މިރޭ އެޓްލެޓިކޯ މެޑްރިޑްގެ އައު ސްޓޭޑިއަމް "ވަންޑަ މެޓްރޮޕޮލިޓާނޯ" ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ބާސާއިން ކުޅޭ މެޗަކީ ލީގުގެ އާ ސީޒަންގައި މިހާތަނަށް ބާސެލޯނާއިން ކުރިމަތިލާނެ އެންމެ ބޮޑު މެޗެވެ. މި މެޗާ ކުރިމަތިލާއިރު ބާސާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން (9 މެޗް) މޮޅުވެ ސަތޭކަ އިންސައްތަ ރެކޯޑަކާއެކު އޮތުމެވެ. ސީޒަން ހުޅުވަން ހުޅުނު ސްޕެނިޝް ސްޕަކޮޕާގެ ދެ ލެގު، ދެ މެޗުން ބަލިވި ފަހުން ބާސެލޯނާ މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ.
މިރޭގެ މެޗުން އެޓްލެޓިކޯ ބަލިކުރެވިއްޖެނަމަ ބާސާއަށް އެޓްލެޓިކޯ މެޑްރިޑާ ދެމެދުގައިވާ ފަރަގު 9 ޕޮއިންޓަށް ބޮޑު ކުރެވޭނެއެވެ. ބާސާއިން މިރޭގެ މެޗާ ކުރިމަތިލާއިރު އެޓީމުން ބޮޑު އަގުގައި ގެނައި އޮސްމާނޭ ޑެމްބެލޭ ހުރީ އަނިޔާގައެވެ. މީގެއިތުރުން އާޑާ ތުރާން އަދި ރަފީނާ އަށްވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ. ބާސާއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މެސީ، ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ އެންމެފަހުން ކުޅުނު މެޗުގައި ހެޓްރިކް ހަދައި، ރަނގަޅު ފޯމެއްގައި ހުރުމެވެ. އަދި އަނިޔާގައި ހުރުމަށްފަހު އިނިއެސްޓާ އަލުން އެނބުރި އަހިސްފައިވުމެވެ.
ބާސާއަތުން ފަހުގެ ތާރީޚެއްގައި ލީގުގައި މޮޅުނުވުމުގެ ދިގުދެމިގެންދާ ހިތްދަތި ރެކޯޑް ނިމުމަކަށް ގެނައުމުގެ އުންމީދުގައި އެޓްލެޓިކޯ މެޑްރިޑުން މި މެޗާ ކުރިމަތިލާއިރު، ޝީމޭ ވެރިޝާލްކޯ އާއި އޮގަސްޓޯ ފެނާންޑޭޒްއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ. އެ ދެ ކުޅުންތެރިން ފިޔަވާ މުހިންމު އެހެން ހުރިހާ ކުޅުންތެރިން ތިބީ ފިޓްކޮށެވެ.
އެޓްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ބާސާ އާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 23:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް