މި ދުނިޔެމަތީގައި އެކި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. ހައްތަހާވެސް އިމްތިހާނެވެ. މިފަދަ އިމްތިހާނަކާ ކުރިމަތިލަމުން އަންނަ އެކަކީ ޗައިނާގެ އުމުރުން 12 އަހަރުގެ ޒަން ޒިންޒިން އެވެ.
އޭނާ ދުވާލަކު ތިން ކިލޯ ނޫޑްލްސް ކައެވެ. ނޫޑްލްސް މީރު ކަމަކުން ނޫނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޒަން ހައިޒެންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.
ދުވަސްކޮޅެއް ކުރިން އެނގުނު ގޮތުގައި ޒިންޒިންގެ ކޮއްކޮއަށް ވަނީ ކަށީގެ ބައްޔެއް ޖެހިފައެވެ. އަދި ފުރާނަ ސަލާމަތް ކުރެވެން އޮތީ ބޯން މެރޯ ހަދައިގެންނެވެ. ޒިންޒިންގެ ލޭގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއިރު ބޯން މެރޯ ހެދުމަށް ސާމްޕަލް މެޗުވެއެވެ. އެހެންނަމަވެސް ޒިންޒިންގެ ބަރުދަނުގައި ހުރީ 40 ކިލޯ ކަމުން އެ އޮޕަރޭޝަން ކުރަން ޑަކުޓަރުން އަދި ދެކޮޅުހަދައެވެ. ޑަކުޓަރުން ބުނެފައިވަނީ ބަރުދަނުގައި އެންމެ ދަށްވެގެންވެސް 50 ކިލޯ ހުންނަން ޖެހޭނެ ކަމަށެވެ.
ޒިންޒިންގެ އާއިލާއަކީ ވަރަށް ފަގީރު އާއިލާއެކެވެ. ޒިންޒިން އޭނާގެ ކޮއްކޮއަށްޓަކައި ފަލަވާން މަސައްކަތް ކުރަމުން އަންނައިރު އޮޕަރޭޝަނަށް ފައިސާ ހޯދަންވެސް އުމުން އެންމެ 12 އަހަރުގެ ޒިންޒިން މަސައްކަތްކުރާކަމަށްވެއެވެ. އެގޮތުން ކޮންމެ ދުވަހަކު ފަރުބަދައެއްގެ މަތިން ތިން ކިލޯމީޓަރު ހުރަސްކޮށް ގޮސް ހެޒެލްނަޓްސް ހޮވައިގެން އައިސް އެ ނަޓްސް ވިއްކައެވެ.
އެހެންނަމަވެސް އަދިވެސް އެ އޮޕަރޭޝަން ކުރުމަށް އެ އާއިލާއަށް އިތުރަށް 80 ހާހަށްވުރެ ގިނަ ޑޮލަރު ބޭނުންވާނެ ކަމަށް ޗައިނާ ޑެއިލީގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް