ދެހާސް ފަނަރަވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދޫ ކޮލެޖު އަތުން އެތަން އަތުލި މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަންދު ކޮލެޖަށް 50 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ދޮގު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި މި ދުވަސްވަރު ސަރުކާރުން ކުންފުނިތަކަށް ބަދަލު ދެމުން ގެންދާ ވާހަކަތައް ދައްކަމުން ގެންދާއިރު އެ ލިސްޓުގައި މަންދު ކޮލެޖަށް ނުވަތަ އިބްރާއަށް ވެސް ބަދަލުގެ ގޮތުގައި ފައިސާތަކެއް ދިން ކަމަށް ތުހުމަތު ކުރެއެވެ.
އެކަން ދޮގުކުރައްވާ އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މުދާތައް ފޭރިގަނެފައި ވާތާ ހަތަރު އަހަރުވެފައިވާ ކަމަށެވެ. އެކަން ބެލޭނެ އެއްވެސް މަގެއް ފެނިފައި ނުވާ ކަމަށާއި ސަރުކާރުގެ އިދާރާއަކުން ވެސް އަދި ޝަރީއަތަކުންވެސް އެކަމަށް މަގެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/ibramandhu/status/1183434440980086785?s=20
ރައީސް ޔާމީންގެ ސަރުކާރުގައި އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއީއެސް ހިންގަމުން އައީ އެތަނުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެތަނުގެ އެއްބަސްވުން ހަމަވުމުން އަލުން އެމްއީއެސް އެތަނުގެ ވެރިންނާ ހަވާލުކުރެވުނު ކަމަށާއި ނަމަވެސް އެމްއީއެސްގެ ވެރިން އަމަލުކުރީ އެއްބަސްވުމާއި ހިލާފަށް ކަމަށާއި އެއީ އެ އެއްބަސްވުމުގައި އެތަނުގައި ހިންގަންވާނީ ސްކޫލެއް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އޭރު އެޑިއުކޭޝަނުން ބުންޏެވެ. ނަމަވެސް އޭގެ ބަދަލުގައި އެ އިމާރާތުގައި ހިންގަމުން ދިޔައީ ކޮލެޖެއް ކަމަށާއި އެތަން އަތުލީ އެހެންވެގެން ކަމަށް އޭރު އެޑިއުކޭޝަނުން ބުންޏެވެ.
ދިހަ އަހަރު ދުވަހުގެ މުއްދަތަށް މަންދު ކޮލެޖަށް ދީފައިވާ އެމްއީއެސް އިމާރާތަކީ ކުރިން ރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންތަކެއް ކިޔަވަމުން ދިޔަ މަޝްހޫރު ސުކޫލެކެވެ. އެތަން ކޮލެޖަކަށް ބަދަލުކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި އެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކޮށް 2012 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ މަންދު ކޮލެޖް ހިންގަން އެމްއީއެސް އިމާރާތް ހަވާލުކުރުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގައި، ކޮލެޖް ހިންގާ ނަމަ އެތަން ބީލަމަކަށް ލައިގެން ބަޔަކާ ހަވާލުކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް