މާފުއްޓާއި ގުރައިދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ބަޖެޓް ކޮމިޓީއާއި ހިއްސާކުރާނަން: އަސްލަމް

މާފުއްޓާއި ގުރައިދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަޖެޓް ކޮމިޓީއާއި ހިއްސާކުރައްވާނެ ކަމަށް އެމްޑީޕީގެ ލީޑަރޝިޕް 2019ގެ އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ މުހައްމަދު އަ...

14 Nov 2019 | 04:47

މާފުއްޓާއި ގުރައިދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަޖެޓް ކޮމިޓީއާއި ހިއްސާކުރައްވާނެ ކަމަށް އެމްޑީޕީގެ ލީޑަރޝިޕް 2019ގެ އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަސްލަމް މިހެން ވިދާޅުވެފައިވަނީ ކެމްޕެއިން ދަތުރުގައި ބުދަ ދުވަހު ހަވީރު މާފުއްޓާއި ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މާފުށީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބަލާއިރު، އެރަށަކީ ލޯކަލް ޓުއަރިޒަމްއަށް ވަރަށް ބަރޯސާވެފައިވާ ރަށަކަށްވާއިރު ރަށުގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދި ގުރައިދޫގެ ބިން ހިއްކުމަށް ބަޖެޓްގައި ހިމަނާފައިވާއިރު ރައްޔިތުންނާއި މަޝްވަރާކޮށް ބިން ހިއްކުމަށް ރައްޔިތުން އެދޭ ކަމަށްވެސް އަސްލަމް އަރިހުގައި ވަނީ އެދިފައެވެ.

އެހެންކަމުން މިދެކަންތަކަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ބަޖެޓް ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މެމްބަރެއްގެ ހައިސިއްޔަތުން އެދެރަށުގެ ވާހަކަ ހިއްސާކުރައްވާނެ ކަމަށާއި މިއީ ރައްޔިތުންގެ ހުރި ކަންބޮޑުތަކެއް ކަމަށެވެ.

އަދި މަޖިލީހުގެ ތަޅުމުގައިވެސް މިކަމަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަދި މި ދެރަށަކީވެސް ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ރަށްތަކަށްވާއިރު ރަށަށް ތަރައްޤީ އަންނަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕް 2019ގެ އިންތިހާބުގެ ވޯޓްލުން ކުރިއަށްދާނީ ނޮވެމްބަރު 22 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް