ހުޅުމާލެކޮޅުން ބުރިޖަށް އަރާ ހިސާބުން ހިނގި އެކްސިޑެންޓްގައި ކުޑަ އަންހެން ކުއްޖަކު މަރުވެފައިވާއިރު އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
އުމުރުން 13 އަހަރުގެ އަންޖުން ޝަފީގު މަރުވި ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ދީފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އެ ކޯޓަށް ހާޒިރުކުރުމުންނެވެ.
އިއްޔެ ރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޓީސީސީގައި ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އުމުރުން 54 އަހަރުގެ ދިވެއްސެކެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި އެކްސިޑެންޓާއި ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގިކަން ބަހުގައި ތިބި އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ. ފުލުހުން އެ ބަހުގެ ފޮރެންސިކް ތަހުގީގެއް ކުރަމުން އަންނަ ކަމުގައިވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން އަންޖުންގެ އާއިލާ މެމްބަރުން، މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބުނެފައިވާގޮތުގައި ސައިކަލުގައި ބަހުންޖެހި ސައިކަލު ވެއްޓި އަންޖުންގެ ބޯމަތިން ބަހުގެ ފުރޮޅު ދިޔަ ކަމަށެވެ. އެހާބޮޑު ގެއްލުމެއް ބޮލަށް ލިބުނީ އެހެންވެކަމަށް އާއިލާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް