މާދަމާއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ގެސްޓު ހައުސް ހިންގާ ރަށްރަށުގައި އާންމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނެފައިވާ ގޮތުގައި މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެސްޓު ހައުސް ހިންގާ ރަށްރަށުގައި ގެއިން ބޭރުގައި އުޅޭއިރު ހުރިހާ އެންމެން އުޅެންޖެހޭނީ އަނގަ، ނޭފަތް އަދި ދަތްދޮޅި ނިވާވާގޮތަށް މާސްކު އަޅައިގެންނެވެ. މިގޮތަށް އަންގާފައިވަނީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެ އެންގުމުގައި ބުނެފައިވާގޮތުގައި މަގުމަތީގައި މާސްކު އެޅުމުން އިސްތިސްނާވީ ހަތަރު ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން
ކަސްރަތު ކުރަން މަގުމަތީގައި އުޅޭ މީހުން ކަސްރަތު ކުރާއިރު
އެހެން މީހެއްގެ އެހީ އާއި ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން
ކެފޭ، ހޮޓާ އަދި ރެސްޓޯރެންތު ފަދަ ތަންތަނުގައި ހިދުމަތް ހޯދާ ފަރާތްތަކުން އެ ވަގުތު
މީގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މި އެންގުމަށް އަމަލު ކުރުމަށް ހުރިހާ އިދާރާތަކާއި އާންމުންނަށް އަންގާފައިވެ އެވެ. އަދި އެންގުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވެ އެވެ.
އާންމު ތަންތަނުގައި މާސްކު ނާޅާނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
ގެސްޓު ހައުސް ހިންގާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރު ކުރީ މާދަމާއިން ފެށިގެން ގެސްޓު ހައުސްތަކަށް ޓޫރިސްޓުންގެ ގެނައުމުގެ ހުއްދަދޭން ނިންމުމާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް