ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަޑުގަދަ ކުރެއްވުމުން ނަން އިއްވުމަށްފަހު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ތަޅަމުން ނެރެފި އެވެ.
މިއަދުގެ ޖަލްސާގައި ރޮޒައިނާ ނުރުހުންފާޅުކޮށް އަޑުގަދަކުރީ ރިޔާސަތުން ނިޒާމާ ބޭހޭ ނުކުތާ ނުދީގެނެވެ. އަދި ނިޒާމީ ނުކުތާ ނުދެއްވީ ކީއްވެގެންތޯ ތަކުރާރުކޮށް ރޮޒައިނާ ދިޔައީ ރިޔާސަތާ ސުވާލު ކުރައްވަމުންނެވެ.
ރޮޒައިނާ މަޖިލީހުގެ ތަޅަމުގައި އަޑުގަދަކުރެއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެފަހަރެއްގެ މަތިން މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ނަސޭހަތްތެރިވެފައެވެ. ދެވަނަ ފަހަރަށް ނަސޭހްތް ދިން އިރުވެސް އޭނާ ކޮޅަށް ހުއްނަވައިގެން އަޑުގަދަ ކުރަމުން ދިޔައެވެ. އެއަށްފަހު ނަން އިއްވެވުމުން ރޮޒައިނާ ވަނީ މަޖިލީހުގެ ތަޅަމުން ނުކުންނަވާފައެވެ.
ރޮޒައިނާ މަޖިލީހުގެ ތެރޭގައި އަޑުގަދަ ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު ބަޖެޓަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ.
މިއީ މަޖިލީހުގައި އެމްޑީޕީ މެމްބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިދިކޮޅުގެ މެމްބަރުންގެ ނަން އިއްވަވައި މަޖިލީހުގެ ތަޅަމުން ނަޝީދު ވަނީ ނެރުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް