ރައްޔިތުންގެ މަޖިލީހަށް ގާނޫނު އެކުލާވަލުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ދެއްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވީ ގާނޫނު އަސާސީގެ 70ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއަކީ ގާނޫނު ހެދުން ކަމަށެވެ. ގާނޫނު އަސާސީގެ 70ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގައި ވަނީ ގާނޫނު އެކުލަވާލުމާއި ގާނޫނަށް ބަދަލު ގެނައުމާއި އަދި ގާނޫނު އުވާލުމުގެ މަސައްކަތް ކުރާނީ ރައްޔިތުން މަޖިލީހުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިއީ ގާނޫނު ހަދާ މަޖިލިސް، މި މަޖިލީހުން ގާނޫނު ހަދާނީ. ބަންޑާރަ ނާއިބުގެ އޮފީހުން މި މަޖިލީހަށް ހުށަހަޅަން ބޭނުންވާ ހައްދަވަން ބޭނުންފުޅުވާ އެއްވެސް ގާނޫނެއް މި މަޖިލީހަށް ހުށަހެޅުމުގައި އެއްވެސް ހާލެއްގައި ހުރަހެއް ނެތް. މި މަޖިލީހުން ހަދާ ގާނޫނެއް ހެދުމުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ބޭނުން ކުރުން އަދި މަޝްވަރާ ހޯދުން އެއީ އިންތިހާއަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ބައެއް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ގާނޫނު ހެދުމުގައި ބޭނުން ކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވިސްނިވަޑައިގެންފައި އެބަހުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ގާނޫނު ހެދުމަށް މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްވެސް އޮޅުމެއް ނެތް. އެއްވެސް އޮޅުމެއް ނެތް. އެހެންވީމަ ރައްޔިތުން މަޖިލީހުން ގާނޫނު އެކުލަވާލުމުގެ މަސައްކަތް ދާނީ ކުރިއަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުން ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާތީ ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި ސަރުކާރުގެ ވަޒީރުންވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް