ ވާހަކަތަކަށް ނާއިލް ހަމަހިމޭންކަމާއެކު، ސަމާލުކަން ދިންއިރު، ރަށާއި އެންމެ ގާތުގައި އޮތް ރިސޯޓްގެ އަތިރިމައްޗަށް ވަނީ ހަލަބޮލިކަން ވެރިވެފައެވެ. ހަށިގަނޑުން ބައެއް ކިރިޔާ ނިވާވާވަރުގެ ހެދުންކޮޅަކާއެކު ރާޅުފެނުގައި އޮތް އެންޖްލީގެ އަޑަށް، އެ ސަރަހައްދަށް ރަށުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގާޑަކާއި ބައެއް ފަތުރުވެރިން ވަރަށް އަވަހަށް އަތުވެއްޖެއެވެ. އެހެނަސް، އެންޖްލީގެ ފަޔަށް "ލޭބޯހަރުފަ" ނުރައްކާތެރި ހަމަލަ ދިނުމާއި، އެމީހުން އެތަނަށް އަހިސް އެންޖްލީއަށް އަވަސް އެހީ އާއި ފަރުވާ ދިނުމަށް އުޅެގަތުމާ ދެމެދުގެ ކުޑަ ވަގުތުކޮޅުގައި އާދަޔާ ޚިލާފު އެހެންކަމެއް ހިނގައި ގޮސްފިއެވެ. ލޭބޯހަރުފަ އެންޖްލީގެ ފައިގައި ދައިގަތުމަށްފަހު ފެންގަނޑުގެ ތެރޭގައި މަރަށް ތެޅިގަތެވެ. އެހެނަސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިމޭންވުމަށްފަހު، އެސޮރުގެ ގައިގާ ވަށައިގެން ރެދަންދާ ދިއްލާލިއެވެ. ހަމައެހާމެ އަވަހަށް، ކުއްލިއަކަށް އެސޮރުގެ ނިގުލުގައި ހުޅުހިފިއެވެ. ފެނުގެ ތެރޭގައި އޮތް އެ އާދަޔާ ޚިލާފު މަހުލޫގުގެ ހަށިގަނޑު، އަލިފާނުގެ އެ ހުޅުކޮޅުގެ އެހީގައި އަނދާ ހުލިވެގެން ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ހާމިދު އޭނާގެ ސިހުރުން ރޭވި ރޭވުމާ އެއްގޮތަށެވެ. އޭނާ ބުނިގޮތަށެވެ. އެންޖްލީގެ ފަޔަށް ލިބުނު ޒަހަމުގެ ސަބަބުތައް ފޮރުވަމުންނެވެ. ދުނިޔޭގެ ލޯތަކަށް އެކަމުގެ ސިއްރު ދާއިމަށް ވަންހަނާ ކޮށްދެމުންނެވެ.

ހާމިދު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައިރު ޝައުޤުވެރިކަމާއެކު ނާއިލް އަޑުއަހަމުން ގެންދިޔައެވެ. ހާމިދުގެ ވާހަކަތައް އޮޅުންފިލުވުމަށް ބައެއް ފަހަރު ސުވާލުކުރަމުންނެވެ. ހާމިދުގެ ފަރާތުން އެނގިގެންދިޔަ ކަންތައްތަކަކީ ނާއިލްގެ ހިޔާލަށްވެސް ގެނެވިފައިނުވާފަދަ ކަންތައްތަކެކެވެ. އޭނާ ދެކޭގޮތުގައި އިންސާނަކު އެފަދަ ކަމަކަށް މަސައްކަތްކޮށްފާނޭ ކަމަށްވެސް އެހެން އިންސާނަކު ނުވިސްނާނެއެވެ. އެހެނަސް އިންސާނުން ނޫންހެއްޔެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލުންވެ ޣާފިލް ވާނެއެވެ. އަވާމެންދުރަށް ތަބާވާނެއެވެ. ޖަހާހާ ބެރަކަށް ނަށަމުން ހަދާނެގޮތް ހުސްވެގެން އެނބުރޭނެއެވެ. ދެ މޫސުމުގެ ވަޔަށް ދެއަތަށް އޮޑި ދުއްވާނެއެވެ. ތަކުރާރުކޮށް ބަހުގެ އިތުބާރު ކަނޑައި، އަނެކުނަށް ތަދާއި ވޭން އުފުލަން ޖައްސާނެއެވެ. އަދި އެފަދަ ކަންތައްތައްކޮށް އެކަމުގެ ވާހަކަ އަމިއްލައަށް ފަޚުރުވެރިކަމާއެކު ދައްކައި، އަނެކުނަށް މަލާމާތް ކުރާ މީހުންވެސް މަދެއް ނޫނެވެ. މި މަޅީން ނެއްޓި ސަލާމަތް ވަނީ މަދު އިންސާނެކެވެ. އެހެނަސް އެފަދަ ތެދުވެރީންވެސް އަނެކުންގެ ފަރާތުން، ހިތަށާއި ހަށިގަނޑަށް ތަކުރާރުކޮށް ލިބޭ ޒަހަމަށް ކެތްނުކުރެވިގެން މަގު ގެއްލި ދަނީ މަދަކުން ނޫނެވެ. އެފަދަ އެއް އިންސާނަކަށް އައިމަން ވާނެއެވެ.

އައިމަން އާއި އެންޖްލީ ހިތާމަވެރި އަދި އެހާމެ ނުރައްކާތެރި ހާދިސާގެ ހަލަބޮލިކަމަށް ދޫކޮށްލައި، އެކަނިވެރިކަމާއި ހިތްދަތިކަމުގެ ވަގުތުތައް އަބަދުގެ ގުނަމުންދާ ނާއިލާ އެގޮތުގައި ބައިންދަމުން، ހާމިދު ނާއިލްގެ ކުރިމަތީގައި ފާޅުކުރި އާއިލީ ބޮޑު ސިއްރު، ހަމަ އެހެންމެ ނާއިލަށް ހަދައިދިން ސިހުރުގައި ނާއިލްގެ މަގުސަދުގެ އިތުރުން ހާމިދު ހާސިލްކުރަން ބޭނުންވި ކަންތައްތަކުގެ ހަގީގަތް ހާމަކުރި ވާހަކަތައް ޖެހިލަމާ ހެއްޔެވެ.

" ފަންޑިތަ ސިހުރު ހަދަން މަ ދަސްކުރީ މަގޭ ބައްޕަގެ ކައިރިން. ބައްޕަގެ ބާރުއެޅުމުގެ މަތީން. މުޅި ރާއްޖޭގައި މީގެ ސަތޭކަ އެތައް އަހަރުތަކެއް ކުރިން ސިހުރު ހެދުމަށް އެންމެ މަޝްހޫރު ދޮން ކާސިމަކީ މަގޭ ކާފަ. މަގޭ ބައްޕަ ހުސެންކަލޯއަކީ، ކާފަ ދޮން ކާސިމްއަށް ލިބުނު ހަމައެކަނި ދަރި. ކާފަ މުސްކުޅިވިއިރު، އެމަސައްކަތް ކާފަ ވަނީ މަގޭ ބައްޕައަށް ދަސްކޮށްދީފައި. ދެން މި ކިޔައިދެނީ މަގޭ ބައްޕަ އެހެންގޮތެއް ނެތިގެން މެނުވީ ދުވަހަކުވެސް މީހެއް ކައިރީގައި ނުބުނުމަށް މަ ލައްވާ ހުވާކުރުވާފައި ކިޔައިދިން ވާހަކަތަކެއް.

ކާފަ މުސްކުޅިވެ ގައިބާރު ދެރަވަމުން ދިޔައިރު ކާފަ ދިޔައީ ވަރަށް ނުރައްކާތެރި ކަމެއް ހާސިލްކުރުމަށް މަސައްކަތްކުރަމުން. މާމަ މަރުވެގެން ދިޔައީ ކާފަ ސިހުރެއް ހެދުމުގައި ހެދުނު ބޮޑު ގޯހަކުން. އެ ސަބަބާވެސްއެކު އާއިލާގައި ކާފަގެ ހުރި ހަމައެކަނި މީހަކީ މަގޭ ބައްޕަ ހުސެންކަލޯ. އެހެންވެ ކާފަ ބޭނުންވީ އާއިލާއަށް ދާއިމީ ގޮތެއްގައި ހިމާޔަތްދޭނެ ވަފާތެރި ބާރުހުރި ހަށިފާރަވެރިއެއް ހޯދަން. އޭރުން ފެށިގެންވެސް މިގެޔަކީ ޖިންނި ޝައިތާނުންގެ ކިއްލާއެއް. ކާފަ ބޭނުންވީ އިންސާނެއްގެ ހަށިގަނޑާއި ރޫހު. އެކަމަކު އެ ހަށިގަނޑާއި ގުޅިފައިވާ ޖިންނި އިފުރީތުންގެ އާރާއި ބާރު އެކުލެވިގެން މަސްހުނިވެފައިވާ މަހުލޫގެއް. ކާފަ އެންމެ ފަހަރަކުވެސް ވިސްނައެއް ނުލާ ގުދުރަތީ ގާނޫނުން ވަކިގޮތަކަށް ކަންކަން ހަމަޖެހި ނިމިފައިވަނީ ކިހާ މަތިވެރި ހިކުމަތަކަށްޓަކާ ކަމެއް. ހަގީގަތުގައި މަށެށްވެސް ނުވިސްނަން. މަށަށް އެނގޭ މަށަކީ ކިހާ ނުބައި މީހެއް. އަދި މަކުރާ ކަންކަމުގެ ނުބައިކަންވެސް. ހެހެ. އެއީ އަދި އެހެން ވާހަކައެއްތާ ދޯ..

މި ބުނިހެން ކާފަ އެކަމަށް ބޭނުންވެ ތައްޔާރީތައްވެ، އިންތިޒާރުގައި ހުންނަތާ އެތައް ދުވަހެއް ވީފަހުން އެއްދުވަހަކު ކާފަގެ ކައިރިއަށް ސިހުރެއް ހަދައިދޭން އެދި މާބަނޑު އަންހެނަކު އައި. ކާފަ ބޭނުންވީ ވަގުތުގެ ބޭނުން ހިފުމަށް. އެ އަންހެން މީހާ ބޭނުންވި ސިހުރު ހެދިއިރު ކާފަ ބޭނުންވާ ފަދަ މަހުލޫގެއް އެ މާބަނޑު އަންހެނާގެ ބަނޑުން އުފަންކުރުމަށް ކާފައަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވަރަށް ފުރިހަމައަށް ކުރި. އެއަށްފަހު އެކަން ކާމިޔާބުކުރުމަށް ސިއްރިޔާތުގައި ކާފަ ގެންދިޔައީ ތަކުރާރުކޮށް، ނުރައްކާތެރިކަން ބޮޑު އެތައް ސިހުރުތަކެއް ހަދަމުން. އެފަދަ ބައެއް ކަންތައްތަކާ ރަށުގެ ބައެއް މީހުންނަށް ޝައްކު ކުރެވި އެފަދަ ވާހަކަތަކުގެ އަޑުއެރުމުން، ކާފަ ކައިރިއަށް އެ ދުވަސްވަރު މީހުން ފަންޑިތަ ސިހުރު ހަދަން އައުން މުޅިންހެން ހުއްޓުނުކަމަށް ބައްޕަ ބުނި. އެކަމާ ކާފަ ކަންބޮޑު ނުވާ ކަމަށްވަނީ.

މި ބުނި ކަންތައްތަކަށްފަހު އެ އަންހެންމީހާ ވިހޭ ރޭގައި ކާފަ ބޭނުންވި ފަދަ އާދަޔާ ހިލާފު ކަންތައްތައް ކާފަޔަށް ފެނުނު. ކާފަގެ މަގުސަދު ހާސިލްވާނެކަމުގެ ފުރިހަމަ ޔަގީންކަން ކާފަޔަށް ލިބުނު. އަދި އެ ލިބުނު ފިރިހެން ދަރިޔަށް ކާފަ ދިޔައީ ވަރަށް ބޮޑަށް ފާރަވެރިވެ ބަލަމުން. އެކަމަށް ބޮޑަށް ބޭނުންކުރީ މަގޭ ބައްޕަ. އެއީ މީހަކަށް ޝައްކުވެދާނެތީ. އެކަމަކު ކަންތައްތައް ވީ ކާފަ ހީކުރިގޮތަކަށް ނޫން. އިންތިޒާރުގައި ހުންނަތާ އަހަރެއް ވީއިރުވެސް ކާފަ ބުނި ފަދަ އާދަޔާ ހިފާލުކަމެއް އެކުއްޖާގެ ފަރާތަކުން ބައްޕައަކަށް ނުފެނުނު.

މި ބުނިހެން ކަންތައްވުމުން ކާފަ ނިންމީ އިތުރު ބާރުގަދަ ސިހުރެއް ހެދުމަށް. އެވެސް ދޭތިން އެކައްޗަށް. އެ ސިހުރުގެ ކުރިން ބައްޕައަށް ކާފަ ކުރި ވައްސިއްޔަތެއް ކާފަގެ މަސައްކަތް ކާމިޔާބީއާ ހަމައަށް ގެންގޮސް ދިނުމީ.. އެ ސިހުރުގައި ކާފަ މަރުވެ ދިޔަކަމަށްވަނީ. އޭރު މަ ވަރަށް ކުޑަކަމަށްވަނީ. އަދި މަގޭ ކާފަގެ ކަންތައްތަކާހުރެ މައްސަލަ ޖެހި، ބައްޕަގެ ގާތުން ވަރިވެގެން މަންމަ އޭރުވެސް ހުރީ މަންމަގެ ގެއަށް ގޮސްކަމަށް ބައްޕަ ފަހުން ބުނި."

ހާމިދު އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ފުންނޭވާއެއްލައި ހަމަޖެހިލިއެވެ. އަދި ނާއިލާ ދިމާލަށް ވަރަށް ރަނގަޅަށް ބަލައިލުމަށްފަހު ސުވާލެއް ކޮށްލިއެވެ.

" ނާއިލް އަޑު އެހިންތަ މީގެ އެތަކެއް އަހަރުތަކެއް ކުރިން މެދު ރާއްޖެތެރޭ އަތޮޅެއްގެ ރަށަކަށް އަރުވާލާފައި ހުރިކަމަށް ބުނާ މުއްދުސޮރު ކިޔާ މީހެއްގެ ވާހަކައެއް. " އަޑު ނާހަމޭ ބުނާފަދަ ގޮތަކަށް ނާއިލް ބޯހޫރާލިއެވެ. ހަމައެއާއެކު ހާމިދު އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

" އެރަށުގެ މީހުން ކިޔާ ގޮތުގައި މި ބުނާ މުއްދުސޮރު އެ ރަށަށް އަރުވާލާފައި ހުއްޓާ އޭނާ ގެއްލުނީ މަހަށް ގޮސް ހުރެފައި އާދަޔާ ޚިލާފު ވަރުގަދަ އޮއިގަނޑެއްގެ ތެރެއަށް ފުންމާލައިގެން. އެނގޭތަ.. އެއީ މަގޭ ކާފަ ސިހުރު ހެދި މާބަނޑު އަންހެނާ ވިހޭ ދަރިފުޅު. ކާފަ މަރުވުމަށްފަހުވެސް މަގޭ ބައްޕަ ދިޔައީ އެސޮރަށް ފާރަލާ ބަލަމުން. އެސޮރުގެ ފަރާތުން ފުރަތަމަވެސް ފެނުނު އާދަޔާ ޚިފާލު ކަމަކީ ރަށުގެ އޮޑިވެރިއެއްގެ ގެއަށް އެއްރޭ ގެންދިޔަ ހުރިހާ މަހެއް ވަގަށް ނެގުން. އަދި އެއްވެސް ވަރަކަށް އިންކާރު ކުރުމަކާ ނުލައި، އެކަން ކުރިކަމަށް އިޢުތިރާފުވުން. ކަންދިމާކުރި ގޮތުން އެ އޮޑިވެރިމީހާ އަކީ ރަށުގެ ނުފޫޒު ގަދަ ކަމުވޮށިގެންވާ މީހަކަށްވެފައި އޭރުގެ އާދަކާދަ ހުރިގޮތުން، މި ބުނާ ސޮރު ވަގުތުން މިތާ ކައިރި އަތޮޅެއްގެ ރަށަކަށް އަރުވާލެވުނީ.. އެހިސާބުން މަގޭ ބައްޕަވެސް އެ ރަށު ރައްޓެއްސެއްގެ އެހީއާއެކު އެރަށަށް، ދިވެހި ބޭސްކުރުމުގެ ނަމުގައި ބަދަލުވި..

މުއްދުސޮރަކީ އެ ރަށުގެ މީހުން އެސޮރަށް ކިޔާއުޅުނު ނަމެއް. އެ ރަށުގެ މީހުން ބުނާ އެއް ވާހަކައަކީ ވަރަށް ބޮޑު ހަގީގަތެއް. އެއީ އޭނާގެ ކިބައިން ފެންނަ އާދަޔާ ޚިލާފުކަމެއްގެ ވާހަކަ. އެ ރަށުގެ މީހުން ބުނާ ފަދައިން އޭނާއާއެކު މީހަކު ބޮއްކުރައެއްގައި މަހަށް ނުކުތަސް، މަސް ބޭނުމަށް ސަމާލުވެ އުޅުމަށްފަހު ބޮއްކުރާ ތެރެއަށް ބަލާއިރު، ބާނާ މަސް މަދުވަމުންދާކަން ފާހަގަ ކުރެވޭނެ. އެ ރަށުގެ މީހުން ޝައްކުކޮށް ކިޔާހެން އެމަސްތައް މުއްދޫސޮރު ރޮލާ ކަނީ. އަދި ކަށިފައްޗާއި ބޯ އެއްލާލަނީ."

— ނުނިމޭ —

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް