މާލެ ސަރަހައްދުގައި ހަލުވި ކަމާއި އެކު އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ މަހުގެ މިހާތަނަށް 11،008 މީހަކު ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އޭގެ ތެރެއިން އިންފުލުއެންޒާއަށް ޕޮސިޓިވްވަމުން އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ބުނެ އެވެ.
އެގޮތުން މިމަހު ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓްކުރި 432 މީހުންގެ ތެރެއިން 192 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް 1،198 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކޮށްފައި ވާއިރު 365 މީހަކު ބައްޔަށް ޕޮޒިިޓިވް ވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 އެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން ކޯވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މި ދުވަސް ވަރު ހުންއައުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަަމަ އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށްް ދިއުމަށް އެދޭ ކަމަށެވެ. ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުންގެ ތެެރެއަށް ނުނިކުމެ ކޯވިޑް-19 އިން ރައްކާތެރިވުުމުގެ ގައިޑްލައިންތަކަށް ތަބާވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޯވިޑަށް ޓެސްޓްކުރާ އިރު ނެގެޓިވް ވިޔަސް، ރޯގާގެ އަލާމާތެއް ހުރި ނަމަ ގޭގައި މަޑުކުރުމަށް އެދެ އެވެ. އަދި ކޯވިޑްގެ ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވެކްސިން ޖެހުމަށް އެދިފައިވެ އެވެ.
ބަލިމީހުންނަށް ޒިޔާރަތްކުރަން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނުގެންދިއުމުގެ އިތުރުން ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އެޗްޕީއޭއިން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް