ކަންނެލި ދޯނިން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގަ ހަތް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯނިން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގަ ހަތް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާއި ގުުޅިގެން މަސްތުވ...

14 Oct 2020 | 06:31

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯނިން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގަ ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާއި ގުުޅިގެން މަސްތުވާތަކެތީގެ މި އޮޕަރޭޝަން ހިންގީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަންގައި އެ ދޯނިން 130 ގިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މިހާތަނަށް ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރީ ގއ. ވިލިނގިލި، ލައިޓްހައުސް، އުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އުމުރުން 48 އަހަރުގެ އަހްމަދު މޫސާ އެވެ.

މީގެ ތެރެއިން ޝަހީބު އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ގުޅުން ބާއްވާފައިވަނީ ޝަހީބު އެވެ. ފުލުހުން ބުނީ އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން ހަތް މީހުން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައި އެވެ.

މި މައްސަލައިގަ ހައްޔަރު ކުރި ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަހީބް  އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަޙްމަދު މުސާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް އެކޯޓުންވަނީ ދީފައެވެ. މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައި އެވެ.

ފުލުހުން ވަނީ ކަންނެލި ދޯނިން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގަ ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފައި އެވެ. މި އޮޕަރޭޝަންގައި ފުލުހުން ހޯދާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޓައެމްފިޓަމިން އާއި ހެރޮއިން އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް