ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގައިނައިޒޭޝަން (ޔުނެސްކޯ) ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރޕާރސަން އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް ޑރ ޢާއިޝަތު ޢަލީ ފްރާންސަށް ވަޑައިގެންފިއެވެ.
މިނިސްޓަރު އައިޝަތު އިއްޔެ ފްރާންސަށް ވަޑައިގެންނެވިއިރު، މި ބައްދަލުވުމުގައި އެކަމަނާ ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލެވެލް ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމާއި ޔުނެސްކޯ މެން އެންޑް ބައޮސްފިއަރ ކައުންސިލްގެ މެމްބަރަކަށް ދިވެހިރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ލޮބީ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެޑީއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން އެކުވެރި ޤައުމުތަކުގެ އެޑިޔުކޭޝަން މިނިސްޓަރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުން އަދި ތަޢުލީމީ އެކްސްޕަރޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާކުރައްވަން ހަމަޖެހިފައިވާކަމަށެވެ. އަދި އެފަރާތްތަކުން ރާއްޖެއަށް ފަންނީ އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވުމުގެ އިތުރުން، މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނެސްކޯގެ އެކިއެކި ބޯޑު ތަކާއި ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރާ ވޯޓްގައިވެސް ރާއްޖެއިން ބައިވެރިވާނެ ކަމުގައިވެސް އެމިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ފާޠިމަތު ނަޞީރާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު މަޢުޞޫމު ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިނިސްޓަރ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް