އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ދެ ކްލަބް ވާދަވެރި މެޗަކަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވާދަވެރި މުހިންމު މެޗަކަށް މިއަދު ނުކުންނާނެއެވެ. މި ސީޒަން ފެށިގެން މިހާތަނަށް މޮޅު ކުޅުމެއް ދ...

14 Oct 2017 | 08:55

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވާދަވެރި މުހިންމު މެޗަކަށް މިއަދު ނުކުންނާނެއެވެ.

މި ސީޒަން ފެށިގެން މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު 7 މެޗުން ހޯދި 6 މޮޅާއެކު މި ވަގުތު ލީގު ތާވަލްގެ ދެ ވަނައިގައި އޮތްއިރު މިއަދުގެ މެޗުން މޮޅުވެގެން ތާވަލްގެ އެއް ވަނައަށް އެރޭނެއެވެ. އަނެއްކޮޅުން ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން އުންމީދާއެކު އާ ސީޒަނާ ކުރިމަތިލި ލިވަޕޫލްއަށް ފެށުން ގޯސްވެފައިވާއިރު، ޙާލާތު ރަނގަޅު ކުރުމަށް މިއަދުގެ މެޗަކީ މޮޅުވުން ކޮންމެހެންވެސް މުހިންމު މެޗެކެވެ. ލިވަޕޫލް މި ސީޒަނުގައި މިހާތަނަށް ކުޅުނު 7 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ، 3 މެޗުން އެއްވަރުވެ، އެއް ބައްޔާއެކު އޮތީ ތާވަލުގެ 7 ވަނައިގައެވެ. ނަމަވެސް ޔުނައިޓެޑް ބަލިކުރެވިއްޖެނަމަ އެޓީމާ ދެމެދު އޮތް ފަރަގު 4 ޕޮއިންޓަށް ކުޑަ ކުރެވޭނެއެވެ.

މި މެޗާ ކުރިމަތިލާއިރު، ލިވަޕޫލް ވަރަށް ރަނގަޅަށް، އޭނާ އާއި އޭނާގެ ޓީމަށް އެނގޭކަމުގެ ޔަގީންކަން އެބައޮތްކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފައެވެ. ލިވަޕޫލްގެ ކުޅުންތެރިންނާއި ކޯޗުގެ ފެންވަރުވެސް އެނގޭކަމަށާއި، ފާއިތުވި ދެތިން ހަފުތާގައި އިތުރަށް ސަމާލުކަންދީގެން އެ ޓީމުގެ ކުޅުން ދިރާސާކޮށްފައި ވާނެކަމަށްވެސް މޮރީނިއޯވަނީ ބުނެފައެވެ. އެހެނަސް މި މެޗަކީ ވަކިން ހާއްސަ ބޮޑު މެޗެއްގެ ގޮތުގައި ސިފަކުރުމަށް މޮރީނިއޯ ވަނީ ދެކޮޅު ހަދާފައެވެ.

" ބޮޑު މެޗަކަށްވަނީ ހަމައެކަނި މެންޗެސްޓާ ސިޓީ، ލިވަޕޫލް ނުވަތަ ޗެލްސީ އާއެކު ކުޅޭ މެޗްތައް ކަމަށްވާނަމަ ސީޒަންގައި ކުޅެން އޮންނާނީ ބޮޑު މެޗުގެ ގޮތުގައި އެންމެ 6 މެޗް". 54 އަހަރުގެ ކޯޗް މޮރީނިއޯ ބުންޏެވެ. މޮރީނިއޯ އިތުރަށް ބުނީ ޕްރިމިއާ ލީގު ފަދަ މުބާރާތެއް ކާމިޔާބު ކުރަން ބޭނުންނަމަ، ލީގުގެ ފަހުކޮޅުގައި ވަކި ޚާއްސަ އަމާޒަކަށް ދެތިން ޓީމެއް ވާދަކުރަން ނުޖެހޭހާ ހިނދަކު ކޮންމެ މެޗެއް އަދި ކޮންމެ ޕޮއިންޓަކީވެސް މުހިންމު މެޗެއް އަދި ޕޮއިންޓެއްކަމަށެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ލިވަޕޫލަށް ކާމިޔާބު ހޯދައިދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، މަތީ ފަންތީގައި ވާދަ ނުކުރެވޭނެކަމަށް ނުވަތަ ކާމިޔާބު ހޯދައި ނުދެވޭނެކަމަށް ގަބޫލުކުރެވިއްޖެނަމަ މަގާމުން ވަކިވާނެކަމަށެވެ. ލިވަޕޫލުން މިރޭގެ މެޗާ ކުރިމަތިލާއިރު، ކްލޮޕްއަށް އެންމެ ބޮޑު ބޮލު ރިހުމަކަށްވާނީ ލިވަޕޫލަށް މިސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އައި ސަޑިއޯ މާނޭ އަނިޔާގައި ހުރުމުގެ ސަބަބުން މި މެޗްގައި ނުކުޅެވުމެވެ.

ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މި މެޗް ފަށާނީ ދިވެހިރާއްޖޭގެ ގަޑިން 16:30 ގައެވެ.

ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ވާދަވެރިކަމުގެ ތެރެއިން މުހިންމު ބައެއް މަޢުލޫމާތު:

* ލިވަޕޫލުން ޔުނައިޓެޑާ ދެކޮޅުން ލީގުގައި އެންމެފަހުން ކުޅުނު ހަ މެޗުންވެސް މޮޅެއް ހޯދިފައެއް ނުވޭ (2 ބަލި، 4 އެއްވަރު).

* ޔުނައިޓެޑުން ލިވަޕޫލްގެ އެންފީލްޑްގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން 3 މެޗުން ވަނީ މޮޅުވެފައި (3 މޮޅު، 1 އެއްވަރު، 1 ބަލި). އެންމެފަހުން އެ ދަނޑުގައި ޔުނައިޓެޑް ކުޅުނު ދެ މެޗްގައިވެސް ބައިކޮޅަށް ގޯލެއް ވަދެފައެއް ނުވޭ.

* މިއަހަރުގައި ޔުނައިޓެޑުން ވަނީ ލީގުގައި ކުޅުނު 17 މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓާފައި.

* ހޯސޭ މޮރީނިއޯ ކޯޗު ކޮށްދިން ޓީމަކާ ދެކޮޅަށް ނުކުމެ ކްލޮޕް ކޯޗުކޮށްދިން ޓީމެއް ބަލިވެފައިވަނީ އެންމެ މެޗަކުން. ކްލޮޕް ވަނީ މޮރީނިއޯގެ މައްޗަށް 3 މެޗުން ކުރި ހޯދާފައި. އަދި 3 މެޗް އެއްވަރު ކޮށްފައި.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް